މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ބާއްވާ "ފެންޑާ ސުބަންގް ކަޕް" ގައި ބައިވެރިވާން ހުޅުވާލައިފި
ހުސެއިން އާދަމް
މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ "ސުބަންގް ކަޕް" ގެ 6 ވަނަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު "ފެންޑާ ސުބަންގް ކަޕް 2026" ގެ ނަމުގައި ހުޅުވާލައިފިއެވެ.
2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އިންތިޒާރު ކުރެވޭ އެއް ކުޅިވަރު ހަރަކާތެވެ. ވާދަވެރި ކުޅިވަރުގެ އިތުރުން، މިއީ ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި، ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ ހަރަކާތެކެވެ. މީގެ ކުރީގެ މުބާރާތްތަކުގައި ދިވެހި ކާބޯތަކެތީގެ ފެއާތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން ކުޅިވަރުގެ އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
2026 ވަނަ އަހަރު ބާއްވާ މި މުބާރާތަކީ "ދިވޭޝިޔާ"ގެ ފަރާތުން އިންތިޒާމުކުރާ މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ "ފެންޑާ" އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހު، މެލޭޝިޔާގެ ސަންވޭ ސައުތު ކުއޭގައި ހުންނަ "އެކްސްޓްރީމް ޕާކް" ގައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި ގާތްގަނޑަކަށް 16 ޓީމު ވާދަކުރާނެ ކަމަށް ބެލެވޭއިރު، އަންހެން ޑިވިޜަންގައި ވާދަކުރާނެ 4 ޓީމެއް މިހާރު ވަނީ ކަށަވަރުވެފައެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 6 ކުޅުންތެރިން އަދި ގިނަވެގެން 8 ކުޅުންތެރިންނާއި 2 އޮފިޝަލުން ތިބެންވާނެއެވެ.
ކުޅުންތެރިންނަކީ މެލޭޝިޔާ ނުވަތަ ސިންގަޕޫރުގެ ވިސާ މިހާރު އޮތް ނުވަތަ ކުރިން އޮތް ފަރާތްތަކަށް ވާންޖެހޭނެއެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައި "ސޯޝަލް ޕާސް" އޮތް އެއް ކުޅުންތެރިއަކާއި، 35 އަހަރުން މަތީގެ އެއް ކުޅުންތެރިއެއްގެ އިތުރުން 40 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނިދާނެއެވެ.
އިންތިޒާމުކުރާ ފަރާތުން ހާމަކުރި ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ކިޔަވާ ކުދިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ރޫހު އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރު ދިނުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ.
2025 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން "ޓީމް އީސީ" ހޯދިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ "ދަށް އެފްސީ" އެވެ. އެ އަހަރުގެ މުބާރާތުގައި ފިރިހެން 14 ޓީމާއި އަންހެން 3 ޓީމު ވާދަކުރިއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ މަގާމާއި، "ކިންގް" އަދި "ކުއީން" ގެ މަގާމު ހޯދާފައިވަނީ އިއްމީ އާއި ނާނާއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ، ޝަރުތު ހަމަވާ ޓީމުތަކުން ސުންގަޑީގެ ކުރިން ރަޖިސްޓްރީ ކުރުމަށް އިންތިޒާމުކުރާ ފަރާތުން އިލްތިމާސްކުރެއެވެ.
ޓީމު ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ވަގުތަކީ 1 ނޮވެންބަރު 2026 ގެ 23:59 އެވެ.