17 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ހުސެއިން އާދަމް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން 'އެކްސް' ގައި ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މިއީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާއިރު، ހައްޔަރުކޮށްފައިވަނީ އެ ރަށު ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި އެ ރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން ބުނި ގޮތުގައި މި ދެމީހުންނަކީވެސް މަސްތުވާތަކެތި ޓްރެފިކްކުރާ މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެމީހުންނެވެ.
ފުލުހުން ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.