މުއިއްޒު އާރަށަށް ކޮންމެ ދުވަހަކު ކުރާ ދަތުރުތަކުގެ ހަރަދަކީ ބޮޑު ސިއްރެއް - ސަރުކާރު
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ އަދަދާއި އެ ދަތުރުތަކަށް ހިނގި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެ ހަރަދުތައް ދައުލަތުގެ "ބޮޑު ސިއްރަކަށް" ހަދައިފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެމުން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހާމަކޮށްފިނަމަ، އެ މައުލޫމާތުގެ އަލީގައި އެމަނިކުފާނުގެ މޫވްމަންޓް ހުންނަ ގޮތް ދެނެގަނެވިދާނެ ކަމަށް ފެންނަ ކަމަށެވެ. މީގެ ތެރޭގައި މިއަހަރުގެ މިހާތަނަށް ކުރެއްވި ދަތުރުގެ އަދަދާއި، ބަޖެޓުން ހިނގި ޚަރަދާއި، ދަތުރުތަކުގައި ބައިވެރިވި މީހުންގެ ތަފްސީލު ހިމެނެއެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އާރަށަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ހޭދަކޮށްލެއްވުމަށް ދައުލަތުން ކަނޑައަޅާފައިވާ ރަށެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ތަންތަނާއި އެމަނިކުފާނުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން އެމްއެންޑީއެފްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މައުލޫމާތު ހާމަނުކުރުމަށް ނިންމި ސަބަބުތައް ތަފްސީލުކޮށްދެމުން ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) އަށް މިނިސްޓްރީން ވަނީ ރިއާޔަތްކޮށްފައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ އެހެން ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި، އެހެން ގާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަންކަން ހާމަކުރުން އިސްތިސްނާވާނެ ކަމަށް ބުނެފައިވާތީ، މި ދެންނެވި ގާނޫނީ ހުއްޖަތްތަކަށް ބަލައި އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.