ހަގީގީ މިނިވަންކަން ބިނާވެފައިވަނީ އިގްތިސާދީ އަމިއްލަވަންތަކަމާއި ހަމަހަމަ ހާރިޖީ ސިޔާސަތެއްގެ މައްޗަށް - ޝަމްހީދު
ހުސެއިން އާދަމް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ހަމަހަމަ އަދި ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅެގެން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޝަމްހީދު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި މަރުހަބާ ފޮނުއްވާފައެވެ. އަދި މިނިވަންކަން ރައްކާތެރިކުރަންޖެހޭނީ ހަރުދަނާ އިގްތިސާދީ މެނޭޖްމަންޓަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ޑިޕްލޮމަސީއެއްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ، މާލީ އެހީތެރިކަމަށް އެދި ތަކުރާރުކޮށް ބޭރު ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ އެތެރޭގެ އާމްދަނީން ގައުމުގެ ކަންކަން ހަމަޖެއްސުން ކަމަށެވެ.
ރާއްޖެ ފަދަ މުއްސަނދި ގައުމަކަށް އަމިއްލަ އިގްތިސާދީ ބާރުވެރިކަމާއެކު ތަރައްގީ ދެމެހެއްޓެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ދަމަހައްޓަމުން ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައާއެކު ބިނާކުރަނިވި ގުޅުންތަކެއް ބާއްވަންޖެހޭނީ ވަކި ގައުމަކަށް ނުވަތަ ވަކި ފަރާތަކަށް މާބޮޑަށް ބަރޯސާނުވެއެވެ.
މިނިވަން ދުވަހުގެ މެސެޖު ނިންމަވާލައްވަމުން ޝަމްހީދު ވަނީ ދިވެހިން އަބަދުވެސް ގައުމަށް ވަފާތެރިވެ، ގައުމީ ލޯތްބާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގައި ސާބިތުވެ ތިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޝަމްހީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އަދި ކެމްޕޭނުގެ ބައެއްގެ ގޮތުން ގައުމު ހިންގުމާއި، އިގްތިސާދީ ދެމެހެއްޓެނިވިކަމާއި، ހާރިޖީ ސިޔާސަތާ މެދު އޭނާގެ ތަސައްވުރު ހާމަކުރައްވަން ވަނީ ފައްޓަވާފައެވެ. އޭނާގެ މިނިވަން ދުވަހުގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ ރާއްޖެއަކީ ހަގީގީ މިނިވަން، މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ މުހިންމު އަސާސްތަކެވެ.