ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުން ދަށް ރޭޓުގައި ޑިއުޓީ ނަގަން ބަންޑާރަނައިބުގެ ލަފާ ހޯދަނީ

ހއ

ހުސެއިން އާދަމް

28 ޖުލައި 2026
14:09
ސިނގިރޭޓު ކޮންޓެއިނަރުތަކުން ދަށް ރޭޓުގައި ޑިއުޓީ ނަގަން ބަންޑާރަނައިބުގެ ލަފާ ހޯދަނީ

ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުގެ ޑިއުޓީ ރޭޓު ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކުރި ސިނގިރޭޓު ކޮންޓޭނަރުތަކަކަށް ކުޑަ ރޭޓުގައި ޑިއުޓީ ނެގުމާ ގުޅޭ ގޮތުން ބަންޑާރަނައިބު (އޭޖީ) އޮފީހުގެ ލަފައަކަށް އެދިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. މި ލަފައަށް އެދިފައި ވަނީ ކަސްޓަމްސްގެ އުސޫލުތަކާ ހިލާފަށް، އަދި އެކަން އެގޮތަށް ނުކުރަން ކަސްޓަމްސްގެ ތެރެއިން ވެސް ލަފާދީފައި ވަނިކޮށް ކަމަށް އެނގިފައިވެ އެވެ.

މި މައްސަލައިގައި ހިމެނެނީ މި މަހުގެ 3 ވަނަ ދުވަހު އެއް ބިލް އޮފް ލޭޑިން (ބީއެލް) އެއްގެ ދަށުން ރާއްޖެ ގެނައި ދެ ކޮންޓޭނަރެވެ. އެނގިފައިވާ ގޮތުގައި މި ކޮންޓޭނަރުތައް ގެނައި ކުންފުނިން ފޯމު ހުށަހެޅިއިރު ހުރި ރޭޓުން ޑިއުޓީގެ ގޮތުގައި 76 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް، ޑިއުޓީ ކުޑަކުރާތީ ކަސްޓަމްސްގެ ވެރިންތަކަކަށް ގުޅައިގެން އެއް ކޮންޓޭނަރުގެ ޑެކްލަރޭޝަން ފޯމު ކެންސަލްކުރުވައި، އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކަސްޓަމްސްގެ ގަވާއިދު ބުނާ ގޮތުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެންނަ އިސްލާހަކަށް އަމަލު ކުރަން ފެށުމުގެ ކުރިން ރާއްޖެއަށް އައިސްފައިވާ މުދަލަށް އައު ޑިއުޓީ ރޭޓުން ފޯމު ހަދައިދެވޭނީ، އެ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައި ނުވާނަމަ އެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލީހުން އިސްލާހު ގެނައީ ޖުލައި 1 ގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވީ ޖުލައި 2 ގަ އެވެ. އެހެންކަމުން، އެ ތާރީހުގެ ކުރިން ހުށަހަޅާފައިވާ ފޯމެއް ކެންސަލް ކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެން ނުވެ އެވެ.

މި މައްސަލައިގައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވެނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒަށެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، މަފާޒު ވަނީ ކޮމިޝަނާ ޖެނެރަލް ފާތުމަތު ދިޔާނާ އަންގައިގެން ކަމަށް ބުނެ ޑޮކިއުމެންޓޭޝަންގެ ވެރިންނަށް ބިރުދައްކައި، ގަވާއިދާ ހިލާފަށް މިކަން ކުރުވަން މަޖުބޫރުކުރުވާފަ އެވެ.

މި މައްސަލައިގައި ތުހުމަތުވާ ފަރާތްތަކުގެ ނުވަތަ ކަމާބެހޭ އިދާރާގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ވަނީ ނާކާމިޔާބު ވެފަ އެވެ.


ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް