މަރުނުވެ އަބަދަށް ދުނިޔޭގައި ހުންނަން އުޅުނު ވިޔަފާރިވެރިޔާއަށް "މަރު ބައްޔެއް" ޖެހިއްޖެ
ހުސެއިން އާދަމް

މަރު ބަލިކޮށްލާ، ދުވަހަކުވެސް މަރުވިޔަ ނުދިނުމަށް މަސައްކަތްކުރާ އެމެރިކާގެ ބަޔޯހެކަރަކު، ފަސްނުކުރެވޭނެ އޮޓޯއިމިއުން ބައްޔެއް އޭނާއަށް ޖެހިފައިވާކަން ހާމަކޮށްފިއެވެ.
އުމުރުން ދުވަސްވުމުގެ މަރުހަލާ ފަހަތަށް ޖެއްސުމަށް މަސައްކަތްކުރާ ޓެކްނޮލޮޖީގެ ދާއިރާގެ ވިޔަފާވެރިއެއް ކަމަށްވާ ބްރަޔަން ޖޯންސަން، ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ހާމަކުރި ގޮތުގައި އޭނާ ތަހައްމަލު ކުރަމުންދަނީ 'އޮޓޯއިމިއުން ގެސްޓްރައިޓިސް' އެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އޮޅިގެން ބަނޑުގެ ދިރުންތަކަށް ހަމަލާދޭ ބައްޔެކެވެ.
"މަގޭ ބަނޑު މިދަނީ އަމިއްލައަށް ކަމުން،" މިދިޔަ ހަފުތާގައި ޖޯންސަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ބަލި ހުރިކަން އެނގުނީ މެއި މަހުގައެވެ. އަދި މީގެ ސަބަބުން ސިއްހަތަށް ދިގު މުއްދަތުގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. "އޭއައިޖީގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތައް ލިބޭ. ކާނާގެ މާއްދާތައް މަދުވުމާއި، ލޭމަދުވުމާއި، އަދި ދިގު މުއްދަތަކަށް ބަލާއިރު ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވުން،" އޭނާ ބުންޏެވެ.
"މިއަދު އޭއައިޖީ ފެނުމުން، އާންމު ބޭސްވެރިކަމުގައި ބަލި ގަބޫލުކުރަނީ ބަލިކަށިވެފައިވާ ކަމަށް. އެއީ ބަލީގެ އަސަރުތައް ކިތަންމެ ނުރައްކާތެރި ނުވަތަ ފުރާނައަށް ގެއްލުން ހުރި ނަމަވެސް، ބަލި ކޮންޓްރޯލް ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭނެ ކަމަށް ބުނެ." އޭނާ ލިޔެފައިވެއެވެ.
އޭނާ ދައުވާކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ދޭއް ނުވަތަ ފަސް އިންސައްތަ މީހުންނަށް މި ބަލީގެ އަސަރު ކުރެއެވެ.
2025 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި އޮސްޓްރޭލިއާގެ އާބާދީގެ ގާތްގަނޑަކަށް އަށް އިންސައްތަ ނުވަތަ 2.24 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. ގްލޯބަލް އޮޓޯއިމިއުން އިންސްޓިޓިއުޓުން ބުނާ ގޮތުގައި، އޭއައިޖީގެ ކުރީކޮޅުގެ އަލާމާތްތަކަކީ ބަނޑުގައި ރިއްސުމާއި، ބަނޑު ފުއްޕުމާއި، މޭ އެންދުން ފަދަ އާންމު ކަންކަމެވެ. މީގެ މާނައަކީ ގިނަ ފަހަރަށް މި ބަލި ދެނެނުގަނެވި ނުވަތަ އެހެން ބައްޔެއް ކަމަށް ނިންމިފައި އޮވެދާނެއެވެ. މީގެ ސަބަބުން ބަލި ދެނެގަނެވެނީ މާ ލަހުން ކަމަށްވާތީ، ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވެއެވެ.
ޖޯންސަން ބުނާ ގޮތުގައި އޭނާއާއި އޭނާގެ މެޑިކަލް ޓީމުން މަސައްކަތް ކުރާނީ "މިހާރުގެ ބޭސްވެރިކަމުގެ މިންގަނޑުތަކާ" ތަފާތު ގޮތަކަށް ބަލި ކޮންޓްރޯލް ކުރުމަށެވެ. މީގެ ތެރޭގައި "އެންމެ ރަނގަޅުވެގެން ވެސް ތަހުގީގީ ޕްރީކްލިނިކަލް ހެކިތަކުގެ" މައްޗަށް ބިނާވެފައިވާ ފަރުވާތައް ހިމެނެއެވެ.
މީގެ ތެރޭގައި ބަނޑުގެ ފާރަށް ހަމަލާދޭ ސެލްތައް ރިސެޓް ކުރުމާއި، އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އެންޓިބޮޑީސް ބޭނުންކޮށްގެން އެ ނުރައްކާތެރި ސެލްތައް ނައްތާލުން ހިމެނެއެވެ.
ޖޯންސަން ބުނި ގޮތުގައި އޭނާއަށް އޭއައިޖީއާއި، ދަގަނޑުގެ ބައި މަދުވުމާއި، އަދި ތައިރޮއިޑްގެ އޮޓޯއިމިއުން ބަލި ޖެހުމަށް މެދުވެރިވި އެއް ސަބަބަކީ ކުޑައިރުގައާއި ޒުވާން ދުވަސްވަރު އޭނާގެ ކިބައިގައި ހުރި އާދަތަކެވެ. "ކުޑައިރު އަހަރެން ކައި އުޅުނީ ހަކުރު ގިނަ ސީރިއަލް، ބޮއެ އުޅުނީ ހަކުރު ގިނަ ސޯޑާ، އަދި ފާސްޓް ފުޑް އިންތިހާއަށް ކައި އުޅުނިން،" އޭނާ ބުންޏެވެ.
"އުމުރުން 20 ގެ އަހަރުތަކުގެ ކުރީކޮޅު ސިއްހަތު ރަނގަޅު މަދު އަހަރުތަކެއް ދިޔަ. ނަމަވެސް އޭގެ ފަހުން ތިން ކުދިންގެ ބައްޕައަކަށްވެ، ވިޔަފާރިއެއް ބިނާކުރަން ފެށިން." "އެ ސްޓްރެސްއާއި ބުރަ މަސައްކަތުގެ ތެރޭގައި، ސިއްހަތަށް ދެވޭ ސަމާލުކަން ކުޑަވެ 40 ޕައުންޑް (18 ކިލޯ) ބަރުވި. މަދު އަހަރުތަކެއްގެ ތެރޭގައި އަހަރެން ވަރަށް ބޮޑަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނު."
ޖޯންސަން އަކީ އީ-ކޮމާސް ކުންފުނި 'ބްރެއިންޓްރީ' އުފެއްދި މީހާއެވެ. އޭނާ އެ ކުންފުނި 2013 ވަނަ އަހަރު ޕޭޕަލްއަށް ވިއްކާލީ 800 މިލިއަން އެމެރިކާ ޑޮލަރަށެވެ. އޭނާ އެ ފައިސާ ބޭނުންކުރަމުންދަނީ އުމުރުން ދުވަސްވުމުގެ މަރުހަލާ ފަހަތަށް ޖެއްސުމަށާއި، އަދި މަރު ނުވެ ހުރެވޭނެ ގޮތްތައް ހޯދުމަށެވެ. އޭނާ ވަނީ ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
އެގޮތުން އެކްސްގައި 1.5 މިލިއަން ފޮލޯވަރުން، އިންސްޓަގްރާމްގައި 2.6 މިލިއަން ފޮލޯވަރުން އަދި ޔޫޓިއުބްގައި 2.1 މިލިއަން ސަބްސްކްރައިބަރުން އެބަތިއްބެވެ.
އުމުރުން ދުވަސްވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުން ޖޯންސަން ވަނީ 'ޕްރޮޖެކްޓް ބްލޫޕްރިންޓް' އިފްތިތާހުކޮށްފައެވެ.
އޭނާގެ ޔޫޓިއުބް އެކައުންޓްގައިވާ ބަޔޯގްރަފީގައިވާ ގޮތުން، އޭނާ ވަނީ އޭނާ މުސްކުޅިވާ ރޭޓް 31 އަހަރާ އެއްވަރުގެ މިންވަރަކަށް ލަސްކޮށްފައެވެ.
އޭނާގެ އޮސްޓްރޭލިއާގެ ލޯބިވެރިއަކު ހުރެއެވެ. އެއީ ކޭޓް ޓޯލޯ އެވެ. އޭނާއަކީ ޖޯންސަންގެ ބަޔޯހެކިންގ ދަތުރާއި ޕްރޮޖެކްޓް ބްލޫޕްރިންޓްގެ އެއް ބާނީއެވެ.
ޖޯންސަންގެ އަމާޒުތައް ވަނީ 2025 ވަނަ އަހަރު ނެޓްފްލިކްސް އިން ނެރުނު ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޑޯންޓް ޑައި: ދަ މޭން ހޫ ވޯންޓްސް ޓު ލިވް ފޮރެވަރ" ގައި ތަފްސީލުކޮށް ގެނެސްދީފައެވެ.