ހިޔާ ފްލެޓްގައި އުޅޭ ކޮންމެ މީހެއްގެ އުމުރުން ދެދުވަސް ރައީސް އިތުރުކޮށްދެއްވައިފި: މެމްބަރު ޖަނާބު
ހުސެއިން އާދަމް

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގައި އަލަށް ހަރުކުރި ލިފްޓުތަކާއެކު، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ އުމުރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެ ދުވަސް އިތުރުކޮށްދެއްވާފައިވާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ މެންބަރު ޖަނާބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ހިޔާ ޓަވަރުތަކުގައި ހަރުކުރި އާ ލިފްޓުތަކުގެ ސަބަބުން، ކޮންމެ ރައްޔިތެއްގެ އުމުރަށް ދެ ދުވަސް އިތުރުވެފައިވާ ކަމަށެވެ.
"ހިޔާ ޓަވަރުގައި ރައީސްގެ ވިސްނުންފުޅާ އެއްގޮތައް ހަރުކުރެވިގެން ދިޔަ އައު ލިފްޓްކުގެ ސަބަބުން ދިރިއުޅޭ ކޮންމެ ރަށްޔިތަކަށް 2 ދުވަސް ޙަޔާތައް އެ އިތުރުވެގެން ދިޔައީ. އެއީ ގާތްގަނޑަކަށް 3650 މިނެޓް ގާތްގަނޑަކަށް 61 އެއް ގަޑިއިރު ސަލާމަތްވީ." ޖަނާބު ވިދާޅުވިއެވެ.
އެއީ ގާތްގަނޑަކަށް 3,650 މިނެޓު ނުވަތަ 61 ގަޑިއިރުގެ ސަލާމަތްވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހިސާބުތަކަށް ބާރުދޭ އެއްވެސް ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ މިންގަނޑެއް މެންބަރު ހާމަކުރައްވާފައެއް ނުވެއެވެ. އޭނާގެ މި ވާހަކައަކީ އާންމުކޮށް ލިބެން ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުރެ ބޮޑަށް، އަމިއްލަ އަންދާޒާއެއް ނުވަތަ މާނަކުރުމެއް ކަމަށް ބެލެވެއެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކުން، އެޗްޑީސީން ނުވަތަ މިނިވަން ދިރާސާއަކުން ވެސް، އާ ލިފްޓުތަކުގެ ސަބަބުން ރައްޔިތުންގެ އުމުރަށް ދެ ދުވަހާ އެއްވަރުގެ ވަގުތެއް އިތުރުވެފައިވާ ކަމަށް ދައްކާ އެއްވެސް ހޯދުމެއް އާންމުކޮށްފައެއް ނުވެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި، ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރާއި އެ ކޯޕަރޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިން 25 ބުރީގެ 16 ހިޔާ ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުރީ އެންމެ ތިން ނުވަތަ ހަތަރު ލިފްޓެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ، ލިފްޓަށް އެރުމަށް ގިނަ ވަގުތު މަޑުކުރަންޖެހުމުގެ ޝަކުވާ އާންމުން ތަކުރާރުކޮށް ކުރަމުންދިޔައެވެ.
މިއަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެޗްޑީސީން ބުނި ގޮތުގައި އަލަށް ހަރުކުރި ލިފްޓުތަކަކީ ސްޓްރެޗަރ އެރުވޭހާ ޖާގަ ތަނަވަސް އަދި އެއްފަހަރާ 21 މީހުންނަށް އެރުވޭނެ ގާބިލުކަން ހުރި ލިފްޓުތަކެކެވެ. ރަސްމީކޮށް އިފްތިތާހު ކުރުމުގެ ކުރިން ވެސް ބައެއް ލިފްޓުތަކުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވެއެވެ.
އިތުރު ލިފްޓުތަކުގެ ސަބަބުން މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަމަށް ބެލެވުނު ނަމަވެސް، ކޮންމެ ރައްޔިތަކަށް އެވްރެޖްކޮށް 3,650 މިނެޓު ނުވަތަ ގާތްގަނޑަކަށް 61 ގަޑިއިރު ސަލާމަތްވެފައިވާކަން ހާމަކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. މިފަދަ ނިންމުމަކަށް ވާސިލުވުމަށްޓަކައި، ލިފްޓު ބޭނުންކުރާ ގޮތުގެ އުސޫލުތަކާއި، މަޝްރޫއުގެ ކުރިންނާއި ފަހުން މަޑުކުރަންޖެހޭ ވަގުތުގެ އަޅާކިޔުންތަކާއި، އަދި ވަގުތު ސަލާމަތްވި މިންވަރު ހިސާބުކުރާނެ ސާފު މިންގަނޑުތަކެއް ހިމެނޭ ތަފާސްހިސާބުތައް ބޭނުންވާނެއެވެ.
ކޮމެންޓް (1)
ކޮމެންޓް ލިޔުމަށް
މިކަހަލަ ހަރާންކޯރުން ރާއްޖޭގަ މަދުވާނެ!