ޚަބަރު

ޓޯކުރާ އުޅަނދާ ހަވާލުނުވެއްޖެނަމަ ނީލަން ކިޔޭގޮތް ހަދައިފި

ހއ

ހުސެއިން އާދަމް

02 ސެޕްޓެމްބަރ 2026
13:41
ޓޯކުރާ އުޅަނދާ ހަވާލުނުވެއްޖެނަމަ ނީލަން ކިޔޭގޮތް ހަދައިފި

ފުލުހުން ހިފަހައްޓާ ނުވަތަ ޓޯކުރާ އުޅަނދުތަކާ، އެ އުޅަނދެއްގެ ވެރިފަރާތުން އެއް މަސްދުވަހުގެ ތެރޭގައި ހަވާލުނުވެއްޖެނަމަ، އެ ތަކެތި ނީލަން ކިޔުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިނުމަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިޞްލާޙަށް އަމަލުކުރަން ފަށައިފިއެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގާނޫނު ބުނާގޮތުން، ވެރިފަރާތުން ހަވާލުނުވެ އެއް މަސްދުވަސް ހަމަވާ އުޅަނދުތަކާމެދު ޢަމަލުކުރާނެ ގޮތެއް 14 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅަންޖެހެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ޢާންމުކޮށް ހުޅުވާލައިގެން ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މީގެއިތުރުން، ކުރިންވެސް ޢަމަލުކުރަމުން އައި ފަދައިން، މިފަދަ އުޅަނދުތައް ނައްތާލުމުގެ ބާރުވެސް ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދެއެވެ.

ނީލަމުގައި އުޅަނދުތައް ވިއްކާލަންވާނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދުގައިވާ ބީލަމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން ނީލަންކިޔުމުގެ އިޖުރާއާތުތަކާއި، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުޞޫލުތައް އެ ގަވާއިދުގައި ތަފުޞީލުކޮށް ބަޔާންކުރަންވާނެއެވެ.

ނީލަން ކިޔައިގެންވެސް ނުވިއްކޭ އުޅަނދުތައް، ތިމާވެއްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތެއްގެ މަތިން ނައްތާލުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދަންޖެހެއެވެ. އަދި އުޅަނދެއް ނައްތާލުމުގެ މަދުވެގެން 7 ދުވަސް ކުރިން، އެ އުޅަނދެއްގެ މަޢުލޫމާތު ސަރުކާރުގެ ގެޒެޓުގައާއި މިނިސްޓްރީގެ ވެބްސައިޓް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޢާންމުކޮށް އިޢުލާނުކުރަންވާނެއެވެ.

މީގެއިތުރުން، ޓޯކުރެވޭ އުޅަނދަކާ ހަވާލުނުވެ އެއް މަސްދުވަސް ވުމުން، އެ އުޅަނދެއްގެ މަޢުލޫމާތު ގެޒެޓު ކުރުމުގެ އިތުރުން ފުލުހުންގެ ފަރާތުންވެސް ޢާންމުކޮށް އިޢުލާނުކުރަންޖެހެއެވެ. ފުލުހުންނަށް އުޅަނދުފަހަރު ޓޯކުރުމުގެ ބާރު ލިބިގެންވަނީ ޤަވާޢިދާ ޚިލާފަށް ޕާކުކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ޙާލަތްތަކުގައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް