ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ތިލަފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ބިދޭސީންގެ އަދަދާ މެދު ދެ މުއައްސަސާގެ މެދުގައި ތަފާތުތަކެއް ހުރިކަން ހާމަވެއްޖެއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކާއި، ފެރީ ޓާމިނަލް އަދި ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދު ހިމެނޭހެން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 35 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 31 މީހުންނާއި، އިންޑިއާގެ 3 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.
ނަމަވެސް، އިމިގްރޭޝަނުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ ތިލަފުށީގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 32 ބިދޭސީއަކު ކަމަށެވެ. މިގޮތަށް އަދަދުތައް ދިމާނުވުމުގެ އިތުރުން، މި އޮޕަރޭޝަން އަސްލު ހިންގީ ކޮން މުއައްސަސާއަކުން އިސްނަގައިގެން ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ވިސާގެ މުއްދަތު ހަމަވެފައިވާ މީހުންނާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރާ މީހުންގެ އިތުރުން، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދާ މީހުން ހިމެނެއެވެ. މީގެ އިތުރުން ވޯކް ޕާމިޓް ފީ ނުދައްކާ މީހުންނާއި މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ނަމަވެސް، ދެ މުއައްސަސާއިން ހާމަކުރި އަދަދުތަކުގައި ހުރި ފަރަގާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.