ކުޅިވަރު

ސަރުކާރުގެ "ބޮޑު ކާމިޔާބީއެއްގެ" ގޮތުގައި ޑިޖިޓަލް ގަޑިއެއް ވަޒީރު ރާފިއު އިފްތިތާހުކޮށްދެއްވައިފި

ހއ

ހުސެއިން އާދަމް

27 ޖުލައި 2026
05:55
ސަރުކާރުގެ "ބޮޑު ކާމިޔާބީއެއްގެ" ގޮތުގައި ޑިޖިޓަލް ގަޑިއެއް ވަޒީރު ރާފިއު އިފްތިތާހުކޮށްދެއްވައިފި

ސަރުކާރުގެ ދައުރު ނިމެން ދެ އަހަރަށް ކައިރި ވަނިކޮށް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމެއް ޑިޖިޓަލް ގަޑިއެއް އިފްތިތާހުކުރުމުގެ ރަސްމީ ހަފުލާއެއް ބާއްވައި އަނެއްކާވެސް ތާރީޚުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލެ ސިންތެޓިކް ރަނިންގ ޓްރެކްގައި ކްލިކް މޯލްޑިވްސްއިން ހަދިޔާކުރި ޑިޖިޓަލް ގަޑިއެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމީ ހަފުލާގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިނެޓްސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަތެވެ.

މި ހަފުލާގައި ރަސްމީ އެއްވުމަކާއި، ތަގުރީރުތަކާއި، ކައުންޓްޑައުން ޑިސްޕްލޭއެއްގެ އިތުރުން، މި މުނާސަބަތު ފާހަގަކުރުމަށް ގްރޫޕް ފޮޓޯއެއް ނެގުން ހިމެނުނެވެ. މިއީ ގައުމީ ފެންވަރުގެ ބޮޑު މަޝްރޫއެއް ނިމިގެން ބޭއްވި ހަފުލާއެއް ފަދަ ގޮތަކަށް ފެނިގެންދިޔަ ކަމެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ގަޑީގެ ސަބަބުން ތަމްރީނުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ވަގުތު ބެލުމަށް އެތުލީޓުންނަށާއި އާންމުންނަށް އެހީތެރިވެދޭނެއެވެ. އަދި ކްލިކް މޯލްޑިވްސްއިން ވެދިން އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން މިދިޔަ އަހަރު މާލޭ ސިންތެޓިކް ޓްރެކަށް ވެސް ޑިޖިޓަލް ގަޑިއެއް ހަދިޔާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާއާ ގުޅިގެން ސަރުކާރުގެ އިސްކަންދޭ ކަންތައްތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ހަދިޔާކުރި ޑިޖިޓަލް ގަޑިއެއް އިފްތިތާހުކުރުމަށް ވަޒީރަކު ބައިވެރިވެވަޑައިގެން، ރަސްމީ މީޑިއާ ކަވަރޭޖާއެކު ހަފުލާއެއް ބާއްވަން ޖެހޭ ނަމަ، ގައުމީ ތަރައްގީގެ ބޮޑެތި ވައުދުތަކަށް ވީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރުގެ ތިންވަނަ އަހަރާ ގާތްވަމުން އަންނައިރު، މިފަދަ ކުދިކުދި ހަދިޔާތަކަށް ހަފުލާތައް ބޭއްވުމުން ދޭހަވަނީ، ދައްކާލެވޭނެ ފަދަ މުހިންމު ބޮޑެތި މަޝްރޫއުތައް މަދުކަމެވެ.

މިކަން ދިރާސާކުރާ ފަރާތްތަކަށް ފެނުނު އެންމެ ބޮޑު ކާމިޔާބީއަކީ ޑިޖިޓަލް ގަޑިއެއް ނޫނެވެ. ފެނުނީ އެ ގަޑިއަށްޓަކައި ފުރިހަމަ އިފްތިތާހީ ރަސްމިއްޔާތެއް އިންތިޒާމުކުރުމުގެ ގާބިލްކަން ސަރުކާރުގައި އޮތް މިންވަރެވެ. މިއީ މިހާރު ސުރުޚީތަކަށް އަރާވަރުގެ ކާމިޔާބީއެއް ކަމުގައި ބަލާ ނަމަ، އެއިން ދޭހަވަނީ އެ ހަފުލާގައި ދެއްވި ތަގުރީރަށް ވުރެ ބޮޑަށް، ސަރުކާރުގެ ތަރައްގީގެ ރެކޯޑު އޮތް ހާލަތެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް