ރޮބާޓޯ ކާލޯސް އިސްލާމްވެއްޖެ، އަނބިމީހާއަކީ މޮރޮކޯ މީހެއް - ރިޕޯޓް
ހުސެއިން އާދަމް

ރެއާލް މެޑްރިޑާއި ބްރެޒިލްގެ ގައުމީ ޓީމުގެ އިތުރުން ފެނަރބާޗޭގައި ވެސް ކާމިޔާބު ކެރިއަރެއް ބިނާކުރި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށް،ފައިވާ ކަމަށާއި އޭނާގެ އަނބިމީހާއަކީ ވެސް މޮރޮކޯގެ މުސްލިމް އަންހެނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ތުރުކީގެ "ހަބަރުލާ" ހިމެނޭހެން ބައެއް ނޫސްތަކުން ބުނާގޮތުގައި، އުމުރުން 53 އަހަރުގެ ކާލޯސް އިސްލާމްވީ މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭނާ އިސްލާމްވީ ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ އިސް ފަރާތެއް ކަމަށްވާ ޝައިޚް ޖިހާދު ހަމާދާއާ ބައްދަލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ކަމަށްވެސް އެ ނޫސްތަކުގައިވެއެވެ.
ފެތުރެމުންދާ ވާހަކަތަކަށް ބަލާއިރު، ރޮބާޓޯ ކާލޯސް މީގެ ހަތަރު ހަފުތާ ކުރިން ޝައިޚް ޖިހާދު ހަމާދާއާ ބްރެޒިލްގައި ބައްދަލުކުރުމުގެ ކުރިން ވެސް، ދެމީހުންގެ މެދުގައި މުއާމަލާތްތަކެއް ކުރެވުނެވެ. މި ބައްދަލުވުމުގެ ތެރެއިން، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، އޭނާގެ ދީނަކީ އިސްލާމްދީން ކަމުގައި ނިންމާފައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ރޮބާޓޯ ކާލޯސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކާލޯސް އިސްލާމްވި ވާހަކަތައް ބޮޑަށް ފެތުރިގެން ދިޔައީ ތުރުކީގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ މެންބަރު އަލީ ޝާހިން، ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ މަންދޫބުންތަކަކާ ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޝާހިން ވިދާޅުވީ، ސައޮ ޕައުލޯގައި ހުންނަ ބްރެޒިލްގެ މުސްލިމް ޒުވާނުންގެ ޖަމިއްޔާއަށް ކުރެއްވި ޒިޔާރަތުގައި، މުސްލިމް ދުނިޔޭގައި ނުފޫޒުގަދަ 500 މީހުންގެ ތެރޭގައި ހިމެނޭ ޝައިޚް ޖިހާދު ހަމާދާއާ ބައްދަލުވި ކަމަށެވެ.
މެންބަރު ޝާހިން ވިދާޅުވި ގޮތުގައި، ރޮބާޓޯ ކާލޯސް ޝައިޚާ ގުޅުން ބާއްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މީގެ ހަތަރު ހަފުތާ ކުރިން ކުރި ޒިޔާރަތުގައި އޭނާ އިސްލާމްދީން ގަބޫލުކުރިކަން ޝައިޚް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޝާހިން ވަނީ ރޮބާޓޯ ކާލޯސްއަށް މަރުހަބާ ދަންނަވައި، އޭނާއާއި އާއިލާއަށް ބަރަކާތާއި އަމާންކަން އެދިވަޑައިގެންފައެވެ.
މި ޚަބަރުތައް ފެންމަތިވެފައި މިވަނީ، ރޮބާޓޯ ކާލޯސް މޮރޮކޯގެ ސުހައިލާ އަލް ތާހިރީއާ ކައިވެނިކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. ސުހައިލާ އަކީ ފީފާގެ ހުއްދަ އޮންނަ، ފުޓްބޯޅަ ކުޅުންތެރިންގެ އެޖެންޓެކެވެ.
މި ދެމީހުންގެ ކައިވެނީގެ ހަފުލާގެ ފޮޓޯތައް މި އޮގަސްޓް މަހުގެ 17 ގައި އަލުން ފެތުރެން ފެށި ނަމަވެސް، މިއީ އައު ކައިވެންޏެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމީހުން ކައިވެނިކުރީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި އާއިލާއާއި ގާތް ރަހުމަތްތެރިންނާއެކު ކުޑަ ހަފުލާއެއް ބާއްވާފައިވަނީ ޖުލައި 25 ގައެވެ.
މި ދެމީހުންގެ ގުޅުން ފުރަތަމަ ފެށުނީ މަސައްކަތުގެ މާހައުލުން ކަމަށާއި، މިހާރުވެސް ބްރެޒިލާއި ޔޫރަޕްގެ ކުޅުންތެރިން މެނޭޖްކުރުމުގެ ޕްރޮޖެކްޓްތަކުގައި ދެމީހުން އެކުގައި މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.
ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރޮބާޓޯ ކާލޯސް އިސްލާމްވި ކަމުގެ ވާހަކަ ބާރަށް ފެތުރެމުންދާއިރު، މިކަމުގެ ހަގީގަތް އެނގޭނީ އޭނާގެ ފަރާތުން ރަސްމީ ބަހެއް ލިބުމުންނެވެ.