މުއިއްޒުގެ ކޮންޓްރޯލް އޮތް ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި މިއަދު ގެޒެޓްކޮށްފިއެވެ. މި ބަދަލާއެކު ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ފަނޑިޔާރުން ވަކިކުރުމުގެ ފުރިހަމަ ބާރު ޖޭއެސްސީއަށް މިވަނީ ލިބިފައެވެ.
ޖޭއެސްސީގެ މި ނިންމުން އައިއިރު، އެ ކޮމިޝަންގެ މެޖޯރިޓީ މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައެވެ. ކޮމިޝަންގައި ހިމެނޭ ރައީސް ކޮންޓްރޯލް ކުރާ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަންޑާރަނައިބު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު އަދި މަޖިލީހުން ކަނޑައަޅާ މެންބަރު ހިމެނެއެވެ.
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލުމާއި، ކުރިމަތިލާ ފަނޑިޔާރުންނާ އިންޓަވިއުކޮށް މަގާމަށް ބޭފުޅަކު ކަނޑައެޅުމަކީ ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުން ކުރާ ކަމެކެވެ. މި އާ ގަވާއިދާއެކު، ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިއަދު ގެޒެޓްކުރި "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު މަގާމުން ދުރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެނިއްޖެ ހާލަތެއްގައި އެ ފަނޑިޔާރަކު އެ މަގާމުން ވަކިކުރުމުގެ އިހުތިޔާރު ޖޭއެސްސީއަށް އޮންނާނެއެވެ.
މިހާތަނަށް އަމަލުކުރަމުން އައި އުސޫލުތަކަށް ބަލާއިރު، އިސް ފަނޑިޔާރަކު އެ މަގާމުން ވަކިވަނީ އަމިއްލައަށް އިސްތިއުފާ ދެއްވުމުން ނުވަތަ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ. ނަމަވެސް އާ ގަވާއިދުގެ ދަށުން ފަނޑިޔާރުކަމުގައި ދެމިހުރި ނަމަވެސް، އިސް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ ބާރު މިވަނީ ކޮމިޝަނަށް ދީފައެވެ.