ބޮންޑު މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ އިތުރު ތިން ވެރިޔަކު އިސްތިއުފާ ދެއްވައިފި
ހުސެއިން އާދަމް

ސަރުކާރުން ވިއްކާ ބޮންޑަކަށް ޕެންޝަން ފަންޑުން އިންވެސްޓުކުރާ މައްސަލައިގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ، ޕެންޝަން އޮފީހުގެ އެގްޒެކެޓިވް ފަންތިއާއި ސީނިއާ މެނޭޖުމަންޓުގެ ތިން ބޭފުޅަކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މިއާއެކު މި މައްސަލައިގައި އެ އޮފީހުން އިސްތިއުފާ ދެއްވި އިސް ބޭފުޅުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.
މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޗީފް ލީގަލް އޮފިސަރު އަބްދުالله ފިކުރީ އާއި، އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު އައިމިނަތު އިރުތިޔާޝާގެ އިތުރުން ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް ހައިފާ އަހުމަދު އެވެ. މީގެ ކުރިން އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ މި މައްސަލައިގައި އިސްތިއުފާ ދެއްވާފައެވެ.
މި އިސްތިއުފާތައް އައިސްފައިވަނީ ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ސަރުކާރުން އަލަށް ތައާރަފުކުރި "ރިވާސް ޑުއަލް ކަރަންސީ ބޮންޑު" އަކަށް އިންވެސްޓުކުރަން ނިންމުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދުގެ ވަގުތެއްގައި މި ބޮންޑު މުއާމަލާތުގެ ހުރިހާ ކަމެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މުއާމަލާތަކީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ފައިސާ ހޯދުމަށް ހިންގާ މުއާމަލާތެއް ކަމަށް މަސްދަރުތަކުން ބުނެއެވެ. ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި އިންވެސްޓުމަންޓުގެ ސަބަބުން ފަންޑުގެ އިންވެސްޓުމަންޓުތައް ސިންދަފާތުވެ، ޑޮލަރުގެ ރިޒާވެއް އުފެދި، ދިގުމުއްދަތުގެ ފައިދާ ލިބޭނެއެވެ.
ނަމަވެސް، މި މުއާމަލާތާ މެދު އިގުތިސޯދީ މާހިރުންނާއި ކުރީގެ ވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިސްތިއުފާ ދެއްވި ޗެއާޕާސަން އަހުމަދު އިނާޒާއި ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވިދާޅުވާ ގޮތުގައި މިއީ ޕެންޝަން ފަންޑަށާއި އިގުތިސޯދަށް ގެއްލުން ހުރި ކަމެކެވެ.
ބައެއް މާހިރުން ސިފަކުރާ ގޮތުގައި މިއީ ގާނޫނީ ބާގަނޑުތަކެއް ބޭނުންކޮށްގެން ފައިސާ ޗާޕުކުރުމަށް ހިންގާ އަމަލެކެވެ.
ޕެންޝަން ފަންޑުގެ ޖުމްލަ ސައިޒަކީ 29.4 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މިހާރުވެސް އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ސެކިއުރިޓީތަކުގައެވެ. މިދިޔަ އަހަރު އެކަނިވެސް ފަންޑަށް ވަތް 3.1 ބިލިއަން ރުފިޔާގެ ތެރެއިން 2.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ އެކި ވަސީލަތްތަކުގައެވެ.