ކުޅިވަރު

އެމްބާޕޭއަށްވުރެ ބެލޮންޑިއޯ ހައްގީ އަހަރެންނަށް - ޔަމާލް

ހއ

ހުސެއިން އާދަމް

14 ސެޕްޓެމްބަރ 2026
06:25
އެމްބާޕޭއަށްވުރެ ބެލޮންޑިއޯ ހައްގީ އަހަރެންނަށް - ޔަމާލް

2026 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ކުރެވޭ ވާދަވެރިކަން މިހާރުވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ވަކިން ހާއްސަކޮށް ލަމީން ޔަމާލް އާއި ކީލިއަން އެމްބާޕޭގެ މެދުގައި އޮތް ވާދަވެރިކަން މިހާރުވެސް ދަނީ ފާހަގަކުރެވެމުންނެވެ.

މޮވިސްޓާގެ "ޔުނިވާސޯ ވަލްޑާނޯ" ޕްރޮގްރާމަށް ދީފައިވާ އަދި އަންނަ ހުކުރު ދުވަހު އާންމުކުރުމަށް ހަމަޖެހިފައިވާ އިންޓަވިއުއެއްގައި ޔަމާލް ވަނީ ބެލޮންޑިއޯ އެވޯޑު އެންމެ ހައްގީ ކާކަށް ކަމާމެދު އޭނާ ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކޮށްފައެވެ.

"ސްޕޯޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމާލް ބުނީ، "އަހަރެން ބެލޮންޑިއޯ ދޭނީ ކާކަށް ހެއްޔެވެ؟ ތެދަށް ބުނާނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ތިބީ އެންމެ ދެ ކުޅުންތެރިން ކަމަށް ވެދާނެ. ނަމަވެސް މި އަހަރު މި އެވޯޑު ހައްގީ އަހަރެންނަށް."

އޭނާ އިތުރަށް ބުނި ގޮތުގައި، "އަހަރެން ދެކޭގޮތުގައި އެންމެ މޮޅު ދެ ކުޅުންތެރިންނަކީ އަހަރެންނާއި ކީލިއަން އެމްބާޕޭ. މެޗުތައް ބަލާ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެ."

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމްބާޕޭވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނީ، "އަހަރެން އަބަދުވެސް ގަބޫލުކުރަނީ ބެލޮންޑިއޯއަކީ ތަފާތު ދައްކާ ކުޅުންތެރިޔަކަށް ދޭންޖެހޭ އެވޯޑެއް ކަމަށް. ފުޓްބޯޅައަކީ ޓީމު ކުޅިވަރަކަށް ވާތީ، ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބީ މުހިންމު ނަމަވެސް، މިއީ ވަކިވަކި ކުޅުންތެރިންނަށް ދެވޭ އެވޯޑެއް."

ނިމިދިޔަ ސީޒަނާ ގުޅޭގޮތުން ފްރާންސްގެ ތަރި ބުނީ، "މި އަހަރު އަހަރެން ތަފާތު ކަންތައްތަކެއް ދައްކުވައިދީފި ކަމަށް ގަބޫލުކުރަން. އެހެންކަމުން ބެލޮންޑިއޯ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް." ކަމަށެވެ.

ޔަމާލް މި ވާދަވެރިކަމަށް ނުކުންނަނީ ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް އަދި ބާސެލޯނާއާއެކު ލަލީގާ ކާމިޔާބު ކުރުމަށްފަހުއެވެ. އަނެއްކޮޅުން އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ގިނަ ލަނޑުތަކެއް ޖަހައި، އެ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް