ޚަބަރު

ކައްޕި އާއި ފުލުސް އަދި ސިފައިންގެ މީހާ ގެއްލުނީ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް

ހއ

ހުސެއިން އާދަމް

06 އޯގަސްޓް 2026
06:36
ކައްޕި އާއި ފުލުސް އަދި ސިފައިންގެ މީހާ ގެއްލުނީ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ރޭ ބަންޑުން ޖަހާލި 'ފްރެންޑް 4' ސަޕްލައި ދޯނިން ގެއްލުނު ތިން މީހުންނަކީ، އެ އުޅަނދު އަޑިއަށް ދިޔަ ވަގުތު ދޯނީގެ ވަތުތެރޭގައި ދިޔަ ހިއްކުމުގެ މަސައްކަތް ކުރަން ތިބި މީހުންކަން ހާމަވެއްޖެއެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކައްޕި، ތ. މަޑިފުށީ މުހައްމަދު ހަމްދޫން އާއި، ގއ. ވިލިނގިލިން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ސާޖަންޓް އަލީ ނާފިއު އަދި ގދ. ތިނަދޫއިން އެހީތެރިކަމަށް ދިޔަ ސިފައިންގެ މީހެކެވެ.

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި ދިޔަވާން ފެށީ ރޭ 9:30 ހާއިރުއެވެ. ދޯނީގައި އޮތް ހަމައެކަނި ޕަންޕުން ދިޔަގަނޑު ކޮންޓްރޯލް ނުވުމުން، ކައްޕި ވަނީ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އެހީތެރިކަމަށް އެދުމާއެކު ވިލިނގިލީގައި ތިބޭ ފުލުހުންނާއި ތިނަދޫގައި ތިބޭ ސިފައިންގެ ޓީމެއް ޕަންޕުތަކާއެކު އެ ސަރަހައްދަށް ގޮސް، ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދޯނިން ދަތުރުކުރި ހަތް މީހުން ސަލާމަތްކޮށް ފުލުހުންގެ ލޯންޗަށް އެރުވުމަށްފަހު، ކައްޕި އާއި ދެ ފުލުހަކާއި ސިފައިންގެ މީހަކު ދޯނީގެ ވަތަށް ފޭބީ ދިޔަ ހިއްކައި ދޯނި ފެންމަތީގައި ބޭއްވޭތޯއެވެ. ނަމަވެސް، ކައިރިން ދަތުރުކުރި ކޮޅުވެއްޓިއެއްގައި ކަފުޖަހައިގެން ދިޔަ ހިއްކަން އުޅެނިކޮށް، ކުއްލިއަކަށް ދޯނި ފުރޮޅާލައި ބަންޑުން ޖަހާލީއެވެ. އެ ވަގުތު އެކަކު ފުންމާލައިގެން ސަލާމަތްވި ނަމަވެސް، އަނެއް ތިން މީހުންނަށް އެ ފުރުސަތެއް ނުލިބި ކަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނީއެވެ.

މި ހާދިސާގައި ގެއްލުނު ސަލާމަތީ ބާރުތަކުގެ ދެ މީހުންނަކީވެސް ގއ. ވިލިނގިލީ މީހުންނާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ ދެ މީހުންނެވެ. ގެއްލުނު ފުލުސް މީހާ، އަލީ ނާފިއުގެ ދެ ކުދިން ތިބިއިރު، އޭނާއަކީ އާއިލާގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ތިން ކުދިންގެ ޒިންމާތަކާވެސް ހަވާލުވެ ހުރި މީހެކެވެ. އަދި ގެއްލުނު ސިފައިންގެ މީހާގެ ތިން ކުދިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. "ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފަ،" ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި މޯލްޑިވިއަންގެ ބޯޓަކާއި ސިފައިންގެ ޑްރޯންގެ އިތުރުން ފުލުހުންނާއި އާންމުންގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ހަބަރެއް ވެފައެއް ނުވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް