ޚަބަރު

އައްޑޫ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައި ވަނިކޮށް މުއިއްޒުގެ ގަރާރަކުން އެކަން ހުއްޓުވައިފި

ހއ

ހުސެއިން އާދަމް

23 ޖުލައި 2026
13:52
އައްޑޫ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައި ވަނިކޮށް މުއިއްޒުގެ ގަރާރަކުން އެކަން ހުއްޓުވައިފި

އައްޑޫ ސިޓީގެ ފޭދޫ ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދުގައި ހިމެނޭ ސަވާހެލި ތަރައްގީކުރުމަށް ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން އެތަން އައްޑޫގެ އިހުތިސާސުން ރޭ މެންދަމު އުނިކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ނިންމެވުމަކީ ޓޫރިޒަމްގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމެކެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. އައްޑޫ ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު އިއުލާންކޮށްފައިވަނީ ގަން އެއާޕޯޓާ ކައިރީގައި އޮންނަ އެ ސަރަހައްދުގައި ގެސްޓްހައުސްތަކެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށެވެ.

މިކަމާ ގުޅިގެން އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ، ކައުންސިލުން އެތަން ތަރައްގީކުރަން މަސައްކަތް ފެށުމުން އިހުތިސާސުން ވަކިކުރުމަކީ އައްޑޫގެ ކުރިއެރުމަށް ހުރަސްއެޅުމަށް ހިންގި ސިޔާސީ އަމަލެއް ކަމަށެވެ. ފޭދޫ ކައުންސިލަރު އިސްމާއިލް ސައީދު ވެސް ވަނީ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި، ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުން ކަމަށް ސިފަކުރައްވާފައެވެ.

ސަވާހެލިއަކީ 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ފޭދޫ ޓޫރިޒަމް ޒޯން ތަރައްގީކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ތަނެކެވެ. ނަމަވެސް، ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ކުރިން ވިދާޅުވެފައިވަނީ އެތަނަކީ މީހުން އުޅޭ ސަރަހައްދާ ވަކިން އޮތް ތަނަކަށް ވާތީ، ފަތުރުވެރިންނަށް ބޭނުންވާ ބައެއް ވަސީލަތްތައް (މިސާލަކަށް ރާ ވިއްކުން ފަދަ ކަންކަން) ފަހިކޮށްދިނުމަށް އެތަން ރަށުގެ އިހުތިސާސުން ވަކިކުރުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ކަމަށެވެ.

އައިބީ އިތުރަށް ވިދާޅުވީ ސަވާހެލި އާއި ކައިރީގައި އޮތް ކަފަތަޅާ ގުޅުވާލައިގެން ރިސޯޓެއްގެ ގޮތުގައިވެސް އެތަން ތަރައްގީ ކުރެވިދާނެ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް