ޚަބަރު

ބްލެކްމާކެޓް ހުއްޓުވާ ޓާސްކްފޯސްއަށް 65 މައްސަލަ ލިބުނުއިރު، ފިޔަވަޅު އެޅުނީ އެންމެ ބިދޭސީއަކަށް: ފުލުހުން

ހއ

ހުސެއިން އާދަމް

09 ސެޕްޓެމްބަރ 2026
03:34
ބްލެކްމާކެޓް ހުއްޓުވާ ޓާސްކްފޯސްއަށް 65 މައްސަލަ ލިބުނުއިރު، ފިޔަވަޅު އެޅުނީ އެންމެ ބިދޭސީއަކަށް: ފުލުހުން

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހުއްޓުވުމަށް އެކުލަވައިލާފައިވާ ޓާސްކްފޯސްގެ ހޮޓްލައިނަށް މިހާތަނަށް 65 މައްސަލައެއް ހުށަހެޅިފައިވާއިރު، މިހާތަނަށް ފިޔަވަޅު އެޅިފައިވަނީ އެންމެ ބިދޭސީއަކަށް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރެއިން ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ:

ބިދޭސީ 27 މީހެއްގެ މައުލޫމާތު

ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނެއްގެ މައުލޫމާތު

ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 4 ތަނެއްގެ މައުލޫމާތު

މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެއް ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން މިހާރުވެސް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، އާންމު މަސްލަހަތާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުން ވަނީ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް