ސިޔާސީ

މުއިއްޒުއަށް ޝުކުރުއަދާނުކޮށް ފަލާހްއަށް ޝުކުރުއަދާކުރުމުން ޚަލީލް ޕީއެންސީގެ ލީޑާޝިޕް ގްރޫޕުން ބޭރުކޮށްފި

ހއ

ހުސެއިން އާދަމް

03 ސެޕްޓެމްބަރ 2026
08:00
މުއިއްޒުއަށް ޝުކުރުއަދާނުކޮށް ފަލާހްއަށް ޝުކުރުއަދާކުރުމުން ޚަލީލް ޕީއެންސީގެ ލީޑާޝިޕް ގްރޫޕުން ބޭރުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ ކެމްޕޭނާ ގުޅުވައިގެން، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށް ޝުކުރު އަދާކުރެއްވުމުން ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ޕާޓީގެ ލީޑާޝިޕް ގްރޫޕުން ވަގުތުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕީއެންސީއަށް ވެއްދުމަށާއި، ޕާޓީއަށް ވަތްކަން އަންގައިދޭ ސްކްރީންޝޮޓް ފޮނުވަން މަޖުބޫރުކޮށް، ބިރުދައްކައިގެން މެންބަރުން އިތުރުކުރަން ހިންގާ ހަރަކާތާއި ގުޅިގެންނެވެ.

މެންބަރުންގެ އަދަދު އިތުރުކުރަން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީއެންސީގެ ލީޑާޝިޕް ވައިބާ ގްރޫޕުގައި އެކި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މުއިއްޒުއަށް ނިސްބަތްކުރައްވައި "ސާބަސް ރައީސް، ޝުކުރިއްޔާ ރައީސް" ޖައްސަވަމުން ގެންދެވި ވަގުތު، ޑރ. ޚަލީލް ލިޔުއްވީ "ޝުކުރިއްޔާ ލީޑަރު ފަލާހް" މިފަދައިންނެވެ. މި މެސެޖާ ގުޅިގެން ރައީސް މުއިއްޒު ކޯފާވެ، ވަގުތުން ޚަލީލް އެ ގްރޫޕުން ބޭރުކޮށްލި ކަމަށް މައުލޫމާތު ލިބެއެވެ.

ޑރ. ޚަލީލް ލީޑާޝިޕް ގްރޫޕުން ބޭރުކޮށްލިކަން އާންމުކުރެއްވީ ޕީއެންސީގެ ލީޑާޝިޕާ މިހާރުވެސް ގާތް ގުޅުމެއް އޮންނަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާއެވެ.

މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު އަންގަވައިގެން ފޮރިން މިނިސްޓަރުކަމުގެ މަގާމުން ޚަލީލް އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި އެހެން ގިނަ ވަޒީރުންނަށް ސަރުކާރުން އެކި މަގާމުތައް ދެއްވި އިރު، ޚަލީލަށް އެއްވެސް މަގާމެއް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން، ސްޓެލްކޯ އަދި ރަށްރަށުގެ ފެނަކަ އޮފީސްތަކުގައި މަސައްކަތްކުރާ އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކުރުމަށްޓަކައި ޕީއެންސީއަށް ސޮއިކުރުން މަޖުބޫރު ކުރަމުންދާތީ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަމައެއާއެކު، ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ރަށްރަށުގެ ފެނަކަ އަދި ސްޓެލްކޯ ބްރާންޗްތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިކަމުގެ ހިތްހަމަނުޖެހުމުގައި، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް ގޮވާލައި ށ. ފޯކައިދޫގައި ވަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (1)

ކޮމެންޓް ލިޔުމަށް

ޖާނޭ04 ސެޕްޓެމްބަރ 2026 09:54

އަށްޕަތުރޭ ވަގުފޯމް ފުރައިގެން ވެއްދީ 60000 މީހުން ހޮޅިމުއީޒް ބުނެގެން