ރިސޯޓުތަކުން ދޭ ސާވިސް ޗާޖު އުނިކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށްފި
ހުސެއިން އާދަމް

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން %40 މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) މެދުވެރިކޮށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، މުވައްޒަފުންނަށް ޑޮލަރުން ދެމުންދާ %10 ގެ ސާވިސް ޗާޖު އުނިކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ %40 ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ލާޒިމުކޮށް، ސަރުކާރުން ގާނޫނަށް ބަދަލު ގެނައީ މިދިޔަ ހަފުތާގައެވެ. މި ނިންމުމާ ގުޅިގެން ރިސޯޓު އޮޕަރޭޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އާމްދަނީގެ އެހާ ބޮޑު އިންސައްތައެއް މާރުކުރަން ޖެހުމުން، ރިސޯޓުތައް ހިންގުމުގައި މާލީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތިން ޑިވެލޮޕަރަކު މައުލޫމާތު ދީފައިވާ ގޮތުގައި، މި އާ ގަވާއިދުގެ ސަބަބުން ކުރިމަތިވާ މާލީ ތަދިކަމަށް ހައްލެއް ހޯދުމަށް ރިސޯޓު ދާއިރާގެ މަންދޫބުންނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.
އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިހާރު މުވައްޒަފުންނަށް ޑޮލަރުން ބަހަމުންދާ %10 ގެ ސާވިސް ޗާޖު ދިނުން ރިސޯޓުތަކުން ހުއްޓާލުމަކަށް ސަރުކާރުގެ ބައެއް މަންދޫބުން އިއުތިރާޒު ނުކުރާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.
މީގެ އިތުރުން، މިފަދަ ނިންމުމެއް ނިންމުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ނަމަ، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕީ.އެން.ސީ އަށް އޮތުމުން، އެ ހުރަސްތައް ނައްތާލައި ގާނޫނަށް ބަދަލު ގެނެވިދާނެ ކަމަށް ވެސް ސަރުކާރުގެ މަންދޫބުން ވިދާޅުވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވެފައިވަނީ، %10 ގެ ސާވިސް ޗާޖަކީ ރިސޯޓުތަކަށް ލިބޭ އާންމު އާމްދަނީއެއް ނޫން ކަމަށްވާތީއެވެ. އެއީ ސީދާ މުވައްޒަފުންގެ މެދުގައި ބަހަންޖެހޭ ފައިސާއަކަށް ވެފައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހިންނާއި ބިދޭސީ މުވައްޒަފުންގެ އާމްދަނީގެ މުހިންމު ބައެކެވެ.
މި ހުށަހެޅުން ތަންފީޒުވެއްޖެ ނަމަ، ރިސޯޓު މުވައްޒަފުންނަށް ބޭރު ފައިސާއިން ލިބޭ ބޮޑު އާމްދަނީއެއް އުނިވެގެންދާނެއެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ބަހަންޖެހޭ ޑޮލަރުތައް ރިސޯޓުތަކުގެ އަތުގައި ބެހެއްޓުމަށް ނުވަތަ އެހެން ކަންކަމަށް ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ރާއްޖޭގެ ރަސްމީ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބޭރު ފައިސާގެ %40 މާރުކުރަން ލާޒިމުކުރި އާ އުސޫލުގެ މަގުސަދަކީ ފަތުރުވެރިކަމުން ލިބޭ ޑޮލަރުގެ ބޮޑު ބައެއް އެމް.އެމް.އޭ އާއި ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވާނެކަން ކަށަވަރުކުރުމެވެ. ނަމަވެސް، ރިސޯޓު އޮޕަރޭޓަރުން ބުނަނީ މީގެ ސަބަބުން ރިސޯޓު ހިންގުމުގެ ހަރަދުތައް ދެކޮޅުޖެއްސުމަށާއި ބޭރު ފައިސާގެ ތަދިކަން ހައްލުކުރުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމުގެ ބަދަލުގައި މުވައްޒަފުންގެ ސާވިސް ޗާޖު އުނިކުރުމަކީ، ސަރުކާރުގެ މާލީ ސިޔާސަތުގެ ބުރަ ސީދާ މުވައްޒަފުންގެ ބޮލުގައި އެޅުވުމެވެ.
މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުން މިކަން ވަގުތުން ސާފުކޮށްދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ނަމަ، ސާވިސް ޗާޖާ ގުޅޭ އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށާއި، މުވައްޒަފުންނަށް ލިބޭ %10 ސާވިސް ޗާޖު އުނިކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަން ސާފުކޮށް ބަޔާންކޮށްދިނުމަށް ސަރުކާރަށް ދަނީ ބާރުއަޅަމުންނެވެ.
މިހާތަނަށް ސަރުކާރުގެ ފަރާތުން މިފަދަ މަޝްވަރާއެއް ހިނގިކަން ނުވަތަ ނޫންކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ނާޒުކު ވަގުތެއްގައެވެ. މި ދާއިރާގެ މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ ކޮންމެ ނިންމުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.
ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތަށް ޑޮލަރު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއަކީ އެމީހުންގެ އާމްދަނީއަށް އުނިކަން އައުންތޯ ކުރެވޭ ސުވާލެވެ.
އެހެންކަމުން، މި ތުހުމަތުތަކުން އުފެދޭ އަސާސީ ސުވާލަކީ ސަރުކާރުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން އުޅެނީ ގައުމަށް އާމްދަނީ ހޯދައިދޭ މުވައްޒަފުންގެ އަތުން ފައިސާ އުނިކޮށްގެން ހެއްޔެވެ؟
ސަރުކާރުން މިކަމަށް ސާފު ޖަވާބެއް ނުދޭހާ ހިނދަކު، މި ދެކެވޭ ވާހަކަތަކަކީ ސީދާ ސިޔާސަތެއްގެ މަޝްވަރާތަކެއްތޯ ނުވަތަ ނުރަސްމީކޮށް ދެކެވުނު ވާހަކަތަކެއްތޯ އޮތް ނުތަނަވަސްކަން ދެމިއޮންނާނެއެވެ.