ސިޔާސީ

މުއިއްޒު އުޅެނީ އައްޑޫގެ ގެސްޓްހައުސް ވިޔަފާރި މަރާލަން: ފައްޔާޒް

ހއ

ހުސެއިން އާދަމް

24 ޖުލައި 2026
13:38
މުއިއްޒު އުޅެނީ އައްޑޫގެ ގެސްޓްހައުސް ވިޔަފާރި މަރާލަން: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރީ އެ ސިޓީގައި ޓޫރިޒަމް ތަރައްގީވުމަށް ފުރުސަތު ނުދިނުމަށް ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އައްޑޫ އަދި ހާއްސަކޮށް ފޭދޫގައި ތަރައްގީކުރަމުންދާ ގެސްޓްހައުސްތަކުގެ ވިޔަފާރި މަރާލުމަށް ކުރި ކަމެއް ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައިވަނީ އެ ރަށުގައި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް ކަމަށާއި، އެ ރަށް ތަރައްގީކުރުމުން ފޭދޫ ޓޫރިޒަމް ޒޯނަށް ވެސް ބޮޑު ދިރުމެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، "ހަންކެޑެ މަޝްރޫއުއެކޭ އެއްގޮތަށް ސަވާހެލި މަޝްރޫއު ވެސް ހުއްޓުވާފައި އޮތީ ސިޔާސީ ބޭނުމުގައި. މި ސަރުކާރުން އަންނަނީ އައްޑޫ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމްގެ ނަފާ ނުލިބޭނެކަން ޔަގީން ކުރަމުން،" ކަމަށެވެ.

މީގެ އިތުރުން، ތިން އަހަރުވާންދާއިރު ފައިސާ ހަމަޖެހި ޕްލޭންތައް ހެދިފައި އޮތް މަޝްރޫއުއެއް ކުރިއަށްނުގެންދަނީ ސަރުކާރަށް އައްޑޫގައި ތާއިދު ނެތުމުން ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެތައް ވަޒީފާއެއް އުފެދި އައްޑޫ ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބޭނެ މިފަދަ މަޝްރޫއުތައް ހުއްޓުވުމަކީ ޖީލުތަކަކަށް ދެވޭ ގެއްލުމެކެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް