ސިޔާސީ

މި ސަރުކާރުގެ ކެބިނެޓުގައި ވެސް އިންގިލާބެއް އެބަ ހިނގާ: ޔާމީން

ހއ

ހުސެއިން އާދަމް

07 ސެޕްޓެމްބަރ 2026
07:31
މި ސަރުކާރުގެ ކެބިނެޓުގައި ވެސް އިންގިލާބެއް އެބަ ހިނގާ: ޔާމީން

ސަރުކާރުގެ އިސްވެރިން ކިތަންމެ ރުޅިއަޔަސް، މި ސަރުކާރުގެ ކެބިނެޓުގެ ތެރޭގައި ވެސް ސަރުކާރާ ދެކޮޅު އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި އެކަނި ނޫން ކަމަށާއި ކެބިނެޓުގެ ތެރޭގައި ވެސް ސަރުކާރާ ދެކޮޅު ކަންކަން ހިނގަމުންދާ ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިގެން ނުކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ސަރުކާރުގެ އިސް ފަރާތްތަކަށް ވެސް އެނގޭ ކަމަށާއި، އެކަން މިހާރު ނަގާފައިވާ ވޯޓުތަކުން ސާފުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މިފަހުން ކެބިނެޓުން އެއްފަހަރާ ވަޒީރުންތަކެއް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރައްވައި ބައެއް ވަޒީރުން ވަކިކުރައްވައި ކެބިނެޓަށް ގެނައި ބޮޑު ބަދަލަކީ ވެސް، ކޮފީ މޭޒެއްގައި ދެއްކެވި ވާހަކަތަކެއް ލީކުވެގެން އައި ލޮޅުމެއްގެ ނަތީޖާ އެވެ. އަދި ދާއިރާތަކުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންގެ ތާއީދު އޮތް އެއްވެސް ކަމެއް ރައީސަށް ނުކުރެވޭ ކަމުގެ ވާހަކަތައް ދައްކަވަނީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިސް ތެރެއިން "ހިމޭން އިންގިލާބެއް" ކުރިއަށްދާ ކަމަށް ޔާމީން ކުރިން ވިދާޅުވި ވާހަކަފުޅާ ގުޅިގެން، ވެރިކަންކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ޔާމީނަށާއި އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ބޭފުޅުންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ، އެ ބޭފުޅުންނަށް ރައްދުދެއްވައި އެހާ ދަށް ފެންވަރަކަށް ވެއްޓުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާގައި ވާހަކަދެއްކެވި އެއްވެސް ބޭފުޅަކީ އެ މަނިކުފާނު އަރިހުގައި ސިޔާސީ ވާހަކަދެއްކެވޭނެ ފެންވަރު ހުރި ނުވަތަ އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ޕީއެންސީގެ ޖަލްސާގައި އެފަދަ ދަށު ދަރަޖައިގެ ވާހަކަތަކެއް ދެއްކެވީ ހަގީގަތް ހާމަވުމުން އެކަމުގެ ރުޅި ބާލާލުމަށް ކަމަށް ޔާމީން ސިފަކުރެއްވި އެވެ.

"އެހެންވީމާ ދެން މިކަންކަމުގެ ރުޅި ދެން ނުކުމެ ޕޯޑިއަމެއް ކައިރީ، މިއޮއްހާ ދުވަހު އަބްދުއްރަހީމް ހުރީ ހަފޮޅުން ބޭރުގައި ނޫންތޯ. ދެން އިލްމުވެރިން، މުޝީރުން ދެއްވި ލަފަޔާ އެއްކޮށް މުއިއްޒު އަބްދުއްރަހީމް ނެރުނީ އަޅުގަނޑާ ދިމާލަށް އެއްޗެހި ކިޔަން،" މަޖިލީހުގެ ރައީސަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އަބްދުއްރަހީމަށް ސަރުކާރާ އޮތް ގުޅުން ރަނގަޅުވި ކަމަށް ހީވި ނަމަވެސް އެ ގުޅުން ރަނގަޅު ނުވާނެ ކަމަށާއި، ކޮންމެ މީހަކު ވެސް އަމިއްލަ ސައިޒު އެނގިގެން މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް