ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތެއް މިނިސްޓަރު ވިދާޅެއްނުވި
ހުސެއިން އާދަމް

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ތިން ދިވެހިން ހޯދުމަށް ބޭރު ދުނިޔޭގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފޮރިން މިނިސްޓްރީން އާދިއްތަ ދުވަހު ބުނެފައިވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެހެން ބުނިފަހުން 24 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް، އެހީއަށް އެދިފައިވަނީ ކޮން ގައުމުތަކެއްގައި ކަމެއް އަދި އެ ގައުމުތަކުން ލިބުނު އިޖާބައަކީ ކޮބައިކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއަށް ރާއްޖެޓީވީން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި ގެއްލިގެން ހޯދާ މީހުންނާ ގުޅޭގޮތުން އެއްވެސް ގައުމަކާ ވާހަކަދެކެވި، ޖަވާބެއް ލިބިފައިވޭތޯ ސުވާލުކޮށް ފޮނުވި މެސެޖަށްވެސް މިނިސްޓަރު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ 5 އޮގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ. ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އެ ސަޕްލައި ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ކަނޑަށް ގެއްލިފައެވެ.
ހިތާމަވެރި މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިސް ބޭފުޅަކު މިހާތަނަށް ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވަނީވެސް ހާދިސާ ހިނގިތާ 3 ދުވަސް ފަހުންނެވެ.
ގެއްލުނު ތިން ދިވެހިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ބުނާއިރު، އާއިލާތަކުން ތިބީ ސަރުކާރުން މިކަމުގައި ގެންގުޅޭ ދުވެލި ލަސްވުމުގެ ސަބަބުން ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައެވެ.