ފަލާހް ވިދާޅުވަނީ ރައީސް މުޢިއްޒުގެ ނަން އިވޭއިރަށް އަތްޖެހުމާއި އުތުރު ކޮރެއާގެ އަތްޖެހުމާ އެއްފަދަކަމަށް
ހުސެއިން އާދަމް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސަޕޯޓަރުން ދޭ ތަރުހީބަކީ އުތުރު ކޮރެއާގެ ސިޔާސީ ހަރަކާތްތަކުން ފެންނަ ފަދަ އިންތިޒާމުވެފައިވާ، ފޯރިގަދަ އަތްޖެހުމެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒުގެ ނަންފުޅު ކިޔުމުން ސަޕޯޓަރުން އަތްޖަހާ ގޮތުން އެމަނިކުފާނަށް އޮތް ލޯތްބާއި ވަފާތެރިކަން ހާމަވާ ކަމަށެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ސަޕޯޓަރުން ދިން ތަރުހީބާއި މިހާރުގެ ރައީސަށް ލިބޭ ތަރުހީބު ތަފާތުކަން ފާހަގަކުރައްވައި، އެއީ ރައްޔިތުންގެ މެދުގައި އޮތް މަޤްބޫލުކަން ހުރި މިންވަރު އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިޔަބޭފުޅުން ތިޔަ ޖައްސަވާ އަތްޖެހުމަކީ އިޚްލާޞްތެރި ކަމެއް. ތިޔަ ގޮތަށް އަތްޖެހުމުން އެނގެނީ އަޅުގަނޑުމެންގެ ރައީސްދެކެ ތިޔަބޭފުޅުން ވާ ލޯތްބެއް. ޔާމީނަށް ޖެހި އަތްޖެހުމާއި، މިހާރުގެ ރައީސްގެ ނަންފުޅު ކިޔުމުން ތިޔަ އިޖާބަދޭ ގޮތާ ދެމެދު ބޮޑު ތަފާތެއް އެބަހުރި،" ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވަނީ ސީދާ އުތުރު ކޮރެއާއާ އެކަމާ އަޅާކިޔުއްވާފައެވެ.
"އަޅުގަނޑު އަޅުގަނޑުމެންގެ ރައީސްގެ ނަންފުޅު ކިޔުމުން ތިޔަބޭފުޅުން ތިޔަހާ ލޯތްބާއެކު އަތްޖަހާ ގޮތް ވައްތަރީ އުތުރު ކޮރެއާގައި އަތްޖަހާ ގޮތާ. އެއީ ވަރަށް ރީތި މަންޒަރެއް،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ ޔާމީނަށް ލިބުނު ތަރުހީބުން ފެނުނީ ހިތްހަމަނުޖެހުން ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒަށް ލިބޭ ތަރުހީބަކީ ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި އޮތް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހެއްކެއް ކަމަށެވެ. އަދި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންގެ ފަރާތުން ވެސް ފެންނަނީ އެ އުފާވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙްގެ މި އަޅާކިޔުއްވުން ސަމާލުކަމަށް އައީ، އުތުރު ކޮރެއާގައި ފެންނަ ފަދަ އިންތިޒާމުވެގެން ދޭ ތަރުހީބުތަކަކީ ރާއްޖެ ފަދަ މަލްޓި-ޕާޓީ ޑިމޮކްރަސީއަކާ މުޅިން ތަފާތު ސިޔާސީ ނިޒާމެއްގެ ތެރެއިން ފެންނަ ކަންކަމަށް ވާތީއެވެ.
އުތުރު ކޮރެއާއަކީ ކިމް ޖޮންގް އުންގެ ވެރިކަމުގެ ދަށުން ހިނގާ، އާއިލީ ޚުދުމުޚުތާރު ވެރިކަމެއް އޮންނަ ޤައުމެކެވެ. "ފްރީޑަމް ހައުސް" އިން އެ ޤައުމު ގިންތިކޮށްފައިވަނީ "މިނިވަންކަމެއް ނެތް" ޤައުމެއްގެ ގޮތުގައެވެ.
އެ ޤައުމުގެ ސިޔާސީ ހަރަކާތްތަކުގައި ވެރިންނަށް ތަރުހީބު ދިނުމަކީ ޒަމާނުއްސުރެ ފެންނަ ކަމެކެވެ. ދައުލަތުން އިންތިޒާމުކުރާ ބޮޑެތި އެއްވުންތަކާއި ރަސްމިއްޔާތުތަކުގައި، ސަފުތަކަކަށް އެތުރިގެން ތިބެ އެއްފަހަރާ އަތްޖެހުމާއި ޝުޢޫރު ފާޅުކުރުމަކީ ވެރިކަމަށް އޮތް ވަފާތެރިކަން ދެއްކުމުގެ ބައެކެވެ.
ނަމަވެސް، މިފަދަ ހަރަކާތްތަކަކީ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންކަމަށް ވުރެ ބޮޑަށް، ސިޔާސީ ގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް މާހައުލެއްގައި ކުރެވޭ ކަންކަމެވެ. އުތުރު ކޮރެއާގައި ސިޔާސީ އިދިކޮޅު ހަރަކާތްތަކަކީ މަނާ ކަންކަމަށް ވާއިރު، ވެރިކަމަށް ވަފާތެރި ނޫން ކަމަށް ބެލެވޭ ފަރާތްތަކަށް ހަރުކަށި އަދަބުދެއެވެ.
އެ ޤައުމުގެ މީޑިއާތަކާއި މުއައްސަސާތައް ހުންނަނީ ދައުލަތުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އެހެންކަމުން، އެ ޤައުމުގައި ފެންނަ އަތްޖެހުމާއި ތަރުހީބަކީ ސިޔާސީ ބާރުވެރިކަން މަރުކަޒުވެފައިވާ ނިޒާމެއްގެ ތެރެއިން އުފައްދާފައިވާ މަންޒަރެކެވެ.
އުތުރު ކޮރެއާގެ އަތްޖެހުމާ މިކަން އަޅާކިޔުމަކީ ފާހަގަކޮށްލެވޭ ކަމަކަށް ވަނީ، ޑިމޮކްރެޓިކް ނިޒާމެއްގައި ލިބޭ ފަދަ ވެރިންނަށް ފާޑުކިޔުމުގެ ނުވަތަ އިދިކޮޅު ޕާޓީ އުފެއްދުމުގެ މިނިވަންކަން އެ ޤައުމުގައި ނެތީމައެވެ.
ފްރީޑަމް ހައުސްއިން ހާމަކުރާ ގޮތުގައި އުތުރު ކޮރެއާގައި ރައްޔިތުންނަށް ފާރަވެރިވުން ވަރުގަދަވެފައި، ސިޔާސީ ކުށްވެރިންނަށް ހަރުކަށި އަދަބުދޭ ކޭމްޕުތައް ހުރެއެވެ. އަދި އަދުލު އިންޞާފުގެ ނިޒާމު އޮންނަނީ ސިޔާސީ ވެރިންގެ ނުފޫޒުގެ ދަށުގައެވެ.
އެހެންކަމުން، އުތުރު ކޮރެއާގެ "ސްޓައިލަށް" އަތްޖެހުމުގެ ވާހަކަ ދެއްކުމަކީ ސިޔާސީ ގޮތުން ތަފާތު މާނައެއް ދޭހަވާ ކަމެކެވެ. އެއީ ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ނެތް، އަދި ވެރިކަމަށް ބޯލެނބުން މަޖުބޫރު ނިޒާމެއްގެ ރަމްޒެކެވެ.
އުތުރު ކޮރެއާއަކީ ސޯޝަލިސްޓް، އެއް ޕާޓީގެ ނިޒާމެއް އޮންނަ ޤައުމެކެވެ. ނަމަވެސް ރާއްޖެއަކީ ޤާނޫނުއަސާސީގެ ދަށުން ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބުތަކެއްގެ ތެރެއިން ވެރިކަން ހޯދާ ޑިމޮކްރެޓިކް ޤައުމެކެވެ.
ފަލާޙް މި ސިފަކުރުން ބޭނުންކުރެއްވީ ރައީސް މުޢިއްޒަށް އޮތް ތަރުހީބަށް ތައުރީފު ކުރެއްވުމުގެ ގޮތުން ނަމަވެސް، ބައިނަލްއަޤުވާމީ ގޮތުން އުތުރު ކޮރެއާގެ މިފަދަ ހަރަކާތްތައް ފާހަގަކުރެވެނީ ޚުދުމުޚުތާރު ވެރިކަމާއި ފިއްތުންތަކުގެ ރަމްޒެއްގެ ގޮތުގައެވެ.
މިކަމުގެ ސަބަބުން، އިޚްލާޞްތެރި ސިޔާސީ ތަރުހީބާއި، އިންތިޒާމުވެގެން ދައްކާ ވަފާތެރިކަމާ ދެމެދު ހުރި ތަފާތާ މެދު ސުވާލު އުފެދެއެވެ. ފަލާޙަށް އެއީ ރައީސްގެ މަޤްބޫލުކަން ކަމަށް ވިޔަސް، އެ މިސާލު ޖެއްސެވި އުތުރު ކޮރެއާގެ ސިޔާސީ މާހައުލަކީ އޭގެ މުޅިން އިދިކޮޅު މާހައުލެކެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިއަކަށް ކުރާ ތަރުހީބާއެކު، އެ ވެރިއަކަށް ފާޑުކިޔުމާއި އިންތިޚާބުން ބަދަލުކުރުމުގެ ޙައްޤު އޮންނަންޖެހެއެވެ. ނަމަވެސް އުތުރު ކޮރެއާގައި އެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.