ޚަބަރު

އަމިއްލައަށް ވަކިވި މުވައްޒަފުންނަށް ފެނަކަ އިން ހަތަރު މަހުގެ މުސާރައެއް ނުދޭ!

ހއ

ހުސެއިން އާދަމް

25 ޖުލައި 2026
15:08
އަމިއްލައަށް ވަކިވި މުވައްޒަފުންނަށް ފެނަކަ އިން ހަތަރު މަހުގެ މުސާރައެއް ނުދޭ!

ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެކަމަށް ވައުދުވެފައިވީ ނަމަވެސް، އެ ފައިސާ ނުލިބޭތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ކުންފުނިން ހުޅުވާލުމުން ވަޒީފާއިން ވަކިވި ގިނަ މުވައްޒަފުންނަށް މިހާތަނަށް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ފެނަކައިން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، އަމިއްލައަށް އެދިގެން ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އިނާޔަތެއްގެ ގޮތުގައި ދޭނެ ކަމަށެވެ. މި އިޢުލާނާ ގުޅިގެން ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް، ވަޒީފާއިން ވަކިވުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ މުވައްޒަފުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި މ. ނާލާފުށީގެ މުވައްޒަފަކު ބުނީ، އޭނާ ފެނަކައިގައި ދެ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށާއި، ވަޒީފާއިން ވަކިވާން ނިންމީ ހަތަރު މަހުގެ މުސާރަ ލިބޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދިނުމުން ކަމަށެވެ. ނަމަވެސް، ވަޒީފާއިން ވަކިވި ފަހުން އެ ފައިސާ ނުލިބޭ ކަމަށާއި، މިހާރު ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓަށް ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭ ކަމަށް އޭނާ ކިޔައިދިނެވެ.

އެ މުވައްޒަފު އިތުރަށް ބުނެފައިވަނީ، "ފެނަކައިގެ ވަޒީފާއިން ވަކިވުމަށް ހުށަހެޅީ 4 މަސްދުވަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ކުންފުނިން ހުޅުވާލުމުން، ނަމަވެސް ވަޒީފާއިން ވަކިވުމުން އެ ފައިސާ ފެނަކައިން ދީފައެއް ނުވޭ، ނުވިތާކަށް މިހާރު ކުންފުނީގެ އެޗްއާރަށް ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭ،" ކަމަށެވެ.

މި މައްސަލައިގައި މީޑިއާއާ ވާހަކަދެއްކި އެހެން މުވައްޒަފުންވެސް ވަނީ މުސާރަ ލިބުން ލަސްވުމުގެ ސަބަބުން އެތައް އާއިލާތަކަކަށް މާލީ ބޮޑެތި ދަތިތަކާއި ތަކުލީފުތައް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ކުންފުނިން ވައުދުވި ފައިސާ ވީހާވެސް އަވަހަކަށް ދޫކުރުމަށް މުވައްޒަފުން ވަނީ ގޮވާލާފައެވެ.

ފެނަކައިން މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ފަށާފައިވަނީ، ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭތީ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، މި ޕްރޮގްރާމްގެ ދަށުން ވަކިވާ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތައް ނުލިބި ދިގުލައިގެންދާތީ، ކުންފުނީގެ އިތުބާރާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް