އަބަދަކު ނޫމަޑީ ގޮތަށް ކަންހިނގާނެ ކަމަށް މުއިއްޒު ހީކުރެއްވުމަކީ ގޯހެއް: ޖަމީލް
ހުސެއިން އާދަމް

ކުރީގެ ސަރުކާރުގައި ހިނގައިދިޔަ "ނޫމަޑި" މައްސަލައިގައި ކަންކަން ހިނގައިދިޔަ ފަދައިން އަބަދަކު ކަންކަން ނުހިނގާނެ ކަމަށާއި، އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހީފުޅުކުރެއްވުމަކީ ބޮޑު ގޯހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސްއެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޖަމީލް ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށް އަމާޒުވަމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ރައީސް މުޢިއްޒު ހީފުޅުކުރައްވަނީ މި ޤައުމުގައި ދެން ތިބީ ތަންދޮރު ނުފިލާ މީހުން ކަމަށެވެ. އަދި އޮންލައިން ނޫހެއް ކަމަށްވާ "ދައުރު" ރައީސް އޮފީހުން ބޭންކޮށްގެން އުޅެނީ ރައީސް މުޢިއްޒާ ސީދާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންތޯ ވެސް ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން، ރައީސް މުޢިއްޒަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު ކުއްލިއަކަށް ތިން ރިޒޯޓް ތަރައްޤީ ކުރަން އުޅޭ މައްސަލައަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ބޮޑެތި ކޮރަޕްޝަނާއި އެތައް ކުށަކަށް ތުހުމަތު ކުރެވޭ ހާލަތުގައި، "ތިމަންނައަށް ނޭނގެ" ކަމަށް ވިދާޅުވުމަކުން އެކަމުން ދިފާޢުވެވުނީ ކަމަށް ރައީސް ދެކެވަޑައިގަންނަވަނީތޯއެވެ.
"އަބަދަކު ނޫމަޑީ ގޮތަށް ކަންހިނގާނެ ކަމަށް ހީކުރެއްވުން ގޯހެއް. ބެދޭ މަޅި މިހާރު ނުފެނި ތިޔަދަނީ!" ރައީސް މުޢިއްޒަށް އިންޒާރެއް ދެއްވަމުން ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ނޫމަޑި މައްސަލައަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ޑރ. މުޢިއްޒު ހުންނެވި ދުވަސްވަރު ސަރުކާރުން ބަދަލުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ހޯދަން ދައުވާކުރި މައްސަލައެކެވެ. ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. އޭރު ސަރުކާރުން ބުނީ ބަދަލުދޭން ޖެހުނީ އެ މައްސަލައިގައި ޑރ. މުޢިއްޒު ދައުލަތާ ދެކޮޅަށް ބަޔާނެއް ދެއްވުމުންނެވެ.