ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންނާ މުޚާތަބު ކުރައްވަންވާނީ ކިހިނެއް؟
ހުސެއިން އާދަމް

ނޫސްވެރިންގެ ބައްދަލުވުމަކީ ހަމައެކަނި ދައުލަތުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ވަސީލަތެއް ނޫނެވެ؛ އަދި އެއީ ހަމައެކަނި އާންމު ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ ހަފުލާއެއް ވެސް ނޫނެވެ. ޑިމޮކްރެޓިކް ދުސްތޫރީ ނިޒާމެއްގައި، ނޫސްވެރިންގެ ބައްދަލުވުމަކީ ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންގެ ފަރާތުން ސިޔާސީ އެންމެ އިސް ވެރިންނާއި ބާރުވެރިން ޖަވާބުދާރީކުރުވާ މައިގަނޑު މައިދާނެވެ.
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ދަތިކަމާއި، ރާއްޖޭން ބޭރުގެ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން "ދައުރު" ނޫހުގެ ނޫސްވެރިޔަކު ދާދިފަހުން ކުރި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބު ވަޒަންކުރާއިރު، މި ދެންނެވި ޑިމޮކްރެޓިކް ހަމަތަކުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެ ސުވާލުގައި ފާހަގަކުރި އިގްތިސާދީ އަދި ސިޔާސަތާ ގުޅުންހުރި މައުޟޫއަށް ހަގީގަތްތަކުގެ އަލީގައި ޖަވާބުދެއްވުމުގެ ބަދަލުގައި، ރައީސް ރައްދު ދެއްވީ އެ ނޫސްވެރިޔާއަކީ ހަގީގަތުގައިވެސް ރާއްޖޭގައި އުޅޭ މީހެއްތޯ ސުވާލު އުފައްދަވަމުންނެވެ.
މި ހާދިސާގެ ސަބަބުން، ހަމައެކަނި ވަގުތީ ގޮތުން ބޭނުންކުރެވުނު ބަސްމަގުގެ އަދަބުވެރިކަމާ މެދު ސުވާލު އުފެއްދުމަށްވުރެ މާ ފުޅާ، ފަލްސަފީ އަދި ދުސްތޫރީ ބަހުސެއް ފެންމަތިވެއެވެ: ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި، އެ ވެރިޔާ ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ނޫސްވެރިޔާއާ ދެމެދު އޮންނަންޖެހޭ އަސްލު ގުޅުމަކީ ކޮބައިހެއްޔެވެ؟
ސިޔާސީ ނޫސްވެރިކަމާ ގުޅޭ އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ޕްރެސް ކޮންފަރެންސްތަކަކީ ސަރުކާރުގެ ނިންމުންތައް ވަޒަންކޮށް، ދައުލަތުގެ ހިންގުން ހިނގާ ނުހިނގާ ގޮތުގެ ތަފްސީލު ހޯދުމަށް ނޫސްވެރިންނަށް ލިބޭ ރަސްމީ ފުރުސަތެކެވެ. މިއީ ޑިމޮކްރެސީގެ "ފާރަވެރިޔާ"ގެ ދައުރުގެ މައި އަސާސެވެ.
އިގްތިސާދީ، މާލީ ނުވަތަ ޚާރިޖީ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރަނީ ނޫސްވެރިންނެއް ނޫނެވެ. ބޭރު ފައިސާގެ ރިޒާވް ބެލެހެއްޓުމާއި، ބޭންކުތަކުގެ ލިމިޓްތައް ކަނޑައެޅުމަކީ ވެސް ނޫސްވެރިންގެ މަސައްކަތެއް ނޫނެވެ. ނޫސްވެރިޔާގެ ދައުރަކީ، ދައުލަތުގެ އެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަލައި، އެކަންކަމާ ގުޅޭގޮތުން ބާރުވެރިންނާ ސުވާލުކޮށް ރައްޔިތުންނަށް މައުލޫމާތު ތިލަކޮށްދިނުމެވެ. އެހެންކަމުން، ރައްޔިތުންނަށް ދިމާވާ ދަތިތަކާ މެދު ސުވާލުކުރުމަކީ ނޫސްވެރިޔާ މައްސަލަ އުފެއްދުމެއް ނޫނެވެ؛ އެއީ މައްސަލަ ހައްލުކުރުމުގެ ބާރު ލިބިފައިވާ ފަރާތުގެ ސަމާލުކަމަށް އެކަން ގެނައުމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، 28 ވަނަ މާއްދާއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ފެތުރުމުގެ ހައްގު މުތުލަގަށް ރައްކާތެރިކޮށްދީފައެވެ. ބާރުވެރިން ހިތްހަމަޖެހޭ ފަދަ އަމާން ސުވާލުތައް އެކަނި ކުރަންޖެހޭ މާހައުލެއް އޮތްނަމަ، ގާނޫނުއަސާސީން ލިބިދޭ މި ހައްގުގެ ބޭނުމެއް ނޯންނާނެއެވެ.
ޔުނެސްކޯގެ މަޝްހޫރު "ވިންޑްހޯކް+30 ޑިކްލަރޭޝަން" ގައި ވެސް ބަޔާންކުރާ ފަދައިން، މިނިވަން ނޫސްވެރިކަމަކީ ދެފުށް ފެންނަ ވެރިކަމެއްގެ ބިންގަލެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނޫސްވެރިޔާގެ ސުވާލުގައިވާ ނުކުތާތަކާ ދެކޮޅުހެއްދެވިދާނެއެވެ؛ ސުވާލުގެ ހަގީގަތް ސާފުކޮށްދެއްވުމަށް ހެކި ދެއްކެވިދާނެއެވެ. ނަމަވެސް، ޑިމޮކްރެޓިކް މިންގަނޑުތަކުގެ ތެރޭގައި ޖަވާބު ބިނާވާންވާނީ ސުވާލަށެވެ. ސުވާލުކުރި މީހާގެ ޝަޚްސަށް ނުވަތަ އޭނާގެ އިތުބާރު ކަނޑުވާލާކަށް ނޫނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ 34 ވަނަ ޖެނެރަލް ކޮމެންޓުގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އެންމެ މަތީ ބާރުތައް ތަންފީޒުކުރައްވާ ވެރިންނަކީ، އާދައިގެ ރައްޔިތުންނަށްވުރެ މާ ބޮޑަށް ފާޑުކިޔުމާއި، ފާރަވެރިވުމާއި، ސިޔާސީ އިދިކޮޅު ހަރަކާތްތަކަށް ހުށަހެޅިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ގައުމުގެ އެންމެ މަތީ ވެރިޔާ ކަމަށްވުމުން، އެ މަގާމުގެ ހައިބަތާއި ބާރާއެކު އަންނަ އެންމެ މުހިންމު އެއް ޒިންމާއަކީ ރައްޔިތުންގެ ނުރުހުމާއި، ތަންގީދާއި، ދަތި ސުވާލުތައް ކެތްތެރިކަމާއެކު ތަހައްމަލުކުރެއްވުމެވެ. އެއްވެސް ޑިމޮކްރެސީއެއްގައި ފާޑުކިޔުމުން ވެރިޔާ އިސްތިސްނާއެއް ނުވެވޭނެއެވެ.
ޖެރެމީ ބެންތަމްގެ ހާމަކަން ބޮޑުވުމުގެ ނަޒަރިއްޔާ: ސިޔާސީ ފަލްސަފާވެރިޔާ ބެންތަމް ވަކާލާތު ކުރެއްވި ގޮތުގައި، ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވޭނެ އެންމެ ވަރުގަދަ ވަސީލަތަކީ ހާމަކަމެވެ. ސަރުކާރު ހިންގަންވާނީ އާންމުންގެ ފާރަވެރިކަމުގެ ދަށުންނެވެ. ނޫސްވެރިޔާ މެދުވެރިކޮށް ކުރެވޭ ސުވާލަކީ މި ފާރަވެރިކަމުގެ އަމަލީ ސިފައެވެ. ސުވާލުކުރާ ފަރާތަށް ހަމަލާދިނުމަކީ، ސަރުކާރު ފާރަވެރިކުރުމަށް ރައްޔިތުންނަށް އޮތް ނިޒާމަށް ހުރަސްއެޅުމެވެ.
ޖޯން ސްޓޫއާޓް މިލް އަދި ޚިޔާލުތަފާތުވުން: މިލްގެ ފަލްސަފާ ބުނާ ގޮތުގައި، މުޖުތަމައެއް ކުރިއަރައިދާނީ ތަފާތު ޚިޔާލުތަކާއި ހޫނު ބަހުސްތަކުގެ ތެރެއިންނެވެ. ސަރުކާރުގެ ވިސްނުމާ ފުށުއަރާ ސުވާލެއް ކުރިމަތިވުމަކީ ދައުލަތަށް ދެވޭ ހަމަލާއެއް ނޫނެވެ؛ އެއީ ސިޔާސަތުތައް މުރާޖައާކޮށް، ހަގީގަތް ހާމަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ރައީސް ޖަވާބުދެއްވަންވާނީ ސުވާލަށެވެ، ސުވާލުކުރާ މީހާއަކަށް ނޫނެވެ.
ސިޔާސީ މުއާމަލާތްތަކުގައި ފެންނަ ވަރަށް ބޮޑު އުނިކަމަކީ، ސުވާލުގެ އަސްލު މައުޟޫއަށް ޖަވާބުދެއްވަން ދަތިވުމުން، މައުޟޫއު ބަދަލުކޮށްލުމަށްޓަކައި ސުވާލު ކުރި މީހާގެ ޒާތަށް ރައްދު ދިނުމެވެ.
ނޫސްވެރިޔާ ސުވާލުކުރީ ރައްޔިތުންނަށް ޑޮލަރު ނުލިބިގެން އުޅޭ ސަބަބާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް ބަހުސް އަނބުރާލެވުނީ އެ ނޫސްވެރިޔާ ދިރިއުޅެނީ ކޮންތާކުތޯ ބެލުމަށެވެ. ސަރުކާރުގެ ސިޔާސަތު ވަރުގަދަ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ޖަވާބަކަށް ވާންޖެހޭނީ:
1.ދައުލަތުގެ ރިޒާވްގެ ހަގީގީ ހިސާބުތައް ހާމަކުރެއްވުމެވެ.
2.ބޭންކުތަކުގެ ލިމިޓްތަކަށް ގެނެސްފައިވާ ބަދަލުތައް ސާފުކޮށްދެއްވުމެވެ.
3.ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވުމެވެ.
ސުވާލުގެ އަސްލު ދޫކޮށް، ސުވާލުކުރި ނޫސްވެރިޔާގެ ދިރިއުޅުމުގެ ޙާލަތާ މެދު ސުވާލު އުފެއްދެވުމަކީ ދިމިގްރާތީ އަދި ސިޔާސީ ޖަވާބުދާރީވުމުގެ އަސާސްތަކާ ފުށުއަރާ ކަމެކެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ އަސާސީ އުސޫލަކީ ސިޔާސީ ޒިންމާ އޮންނާނީ ސިޔާސީ ބާރުވެރިކަމާ އެކުގައި ކަމެވެ. ދައުލަތުގެ ބަޖެޓު ކަނޑައެޅުމާއި، ޓެކްސްގެ ސިޔާސަތުތަކާއި، މާލީ މުއާމަލާތްތަކުގެ ގަވާއިދުތައް ހަދައި ތަންފީޒުކުރަނީ ސަރުކާރުންނެވެ. ނޫސްވެރިންނަކީ ތަންފީޒީ ބާރެއް އޮތް ބައެއް ނޫނެވެ. ބޭންކުތަކުން ޑޮލަރު ދޫކުރާނެ މިންވަރު ކަނޑައެޅުމުގެ ބާރެއް ނޫސްވެރިންނަކަށް ނޯވެއެވެ.
އެހެންކަމުން، އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކުގެ ވާހަކަ ދެއްކުމުން، އެކަމުގެ ޒިންމާ ނޫސްވެރިޔާގެ ބޮލުގައި އެޅުވުމަކީ ޖަވާބުދާރީވުމުގެ ނިޒާމު ބޮލާދޮމާލުމެވެ. ރަނގަޅު ތަރުތީބަކީ، ސަރުކާރުން ނިންމާ ނިންމުންތަކުގެ ނަތީޖާ ރައްޔިތުން ތަހައްމަލުކުރާއިރު، އެކަމުގެ ހަގީގަތް ހޯދަން ނޫސްވެރިން ސުވާލުކުރުމުން ސަރުކާރުން އެކަމަށް ފުރިހަމައަށް ޖަވާބުދާރީވުމެވެ.
އުނދަގޫ ސުވާލަކާ ކުރިމަތިލާންޖެހުމުން ރައީސަކު އަމަލުކުރައްވަންވީ ކިހިނެއް؟
ފަންނީ އަދި ހުނަރުވެރި ސިޔާސީ ލީޑަރަކު ދަތި ސުވާލުތަކާ ކުރިމަތިލައްވާނީ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކުގައެވެ. މިގޮތުން:
ހަގީގަތް ސާފުކޮށްދިނުން: ސުވާލުގައި ނުބައި މައުލޫމާތެއް ވާނަމަ، އެކަން ރަސްމީ ތަފާސްހިސާބުތަކާއެކު އިސްލާހުކޮށްދެއްވިދާނެއެވެ.
ސިޔާސަތު ބަޔާންކުރުން: ސަރުކާރުގެ ވިސްނުމާއި އެޅި ފިޔަވަޅުތަކުގެ ބޭނުން ތަފްސީލުކޮށްދެއްވިދާނެއެވެ.
މައްސަލަ ގަބޫލުކުރުން: ދަތިތަކެއް ހުރިނަމަ އެކަމަށް އިއުތިރާފުވެ، އެކަން ހައްލުކުރުމުގެ މަގުޗާޓު ހާމަކުރެއްވިދާނެއެވެ.
ނޫސްވެރިޔާއާ އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ދައުލަތުގެ އެންމެހައި ވަސީލަތްތަކާއި ބާރު އޮވެއެވެ. ނޫސްވެރިޔާގެ އަތުގައި އޮތީ ހަމައެކަނި ސުވާލުކުރުމުގެ ހައްގެވެ. ބާރުގެ ގޮތުން މިހާ ބޮޑު ފަރަގެއް އޮންނައިރު، ވެރިމީހާގެ ބާރުގެ ބޭނުންކުރައްވައި ނޫސްވެރިޔާ ކުޑައިމީސްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެކެވެ.
މިނިވަން ނޫސްވެރިކަމަކީ ހިތުހުރި އެއްޗެއް ޝާއިއުކުރުމުގެ މުތުލަގު މިނިވަންކަމެއް ނޫނެވެ. ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތައް ބުނާ ގޮތުގައި، ނޫސްވެރިން ވެސް ތެދު މައުލޫމާތު ހޯދައި، ވަކިފަރާތަކަށް ނުޖެހި، ޒިންމާދާރުކަމާއެކު ރިޕޯޓްކުރަންޖެހެއެވެ.
ދިމިގްރާތީ ރަނގަޅު މާހައުލެއް ބިނާވަނީ، ނޫސްވެރިން ފަންނީ ހަމަތަކުގެ މަތިން ސުވާލުކުރުމުން، ސިޔާސީ ވެރިން އެ ސުވާލުތަކަށް އިހުތިރާމާއެކު، ހަގީގަތުގެ މައްޗަށް ބިނާކޮށް ޖަވާބުދެއްވުމުގެ ސަގާފަތެއް ގާއިމުވެގެންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި، ސިޔާސީ ފަލްސަފާތައް އެއްބަސްވާ މައިގަނޑު ހަގީގަތަކީ، ވެރިކަމުގެ ބާރަކީ ފާރަވެރިވުމާއި ޖަވާބުދާރީވުމަށް ހުޅުވިފައި އޮންނަންޖެހޭ އެއްޗެއް ކަމެވެ.
ނޫސްވެރިޔާ ކުރާ ސުވާލަކީ ކިތަންމެ އުނދަގޫ އަދި ހިތްހަމަނުޖެހޭ ސުވާލަކަށް ވިޔަސް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަންވާނީ އެ ސުވާލަކަށް ސީދާވާ ޖަވާބެކެވެ. ނޫސްވެރިޔާ ދިރިއުޅޭ ތަނަކާ މެދު ނުވަތަ އޭނާގެ ޒާތާ މެދު ސުވާލު އުފެއްދެވުމުގެ ބަދަލުގައި، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެއްވުމުގެ ސިޔާސަތުތައް ހާމަކުރެއްވުމަކީ ލީޑަރެއްގެ ފަރާތުން ފެންނަންޖެހޭ އެންމެ މަތީ ސިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ އެމަނިކުފާނު އިންތިޚާބުކުރި އެންމެހައި ރައްޔިތުންނަށެވެ.