ސިޔާސީ

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ސްޓޭޓް މިނިސްޓަރ ފައިރޫޝް އިސްތިއުފާ ދެއްވައިފި

ހއ

ހުސެއިން އާދަމް

13 އޯގަސްޓް 2026
07:11
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ސްޓޭޓް މިނިސްޓަރ ފައިރޫޝް އިސްތިއުފާ ދެއްވައިފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް، ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފައިރޫޝް އިސްތިއުފާ ދެއްވާފައި މިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކެއްގައި ފާހަގަކޮށްފައިވާ ވަކި ފަރާތްތަކަކާ ގުޅުންހުރި ޓެކްނޮލޮޖީ ކުންފުނިތަކަކަށް ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފައިރޫޝްގެ އިސްތިއުފާ އިއުލާނުކުރެއްވީ މިއަދު އެކްސް މެދުވެރިކޮށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، މިއީ އޭނާގެ ޚިދުމަތުގެ މި ދައުރު ނިންމާލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާގެ ޚިދުމަތުގެ މުއްދަތުގައި އެހީތެރިކަން ދެއްވި އެންމެހައި މުވައްޒަފުންނާއި މުއައްސަސާތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރެވުނުތާ އަދި އަހަރެއްވެސް ނުވެއެވެ. މި ސަރުކާރުގައި އެންމެ ފުރަތަމަ އޭނާ ހުންނެވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކުރެވުނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ކުރިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، މި ސަރުކާރު ވެރިކަމާ ހަވާލުވުމުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވުނެވެ.

ފައިރޫޝް އިސްތިއުފާ ދެއްވާފައި މިވަނީ 'އޮކްސިކާ' އާއި 'ސިނެޓެކްސް' ނަމަކަށް ކިޔާ ޓެކްނޮލޮޖީ ކުންފުނިތަކަކަށް ސަރުކާރުގެ ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް މަޝްރޫޢުތައް ދީފައިވާ ކަމަށް ބުނެ އެކްސްގައި ގިނަ ތުހުމަތުތަކެއް ދައުރުވަމުންދާ ވަގުތެއްގައެވެ. އެދެކުންފުންޏަކީ ވެސް ފައިރޫޝްގެ އާއިލާ މެންބަރެއްގެ ހިއްސާ އޮންނަ ދެކުންފުނި ކަމަށް ވެއެވެ.

ދައުރުވާ ޕޯސްޓުތަކުގައި ބުނާ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 'އޮކްސިކާ' އަށް ވަނީ ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ވެބްސައިޓް ޗެޓްބޮޓް މަޝްރޫޢަކާއި، 700,000 އަށްވުރެ ގިނަ ރުފިޔާގެ ސެކިއުރިޓީ ސިސްޓަމަކާއި، މިލިއަނުން އަގުކުރެވޭ ސެކިއުރިޓީ އޮޑިޓް ކޮންޓްރެކްޓްތައް ހިމެނެއެވެ.

މީގެ އިތުރުން، އެ ކުންފުނިން ގާއިމުކުރި ބައެއް ސިސްޓަމްތަކުގައި އެޗްޑީސީގެ ސާވަރުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވާ 'ބެކްޑޯ' ތަކެއް ހުރި ކަމަށާއި، އެއީ ހުއްދަނެތި މައުލޫމާތު ހޯދުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ކަމަށްވެސް އެ ޕޯސްޓުތަކުގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުލާނުކުރި 11 މިލިއަން ރުފިޔާގެ މަޝްރޫޢަކާ ގުޅިގެންވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެ މަޝްރޫޢުގެ ބިޑް މަރުހަލާ ކުރިއަށްދަނިކޮށް، އެ މަޝްރޫޢު ކާމިޔާބުކުރާނީ 'އޮކްސިކާ' ކަމަށާއި، 'ޖަވާބު' ނަމަކަށް ކިޔާ ދިވެހި ކުންފުނި ޑިސްކޮލިފައި ކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރިންވެސް މައުލޫމާތު ފެތުރުނެވެ. ބައެއް ޕޯސްޓުތަކުގައި ބުނެފައިވަނީ މި މަޝްރޫޢު ހަވާލުކުރާނެ ފަރާތް، ބިޑް އިއުލާނުކުރުމުގެ އެތައް މަހެއް ކުރިން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި ބައެއް އިސް ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންތަކާ މެދުވެސް ސުވާލު އުފައްދާފައިވެއެވެ. އޭގެ ތެރޭގައި އޮކްސިކާގެ އިސްމާއިލް ކަލީމް، އެޗްޑީސީގެ އައިޓީ ހެޑް ޒައިދު، ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަދި އޭނާގެ ކޮއްކޮ މުހައްމަދު ޝަރީފްގެ ނަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ނިޒާމުތަކަކަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ، މީގެ ސީރިއަސްކަން ބޮޑެވެ. ސަރުކާރުގެ ސާވަރުތަކަށް ނުވަދެވޭ ގޮތަށް ކޮންޓްރެކްޓަރުން ކަންތައްތަކެއް ކޮށްފައިވާނަމަ، އެއީ ހަމައެކަނި ކޮރަޕްޝަންގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ސައިބަރ ސެކިއުރިޓީއަށް އޮތް ނުރައްކަލެއް ކަމަށްވެސް ބެލެވެއެވެ.

ފައިރޫޝްގެ އިސްތިއުފާގެ ބަޔާނުގައި އެއްވެސް ކުށަކަށް އިއުތިރާފުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަގުތުގެ ގޮތުން، މި ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އުސޫލުތަކާ ޚިލާފުވެފައިވޭތޯ ބެލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް