ޚަބަރު

ރަޝިއާއަށް މުދާ ފޮނުވާ ވަގުވިޔަފާރީގެ ހަބަކަށް ރާއްޖެ ވެއްޖެ - ވޯލް ސްޓްރީޓް

ހއ

ހުސެއިން އާދަމް

03 ސެޕްޓެމްބަރ 2026
14:26
ރަޝިއާއަށް މުދާ ފޮނުވާ ވަގުވިޔަފާރީގެ ހަބަކަށް ރާއްޖެ ވެއްޖެ - ވޯލް ސްޓްރީޓް

ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ބޭރުކުރުން މަނާކޮށްފައިވާ އަދި އެންމެ ފަހުން ރަޝިއާއަށް ގެންދާ މުދާތަކުގެ ހީނުކުރާ ފަދަ ޓްރާންސިޓް ހަބަކަށް ދިވެހިރާއްޖެ ވެފައިވާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" ގެ ތަހުގީގަކުން ހާމަވެއްޖެއެވެ.

އެ ނޫހުން ބަލާފައިވާ ލިޔެކިޔުންތަކާއި، އޭގެ ތެރޭގައި އެއާ ވޭބިލްތަކާއި، ކާގޯ މެނިފެސްޓްތަކާއި، ލޮޖިސްޓިކްސް ކުންފުނިތަކުގެ ދެމެދުގައި ބަދަލުކޮށްފައިވާ އީމެއިލްތަކުގެ އިތުރުން ހުޅަނގުގެ އޮފިޝަލުންނާ ކުރެވުނު އިންޓަވިއުތަކުން އެނގޭ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އަދި މަދަނީ އަދި އަސްކަރީ ކަންކަމުގައި ބޭނުންކުރެވޭ (ޑުއަލް-ޔޫސް) ސަތޭކަ މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މުދާ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވަނީ ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މުދާތަކުގެ ތެރޭގައި ބޯޓުފަހަރުގެ ބައިތަކާއި، އިލެކްޓްރޯނިކް ސާމާނާއި، މައިކްރޯޗިޕްތަކާއި، އޮޕްޓިކަލް އިންސްޓްރޫމެންޓްތަކުގެ އިތުރުން އެއަރޯސްޕޭސް ދާއިރާގައި ބޭނުންކުރާ ވަރުގަދަ ރިވެޓްތަކާއި ނަޓުބޯލްޓު ހިމެނެއެވެ. މީގެ ތެރެއިން ބައެއް ތަކެއްޗަކީ އާންމު މަދަނީ ބޭނުންތަކަށާއި އަސްކަރީ ބޭނުންތަކަށް ވެސް ބޭނުންކުރެވޭ ތަކެއްޗެވެ.

މި ރޫޓުގައި އެމެރިކާ، ޔޫރަޕް އަދި ޗައިނާއިން އަންނަ މުދާ ވައިގެ މަގުން މާލެއަށް ގެނެއެވެ. އަދި ތުހުމަތުކުރެވޭ ގޮތުގައި، ރާއްޖޭގެ އެޖެންޓުން ކަސްޓަމްސްގެ ލިޔެކިޔުންތައް ހަމަޖެއްސުމާއި، އެއާޕޯޓްގެ ތެރެއިން މުދާ ބަދަލުކޮށް، މޮސްކޯއަށް ފުރާ އެއިރޯފްލޮޓްގެ ފްލައިޓްތަކަށް އެ މުދާ ބަރުކުރުމުގައި އެހީތެރިވެދެއެވެ.

އާންމު ގޮތެއްގައި މި މުދާތައް ހުންނަނީ އެއާޕޯޓުގެ ޓްރާންސިޓް ސަރަހައްދުގައެވެ. އަދި ރަސްމީކޮށް ރާއްޖެއަށް އެތެރެއެއް ނުކުރެއެވެ. މާލެއިން މޮސްކޯއަށް ކުރާ ދަތުރަށް އަލުން އައު އެއާ ވޭބިލެއް ހަދާ ކަމަށާއި، ބައެއް ފަހަރު މުދާ ފޮނުވި އަސްލު ފަރާތުގެ ނަން އުނިކޮށް، ރަޝިއާއިން މުދާ ލިބޭ ފަރާތުގެ ގޮތުގައި އެހެން ފަރާތެއް ޖަހާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ތަހުގީގުން ދައްކާ ގޮތުގައި، މީގެ ތެރެއިން ބައެއް މުދާތައް އެންމެ ފަހުން ލިބެނީ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި އެސް7 އެއާލައިންސް އަދި އެ އެއާލައިނަށް މަތިންދާބޯޓު މަރާމާތުކޮށްދޭ ސަބްސިޑިއަރީ ކުންފުނިތައް ހިމެނެއެވެ.

ކިއެވް ސްކޫލް އޮފް އިކޮނޮމިކްސް އިންސްޓިޓިއުޓްގެ ސެންކްޝަންސް ރިސާޗް ފެލޯއެއް ކަމަށްވާ ޕަވްލޯ ޝްކުރެންކޯ، ޖާނަލް އަށް ވިދާޅުވީ، "މީގެން ދައްކުވައިދެނީ އާންމުކޮށް ޝައްކުކުރެވޭ ގައުމުތަކުގެ ބޭރުން ވެސް ނަތީޖާ ނެރެވޭނެ ވަރުގަދަ މަގުތައް އެބަހުރިކަން،" ކަމަށެވެ.

ވިޔަފާރީގެ ހިސާބުތަކުން އުފެދޭ ސުވާލުތައް

ޗައިނާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް މެދުވެރިކޮށް ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ބޭނުންކުރާ މައިގަނޑު މަގުތަކާ އަޅާބަލާއިރު މިއީ ކުޑަ މިންވަރެއް ނަމަވެސް، މިއީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ވިޔަފާރީގެ މަގެކެވެ. އެ ތިން ގައުމު މެދުވެރިކޮށް އަހަރަކު ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރުގެ މަނާ މުދާ ރަޝިއާއަށް އެތެރެކުރާ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އިމްޕޯޓްޖީނިއަސް އިން އެއްކޮށްފައިވާ ރަޝިއާގެ ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަޝިއާއިން ޔޫކްރެއިނަށް ފުރިހަމައަށް އަރައިގަތް ފަހުން، ރާއްޖެއިން އައި ކަމަށް ރެކޯޑްކޮށްފައިވާ މުދަލުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ރާއްޖެއިން އެތެރެކުރި ކަމަށް ރަޝިއާގެ ރެކޯޑްތަކުން ދައްކާ މުދަލުގެ އަގު 2021 ވަނަ އަހަރު 7 މިލިއަން ޑޮލަރަށް ވުރެ ދަށްވި ނަމަވެސް، 2022 ވަނަ އަހަރު އެ އަދަދު ވަނީ 630 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އަދި 2024 ވަނަ އަހަރު މި އަދަދު ހުރީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރުގައެވެ.

އިމްޕޯޓްޖީނިއަސްގެ ރިސާޗް ޑިރެކްޓަރު ވިލިއަމް ޖޯޖް ވިދާޅުވީ، ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން 2024 ވަނަ އަހަރު ވިޔަފާރީގެ ބައެއް ތަފާސްހިސާބުތައް ހިފަހައްޓަން ފަށައި، 2025 ގެ ކުރީކޮޅު އެ މައުލޫމާތުތައް މުޅިން ބަންދުކޮށްލާފައިވާތީ، މިއީ ހަގީގީ އަދަދަށް ވުރެ ދަށް އަދަދަކަށް ވުން އެކަށީގެންވާ ކަމަށެވެ.

މި ހިސާބުތައް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެނީ، މޯލްޑިވްސް ކަސްޓަމްސްގެ ރެކޯޑްތަކުން ރަޝިއާއަށް އެއާ އެއްވަރުގެ އެކްސްޕޯޓެއް ކޮށްފައިވާ ކަމަށް ނުދައްކާތީއެވެ. 2022 އާއި 2025 އާ ދެމެދު ރާއްޖޭގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ރަޝިއާއަށް ބޭރުކޮށްފައިވަނީ ގާތްގަނޑަކަށް 2،300 ޑޮލަރުގެ ކަންނެއްޔާއި 25 ޑޮލަރުގެ ލީފްލެޓާއި ބްރޯޝަރެވެ. މި ފަރަގު އުޅެނީ މި މުދަލަކީ ރަސްމީކޮށް ދިވެހިރާއްޖެއަށް އެތެރެކުރާ (އިމްޕޯޓްކުރާ) މުދަލުގެ ބަދަލުގައި، ޓްރާންސިޓް ކާގޯގެ ގޮތުގައި ބަލަހައްޓާ މުދާ ކަމަށް ވާތީ ކަމަށް ބެލެވެއެވެ.

މި ނިޒާމު ހިނގާ ކަމަށް ބުނާ ގޮތް

ދަ ޖާނަލްގައި ވާގޮތުން، ކޮންމެ ދުވަހަކު ހެނދުނު އެއަރޯފްލޮޓްގެ މަތިންދާބޯޓެއް މާލެއަށް އާދެއެވެ. އެއަށްފަހު، ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އެނބުރި މޮސްކޯއަށް ފުރާ އެއަރޯފްލޮޓްގެ ފްލައިޓަށް އެ މުދާތައް އެރުވުމުގެ ކުރިން، މުދާ ކްލިއަރކުރުމާއި ޓްރާންސްފަރ ކުރުމުގައި ރާއްޖޭގެ މެދުވެރިންނާއި ރަޝިޔާއާ ގުޅުން އޮންނަ ލޮޖިސްޓިކްސް ކުންފުނިތަކުން އެހީތެރިވެދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މި މުދާތަކަކީ ޓްރާންސިޓް ކާގޯގެ ގޮތުގައި ބެލެވޭ އެއްޗެހި ކަމަށްވާތީ، ކަސްޓަމްސް އިން މުދާ ޗެކްކުރަނީ ވަރަށް ކުޑަކޮށެވެ.

މި ތަހުގީގުގައި މި ޝިޕްމަންޓްތައް ބެލެހެއްޓުމާ ގުޅުންހުރި ކަމަށް ބުނެ ރާއްޖޭގެ ދެ ކުންފުނި ކަމަށްވާ ފްރައިޓް ކެއަރ އަދި ގޯ އިންވެސްޓްމަންޓްގެ ނަން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން 2024 ވަނަ އަހަރުގެ މެއި މަހުގެ މިސާލަކަށް ބަލާއިރު، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ކްރޭމަރ މައިނިންގ އިން ވަނީ ގާތްގަނޑަކަށް 9،000 ޔޫރޯ (10،400 ޑޮލަރު) ގެ އަގުހުރި ޕަމްޕްތަކާއި، ބެޓެރި، ވީ-ބެލްޓް އަދި އެހެނިހެން ސާމާނު ކިރްގިޒްސްތާނުގެ ކުންފުންޏެއް ކަމަށްވާ ޕެރެޓްސްވޯ އަށް ވިއްކާފައެވެ.

މި މުދާތައް ޑުސެލްޑޯފް އިން މާލެއަށް ގެނެސްފައިވަނީ އެމިރޭޓްސްގެ ފްލައިޓެއްގައެވެ. މި ޝިޕްމަންޓްގެ މައިގަނޑު ކޮންޓެކްޓެއްގެ ގޮތުގައި ލިސްޓްކޮށްފައިވަނީ ފްރައިޓް ކެއަރ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، މި މުދާތައް ވަނީ މޮސްކޯއަށް ދަތުރުކުރި އެއަރޯފްލޮޓް ފްލައިޓަކަށް ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މޮސްކޯ ދަތުރަށް ދޫކުރި ދެވަނަ އެއަރ ވޭބިލްގައި ކްރޭމަރ މައިނިންގ ނުވަތަ މުދާ ފޮނުވި އަސްލު ފަރާތުގެ ނަމެއް ނެތެވެ. އޭގެ ބަދަލުގައި މުދާ ލިބޭ ފަރާތެއްގެ ގޮތުގައި ޖަހާފައިވަނީ ރަޝިޔާގެ ކްރަސްނޮޔާސްކް އަށް ނިސްބަތްވާ އިމްޕޯޓަރެއް ކަމަށްވާ ގްރޫޕާ ކޮމްޕަނިީ ޓެހްނޯ އެވެ.

މިކަމާ ގުޅޭގޮތުން ކޮމެންޓެއް ހޯދުމަށް ދަ ޖާނަލް އިން އެދުމުން ކްރޭމަރ މައިނިންގ އަދި ގްރޫޕާ ކޮމްޕަނީ ޓެހްނޯ އިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެ ނޫހުން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި، މާލޭގައި ފްރައިޓް ކެއަރއާ ގުޅުންހުރި ދެ އެޑްރެހެއް ފެނިފައިވެއެވެ. އެއީ ޝިޕިންގ ލިޔެކިޔުންތަކުގައިވާ އެޑްރެހަކާއި ރަސްމީ ވިޔަފާރި ރަޖިސްޓްރީގައިވާ އެޑްރެހެކެވެ. މި އެޑްރެސްތަކަކީ ޖެހިޖެހިގެން ހުރި ދެ އިމާރާތް ކަމަށްވާއިރު، އެ ދެމެދުގައި ހުންނަނީ އެއަރޯފްލޮޓްގެ އޮފީހެކެވެ. ނަމަވެސް، އެ އެޑްރެސްތަކަށް ޒިޔާރަތްކުރި ޖާނަލްގެ ރިޕޯޓަރުންނަށް ފްރައިޓް ކެއަރގެ ފެންނަން ހުރި އޮފީހެއް ފެނިފައެއް ނުވެއެވެ.

ފްރައިޓް ކެއަރގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ވަހީދު ވަނީ މާލެ މަގުން ރަޝިޔާއަށްދާ ޓްރާންސިޓް ކާގޯ އެ ކުންފުނިން ބަލަހައްޓާ ކަމަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް، ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ މުދާ ފޮނުވުމުގައި ގަސްދުގައި އެހީތެރިވެދޭ ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކުރައްވާފައެވެ.

"އަޅުގަނޑުމެން އެއްވެސް ހަނގުރާމައަކަށް ތާއީދެއް ނުކުރަން،" ވަހީދު ޖާނަލްއަށް ވިދާޅުވިއެވެ.

ގޯ އިންވެސްޓްމަންޓްގެ އެޑްރެހުގެ ގޮތުގައި ލިސްޓްކޮށްފައިވާ ތަނަކީ ކުޑަ އިލެކްޓްރޯނިކްސް ފިހާރައެއް ކަމަށާއި، އެއީ އެހެން ބައެއް ކުންފުނިތައްވެސް ރަޖިސްޓްރީކޮށްފައިވާ އެޑްރެހެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ވިޔަފާރި ރަޖިސްޓްރީގައި އެ ކުންފުނިތަކުގެ ޑިރެކްޓަރެއް ނުވަތަ ބޯޑު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތަކުން ކޮމެންޓް ކުރުމަށް އިންކާރުކޮށް، ފަހުން ފޮނުވި މެސެޖުތަކަށްވެސް ޖަވާބު ދީފައެއް ނުވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ހުޅަނގުގެ ޕްރެޝަރު

ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކްސްޕޯޓް ކޮންޓްރޯލްތައް އަޅާފައެވެ. މީގެ ތެރޭގައި ރަޝިޔާގެ މާލީ އިދާރާތަކަށް އަމާޒުކުރުމާއި، ސެމީކޮންޑަކްޓަރާއި، ވައިގެ ދަތުރުފަތުރުގެ ސާމާނާއި، ސިނާއީ މެޝިނަރީ ފަދަ ޒަމާނީ ޓެކްނޮލޮޖީ އެތެރެކުރުން ހުއްޓުވުން ހިމެނެއެވެ.

ހުޅަނގުގެ ސަރުކާރުތަކުން މިހާރު ދަނީ މި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރަޝިޔާއަށް އެހީތެރިވެދޭ ކަމަށް ތުހުމަތުކުރެވޭ ތިންވަނަ ގައުމުތަކަށާއި މެދުވެރި ކުންފުނިތަކަށް ވަރަށް ބޮޑަށް ފާރަލަމުންނެވެ.

ދަ ޖާނަލް އިން ހަވާލާދީފައިވާ ހުޅަނގުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ދެންނެވި ޓްރާންސިޓް ރޫޓް ބަންދުކުރުމަށް އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ދިވެހި ސަރުކާރަށް ކުރާ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ. މި މައްސަލައާ ބެހޭ ގޮތުން މަޢުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ދިވެހި ކަމާބެހޭ އިދާރާތަކަށް މި މައްސަލަ އެނގޭ ކަމަށާއި، މިކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މިފަދަ ކަންކަން ހިނގުމަށް މެދުވެރިވާ އެއް ސަބަބަކީ ކަސްޓަމްސްގެ ވަސީލަތްތައް މަދުވުމެވެ. ޢާންމުގޮތެއްގައި ޓްރާންސިޓް މުދާ ފިޒިކަލީ ބަލައި ފާސްނުކުރާއިރު، ކަމާބެހޭ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ޝިޕިންގ ލިޔެކިޔުންތަކަށެވެ.

ދިވެހި ސަރުކާރުންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް 'ދަ ޖާނަލް' އިން އެދުނު އެދުމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކާގޯގެ ޙަރަކާތްތައް ދަނީ އިތުރުވަމުން

މި ތަޙުޤީޤު ކުރިއަށް މިދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އުފުލާ ޓްރާންސިޓް ކާގޯގެ މިންވަރު މެދުކެނޑުމެއްނެތި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޖުލައި މަހުގެ ތެރޭގައި އެމްއޭސީއެލް އިން އިޢުލާނުކުރި ގޮތުގައި، އެ އެއާޕޯޓުން ވަނީ އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު ޢަދަދަކަށް، އެއީ 126 ޓަނުގެ ޓްރާންސިޓް ކާގޯ ހޭންޑްލްކޮށްފައެވެ.

ދަޢުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މުދަލުގެ 12 އިންސައްތަ ހިއްސާކުރަނީ އެއިރޯފްލޮޓް އެއާލައިނުންނެވެ.

މި މައްސަލައިގެ ތެރެއަށް ރާއްޖެއާއި ރަޝިޔާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުމުގެ އިތުރު ދިމާއެއް ވެސް ވަދެއެވެ. ރަޝިޔާގެ ރައްޔިތުންނަކީ ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ ޤައުމު އޮތީ ޗައިނާ ފަތުރުވެރިންނަށްފަހު ދެވަނައިގައެވެ.

ހަމައެއާއެކު، އެމްއޭސީއެލް އިން ވަނީ 2024 ވަނަ އަހަރު ރެކޯޑު ފައިދާއެއް ހޯދައި، ރާއްޖޭގެ އެންމެ ފައިދާވާ ސަރުކާރު ހިއްސާވާ ކުންފުންޏަށް ވެފައެވެ. އެ ކުންފުންޏަށް އާމްދަނީ ލިބެނީ ކާގޯ ހޭންޑްލިންގއާއި، ވިޔަފާރީގެ އެކި ޚިދުމަތްތަކުގެ ފީތަކުންނާއި، ތެޔޮ ވިއްކައިގެންނެވެ.

ޖާނަލްގައި ބުނެފައިވާ ގޮތުގައި މާލެއަކީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ރިޕޯޓްކުރެވިފައިވާ ޚަބަރުތަކުން ހާމަވަނީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އޮތް ނަމަވެސް، މަނާކޮށްފައިވާ މުދާ ހޯދުމަށް ރަޝިޔާއިން ބަދަލު ސަޕްލައި ރޫޓުތައް ޤާއިމުކޮށްފައިވާ ގޮތެވެ. އަދި ޢާންމުކޮށް މިފަދަ ފިޔަވަޅުތަކުން ބެރިކެޓުވާން ބޭނުންކުރާ ބޮޑެތި ޤައުމުތަކުގެ އިތުރުން އެ ނެޓްވޯކް އެހެން ޤައުމުތަކަށް ވެސް ފުޅާކޮށްފައިވާ މިންވަރެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް