ދުނިޔެ

ފަލަސްތީނުގެ އަސީރުން ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމަށް އިސްރާއީލުން އެބަރާވާ - ރިޕޯޓް

ހއ

ހުސެއިން އާދަމް

18 ޖުލައި 2026
07:16
ފަލަސްތީނުގެ އަސީރުން ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމަށް އިސްރާއީލުން އެބަރާވާ - ރިޕޯޓް

ޖަލުތަކުގެ ސަލާމަތީ ކަންކަމުގެ ބައެއްގެ ގޮތުގައި ކިނބޫ ބޭނުންކުރުމަށް އޮތް ހުރަސްތައް ނައްތާލުމުގެ ގޮތުން، އިސްރާއީލުން ނީލަ ކިނބޫ އަކީ "ގެންގުޅެވޭ" ޖަނަވާރުތަކެއްގެ ގޮތުގައި އަލުން ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖަލުތަކުގެ ވަށައިގެން ކިނބޫ އަޅާފައިވާ ތަންތަން ހެދުމަށް ހުށަހެޅި މި ހުށަހެޅުމަކީ، މިދިޔަ އަހަރުގެ ފަހުކޮޅު އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހުށަހެޅި ކަމެކެވެ. އޭނާ ވަކާލާތު ކުރި ގޮތުގައި މި ޖަނަވާރުތަކުގެ ސަބަބުން ސަލާމަތީ ކަންކަން ވަރުގަދަވެ، ޖަލުން ފިލަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެއެވެ.

މި މަޝްރޫއަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްރާއީލް ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީން ކުރިން ނިންމީ، ނީލަ ކިނބުލަކީ ހަމައެކަނި ޖަނަވާރުން ރައްކާތެރިކުރާ މަރުކަޒުތަކުގައި ބޭތިއްބޭނެ ވަލު ޖަނަވާރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުންނެވެ.

ނަމަވެސް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު އިދިތު ސިލްމަން ނީލަ ކިނބުލަކީ "ގެންގުޅެވޭ ވަލު ޖަނަވާރެއް" ކަމަށް އަލުން ކަނޑައެޅުމާ ގުޅިގެން އެ ގާނޫނީ ހުރަސް މި ހަފުތާގައި ނައްތާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެއެވެ.

މި އާ ގިންތިކުރުމުގެ ސަބަބުން، ޖަލުތައް ހިމެނޭ ގޮތަށް ތަފާތު އެކި ތަންތަނުގައި މި ޖަނަވާރުތައް ގެންގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީގެ ގާނޫނީ މުޝީރުގެ އިންޒާރުތަކާ ހިލާފަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ގާނޫނީ މުޝީރު ވިދާޅުވި ގޮތުގައި ކިނބޫތަކުގެ ދަރަޖަ އަމިއްލައަށް ނިންމައި، ޖަލުތަކުގައި އެ ސޫފިތައް ބޭނުންކުރުމަށް މަގުފަހިކުރުމުގެ ބާރު ސިލްމަންއަށް ލިބިގެންނުވެއެވެ. މީގެ ހަފުތާތަކެއް ކުރިން ބެން-ގްވީރު އާއި ސިލްމަން ވަނީ ގާނޫނީ މުޝީރާއި ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީގެ ވެރިޔާ ރާޔާ ސޮރާކީއާ ބައްދަލުކުރައްވައި، މި ޝައްކު އުފެދޭ މަޝްރޫއު ގަބޫލުކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވާފައެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބެން-ގްވީރު ބޭނުންވަނީ އެންމެ ފުރަތަމަ މި ޖަނަވާރުތައް އިސްރާއީލުގެ ދެކުނުގައި ހުންނަ، މައިގަނޑު ގޮތެއްގައި ފަލަސްތީނުގެ އަސީރުން ބަންދުކޮށްފައި ތިބޭ ކެޓްޒިއޮޓް ޖަލަށް ތައާރަފްކުރުމަށެވެ.

އޭނާ މި ހުށަހެޅުން ފުރަތަމަ ހުށަހެޅުމުން، އިސްރާއީލް ޕްރިޒަން ސާވިސް (އައި.ޕީ.އެސް) އިން އެކަން ދިރާސާކޮށް، ޖަނަވާރުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ޖެނުއަރީ މަހުގެ ކުރީކޮޅު ހަމަތު ގަދަރު ކިނބޫ ފާމަށް އޮފިސަރުން ފޮނުވާފައިވެއެވެ.

އައި.ޕީ.އެސް އިން މި ހުށަހެޅުމަށް މަރުހަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 20،000 ޑޮލަރުގެ ބޮޑެތި ކިނބޫތަކުގެ ބަދަލުގައި، ބޮލަކަށް 8،000 ޑޮލަރު ޖެހޭ ކުދި ކިނބޫތަކެއް ބޭނުންކުރުމަށް އެ ފަރާތުން ވިސްނަމުންދެއެވެ. "ޖަލަކަށް ބޭނުންވާ ސަލާމަތީ އިންވެސްޓްމަންޓާ އަޅާބަލާއިރު މިއީ ނިސްބަތުން ކުޑަ މިންވަރެއް، އަދި މީގެ ނަތީޖާ މާ ރަނގަޅުވާނެ،" އައި.ޕީ.އެސްގެ މަސްދަރަކުން މައާރިވް ނޫހަށް ބުނެފައިވެއެވެ.

އަދި އެ "ނުރައްކާތެރި" ކުދި ކިނބޫތައް ޖަލުގެ ތެރޭގައި ބޮޑުވަމުންދާނެ ކަމަށްވެސް އެ ފަރާތުން އިތުރަށް ބުންޏެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް