ވޯލްޑްކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ ކުޅުންތެރިޔަކު މަރުވެއްޖެ
ހުސެއިން އާދަމް

ދެކުނު އެފްރިކާ އަދި މަމެލޯޑީ ސަންޑައުންސްގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް، ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ކުޅުނުތާ ދެހަފްތާއެއްގައި ދުވަސް ފަހުން، އުމުރުން 25 އަހަރުގައި މަރުވެއްޖެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެފްރިކާ ކުޅުނު ތިން މެޗުގައިވެސް އެޑަމްސް ފެނިގެންދިޔައެވެ. އެ ޓީމު ވަނީ ނޮކައުޓް ބުރަށް ދަތުރުކޮށް، ގަދަ 32 ގެ ބުރުގައި ކެނެޑާ އަތުން ބަލިވެފައެވެ.
ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗަރ ގޭޓަން މެކެންޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "ޖޭޑަން އެޑަމްސް މަރުވި ޚަބަރު އަޑުއެހީ ނުހަނު ބޮޑު ސިހުމަކާއި ފުން ހިތާމައަކާއެކު" ކަމަށެވެ.
"ދެކުނު އެފްރިކާގެ ފުޓްބޯޅައަށް މިވަނީ އެންމެ އުންމީދީ އެއް ޒުވާން ހުނަރުވެރިޔާ ގެއްލިފައި. އެކަޑަމީގެ އުންމީދީ ކުޅުންތެރިއަކުން ފެށިގެން ބަފާނާ ބަފާނާގެ ފުލް އިންޓަނޭޝަނަލް ކުޅުންތެރިއަކަށް އޭނާ ވެގެންދިޔަ މަންޒަރު ބަލަން ތިބި މިލިއަނުން ސަޕޯޓަރުންނާއި، އޭނާގެ ޓީމު މެންބަރުންނާއި، އާއިލާއާއެކު މުޅި ގައުމު މިއަދު މިވަނީ ހިތާމައިގައި ބައިވެރިވެފައި،" އޭނާ ވިދާޅުވިއެވެ.
ދެކުނު އެފްރިކާގެ ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު ކޭޕް ޓައުންގެ މެދުތެރޭގެ ސަރަހައްދެއް ކަމަށްވާ ޝޮޓްޝެކްލޫފްގެ ގެއެއްގެ ތެރެއިން 25 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މެކެންޒީ އިތުރަށް ވިދާޅުވީ "ޖޭޑަން މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، މި ދަތި ވަގުތުގައި އޭނާގެ އާއިލާއަށާއި މަމެލޯޑީ ސަންޑައުންސްއަށް ބޭނުންވާ މިނިވަންކަމާއި ޒާތީ ފުރުސަތު ދިނުމަށާއި، އެކި ގޮތްގޮތަށް ވާހަކަ ނުފެތުރުމަށާއި، ކެތްތެރިކަން އިސްކުރުމަށް މީޑިއާތަކާއި އާންމުންގެ ކިބައިން އެދެން. އެއްވެސް ރަސްމީ މައުލޫމާތެއް އޮތް ނަމަ، ކަމާބެހޭ ފަރާތްތަކުން އެކަން ހާމަކުރަމުންދާނެ." ކަމަށެވެ.
ގްރޫޕް އޭ ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާގެ މާމަ މަރުވިކަން އެނގުނު ނަމަވެސް، އެޑަމްސް ވަނީ އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ބުނީ، 2022 ވަނަ އަހަރު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން އެޑަމްސް "ކުއްލި ގޮތަކަށް ވަކިވެދިއުމުން ބޮޑު ހިތާމައެއް ލިބިފައިވާ" ކަމަށެވެ.
"ޖޭޑަން ވަނީ ދާދި ފަހުން 2026 ގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ ތަމްސީލުކޮށް، ފަޚުރުވެރިކަމާއި ހިތްވަރާއެކު ގައުމުގެ އުންމީދުތައް އުފުލާފައި. އޭނާގެ ވަކިވުމަކީ އޭނާގެ އާއިލާއަށާއި، ޓީމު މެންބަރުންނަށާއި، ކްލަބްތަކަށާއި، ފުޓްބޯޅަ އާއިލާއަށާއި މުޅި ގައުމަށް ލިބުނު އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް. ދެކުނު އެފްރިކާގެ ފުޓްބޯޅައަށް މި ގެއްލުނީ ހުނަރުވެރި ކުޅުންތެރިއެއް، ކުޅިވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެއް، އަދި ކުރިމަގުގައި ގިނަ ކަންތައްތަކެއް ހާސިލުކުރެވެން އޮތް ޒުވާން ފުރާނައެއް."
އެޑަމްސް އޭނާގެ ކެރިއަރު ފެށީ ސްޓެލެންބޮޝް އެފްސީންނެވެ. އޭގެ ފަހުން 2025 ޖެނުއަރީގައި މަމެލޯޑީ ސަންޑައުންސްއަށް ބަދަލުވެ، އެ ޓީމާއެކު ލީގު ޗެމްޕިއަންކަމާއި އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ.
އޭނާ އަކީ 2024 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެކުނު އެފްރިކާ ސްކޮޑުގެ މެންބަރެކެވެ. އޭގެ ފަހުން ހޫގޯ ބްރޫސްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދިއިރު، އެ މުބާރާތުގައި އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ނޮކައުޓް ބުރަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.