ސިޔާސީ

ބިރުދައްކައިގެން ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުވަން ސަރުކާރުން ނިކުމެއްޖެ

ހއ

ހުސެއިން އާދަމް

24 އޯގަސްޓް 2026
06:47
ބިރުދައްކައިގެން ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުވަން ސަރުކާރުން ނިކުމެއްޖެ

ރާއްޖޭގައި ހުއްދައާ ނުލައި ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ ފަރާތްތަކާއި، ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކޮށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ޖިނާއީ ކުށެއް ކަމަށާއި، އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުގެ "މޫނަކަށް ކަނދުރާއަކަށް" ނުބަލައި ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއް ވަނީ ދެއްވާފައެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، އެމްއެމްއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 63 މަނީ އެކްސްޗޭންޖަރެއް ހުރި ނަމަވެސް، އެއްވެސް ހުއްދައެއް ނެތި މި ވިޔަފާރިކުރާ ގިނަ ބަޔަކު އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ހެދި ސާމްޕަލް ދިރާސާއަކުން އެކަނިވެސް، ހަތް ފަރާތަކުން ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ބޮޑެތި ވިޔަފާރިތަކާއި މަޝްހޫރު ރިސޯޓްތަކުން ވެސް ކަޅުބާޒާރަށް ޑޮލަރު ނެރެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެއް ރިސޯޓް ޗޭނަކުން އެކަނިވެސް ނުވަ މަސް ތެރޭގައި 4 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށާއި، ކޮންސްޓްރަކްޝަން ފަދަ ޚިދުމަތްދޭ ބޮޑެތި ފަރާތްތަކުން ވެސް މިފަދަ އަމަލުތައް ހިންގާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ، ޑޮލަރު މާކެޓް މެނިޕިއުލޭޓް ކުރުމުގައި ސިޔާސީ ބަޔަކު ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ހުއްދަ އޮންނަ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު މާރުކުރާނަމަ، ކޮންމެ މުއާމަލާތަކަށް 5 ލައްކަ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގާނޫނީ ޖާގަ އެބައޮތް ކަމަށް ވިދާޅުވިއެވެ.

ވަކިވަކި ފަރުދުންނަށް ލިބޭ ޑޮލަރު މުސާރަ ކަޅުބާޒާރުގައި ވިއްކުމަކީ ވެސް ގާނޫނާ ޚިލާފު ކަމެއްކަން ހަނދާންކޮށްދެއްވަމުން، ނޭނގި ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށާއި، ހަމައެކަނި އެމްއެމްއޭގެ ހުއްދަ އޮންނަ ތަންތަނުން ކަނޑައެޅިފައިވާ ރޭޓުގައި ޑޮލަރު މާރުކުރުމަށް މިނިސްޓަރު ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް