ގްރީން ބިލްޑިން ރޯކޮށްލީ މުއިއްޒުގެ އަރިސް މީހެއް، ފުލުހުން އަތުގައި ހެކި އެބަހުރި: ޔާމީން
ހުސެއިން އާދަމް

މާފަންނުގައި ހުންނަ ގްރީން ބިލްޑިންގުގައި ޑިސެމްބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިސް ބޭފުޅަކު ގަސްތުގައި ހިންގި ޖަރީމާއެއް ކަމަށާއި، އެކަމުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ހާދިސާއަކީ މުހިންމު ހެކިތަކެއް ނައްތައިލުމުގެ ބޭނުމުގައި ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށެވެ.
އަދި އެކަމުގެ ފުރިހަމަ މައުލޫމާތާއި ހެކި ފުލުހުންނަށް ލިބިފައިވީ ނަމަވެސް، އެ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްޖެހެމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ގްރީން ބިލްޑިންގުގައި ރޯކޮށްލީ ކާކުކަން. އަދި އެއީ ރައީސް މުޢިއްޒާ ކިހާ ވަރެއްގެ ގާތް ގުޅުމެއް އޮތް ފަރާތެއްކަން ވެސް އެނގޭނެ. އެ މައުލޫމާތު ފުލުހުންގެ އަތުގައި އެބައޮތް. ނަމަވެސް، އެ ފަރާތްތަކުން ބޭނުމެއް ނުވޭ ފިޔަވަޅު އަޅާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުރި ރައީސް މުޢިއްޒާ ގުޅޭ ގިނަ މައްސަލަތަކެއްގެ ފައިލްތައް ގެއްލިފައިވާ ކަމަށާއި، މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި ކަންކަމުގެ ތަފުސީލު ނޭނގެނީ މިފަދަ ހާދިސާތަކުގައި ލިޔެކިޔުންތައް އަނދައިގެން ދިއުމުން ކަމަށް ވެސް ޔާމީން ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ތިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެއްވެސް ބަޔަކު ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގުން ދައްކާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި މިނިސްޓްރީ އޮފް ހައުސިންގ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދިޔަ އިމާރާތް އެއްކޮށް އަނދައި އަޅިއަށް ވެފައިވާއިރު، އެ ތަންތަނުގައި ހުރި ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކާއި ސާވަރުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އަލިފާނުގެ ހާދިސާއަށްފަހު، އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރެވިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްފައެވެ.