ދިވެހި ދައުލަތަކީ އާންމުން ހީކުރާހާ މުއްސަނދި ދައުލަތެއް ނޫން: ފަލާޙް
ހުސެއިން އާދަމް

ދިވެހިރާއްޖޭގެ މާލީ ތަނަވަސްކަމަކީ އާންމު ރައްޔިތުންނަށް ހީވެފައި އޮންނަ ވަރަށް ވުރެ ދަށް މިންވަރެއް ކަމަށް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ސަބަބުތަކަށްޓަކައި ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓު ހުންނަނީ ގާތްގަނޑަކަށް 5 ނުވަތަ 6 ބިލިއަން ރުފިޔާގައި ކަމަށެވެ.
މިހާރުގެ ބަޖެޓުތައް 50 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުއިރު، އާމްދަނީގެ ގޮތުގައި ލިބެނީ އެންމެ 34 ނުވަތަ 35 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް 12 އާއި 15 ބިލިއަނާ ދެމެދުގެ އަދަދަކުން ބަޖެޓު ޑެފިސިޓްވެ، ދައުލަތުގެ ޖުމްލަ ދަރަނި މިހާރު 160 އާއި 180 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާ ކަމަށް ފަލާޙް ބަޔާންކުރެއްވިއެވެ.
ޕެންޝަން ފަންޑުން ސަރުކާރުގެ ޓީ-ބިލަށް 2.4 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، ބޭންކުތަކުގައި ހުންނަ އާންމުންގެ ސޭވިންގްސް ފައިސާ ބޭނުންކުރުމަކީ ވެސް ފައިސާ ޗާޕުކުރުން ކަމަށް ބަލަންޖެހޭނެ ކަމަށެވެ. ބޭންކުތަކުން ލޯނު ދޫކުރުމާއި އެހެނިހެން މުއާމަލާތްތަކަށް ދިގު މުއްދަތުގެ ޑިޕޮސިޓްތައް ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން އަހަރުގެ މެދުތެރެއިން ބަޖެޓު ހުސްވެގެން ސަޕްލެމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ނަމަވެސް، މި ސަރުކާރުން އަދި އެފަދަ ބަޖެޓެއް ހުށަހަޅަން ނުޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލީ މާހިރުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ޕެންޝަން އޮފީހުން ކުރަން އުޅޭ މި މުއާމަލާތަކީ ކުރީގެ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކައި، އެ ފައިސާ އާ ބޮންޑަކަށް އިންވެސްޓުކުރުމެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ މީގެ ސަބަބުން ފަންޑަށް ބޭރު ފައިސާ ލިބި، ދިގު މުއްދަތުގެ ފައިދާ އިތުރުވާނެ ކަމަށެވެ. ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބައެއް އިސް މުވައްޒަފުން ދަނީ އިސްތިއުފާ ދެމުންނެވެ.