މަޖިލިސް ތެރޭގައި ސިއްރު އިންގިލާބެއް އެބަ ހިނގާ، ހާލަތު ބަދަލުވެގެންދާނެ: ޔާމީން
ހުސެއިން އާދަމް

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޑޮލަރުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ މި އިންގިލާބާއެކު، މާތް ﷲ ގެ އިރާދަފުޅުން ދާދި އަވަހަށް ގައުމުގެ ހާލަތު ބަދަލުވެގެންދާނެ ކަމަށެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޯޓުން ބޭރުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ހަމައެކަނި ދުސްތޫރީ ބާރު އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި އެފަދަ ބޮޑެތި ބާރުތަކަކާއި އަމާނާތްތަކެއް ހަވާލުވެފައި ތިބި މެންބަރުންނަށް ކަމެއް ނުކުރެވޭނެ ކަމަށް ބުނުމަކީ އެ މީހުންނަށް ވެވޭ އިހުސާންތެރިކަމެއް ކަމަށާއި، އެއީ އެއްވެސް ވަރަކަށް ހަމްދަރުދީއެއް އޮންނަންޖެހޭނެ ބައެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތް ނަމަވެސް، ހުރިހާ މެންބަރުން މި ސަރުކާރާއެކު ސާބިތުވެ ނެތް ކަމަށެވެ. ހާއްސަކޮށް މިހާރު ދިމާވެގެން އުޅޭ ޑޮލަރު މާރުކުރުމުގެ އައު ގަވާއިދުގެ ސަބަބުން ވިޔަފާރިވެރިންނަށާއި މެންބަރުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން މަޖިލީހުގައި އެބަތިބި ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ކަޅު ބާޒާރުން ޑޮލަރު ގަނެގެން ވިޔަފާރިކުރާ މީހުންނާއި "ސަފާރީ ދުއްވައިގެން" ޑޮލަރު ހޯދާ މީހުން ވެސް މަޖިލީހުގެ ތެރޭގައި ހިމެނޭކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"ހުރިހާ އެންމެން ތިބީ މަލީހު ވިދާޅުވިހެން ރައީސް މުއިއްޒާ އެކު ގަދަކޮށެއް ނޫން. އެތަނުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި. އެތަނުގައި މިހާރު އެ ހިނގަނީ ވަރަށް ސައިލެންޓް ކޮށް ހިންގާ އިންގިލާބެއް. ﷲ މިންވަރުކުރައްވާށި! ﷲގެ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ހާލަތު ބަދަލުވާތަން ފެންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގައި މަސައްކަތްކުރަމުންދާ އެތައް ޒުވާނުންނެއް ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ރައީސް ޑރ. މުޢިއްޒު ގަސްތުގައި މި ގައުމުގެ ޒުވާނުންނަށް ދެމުންގެންދާ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ވެރިކަމެއް ގާއިމުވެއްޖެނަމަ، މި ސަރުކާރުން ބޭއިންސާފުން ވަޒީފާއިން ވަކިކުރާ ހުރިހާ ފަރާތްތަކަށް އަލުން ވަޒީފާ ހަމަޖައްސައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިފަދަ ހިތްހަމަނުޖެހުންތަކެއް އުޅޭކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ކުންފުނިތަކުގެ ހިންގުމަށް ގެންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.