ނޯވޭގެ އިސްވެރިންނާއި އެޕްސްޓީންއާ އޮތް ގުޅުންތައް ތަހްގީގުކުރަން ފަށައިފި
ހުސެއިން އާދަމް

އެމެރިކާގެ މާލީ އިދާރާތަކާ ގުޅުންހުރި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާއި، ނޯވޭގެ ސިޔާސީ އަދި ޑިޕްލޮމެޓިކް އިސްވެރިންނާ ދެމެދު އޮތް ގުޅުންތައް ބެލުމަށް އެ ގައުމުގެ ޕާލަމަންޓުން އާންމު ތަހުގީގެއް ފަށައިފިއެވެ.
މި ތަހުގީގުގައި ސުވާލުކުރެވޭ ބޭފުޅުންގެ ތެރޭގައި ނޯވޭގެ މިހާރުގެ ބޮޑުވަޒީރު ޖޯނަސް ގާސްޓޯރާ ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނަކީ 2005 އިން 2012 އަށް އެ ގައުމުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ޚާރިޖީ ދާއިރާއާއި ތަރައްގީއާ ބެހޭ ވުޒާރާތަކުގައި މަސައްކަތްކުރެއްވި ކުރީގެ އަދި މިހާރުގެ 11 ވަޒީރަކާވެސް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި "އެޕްސްޓީން ފައިލްތަކުން" ހާމަވި ގޮތުގައި، ސިޔާސީ ބޭފުޅުންނާއި، ޝާހީ އާއިލާތަކުގެ މެންބަރުންނާއި، އަދި ނުފޫޒުގަދަ އެކި ފަރާތްތަކާއެކު އެޕްސްޓީން ނޭދެވޭ ގުޅުންތަކެއް ބޭއްވިއެވެ. މި ގުޅުންތަކުގެ ތެރެއިން އޭނާ އެ ފަރާތްތަކަށް ކުޑަކުދިން ފޯރުކޮށްދީފައިވާ ކަމަށް ބެލެވެއެވެ. މި ހާމަވުންތަކާ ގުޅިގެން ނޯވޭގެ ޕާލަމަންޓުންނާއި ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގުތައް ފަށާފައެވެ.
ނޯވޭގެ ޕާލަމަންޓްގެ "ސްޓޭންޑިންގ ކޮމިޓީ އޮން ސްކްރޫޓިނީ އެންޑް ކޮންސްޓިޓިއުޝަނަލް އެފެއާޒް" އިން މިހާރު ދަނީ ޚާރިޖީ ވުޒާރާއިން ބައިނަލްއަގުވާމީ އެހީގެ ފައިސާ ބޭނުންކޮށްފައިވާ ގޮތާއި، އެ ވުޒާރާގެ އެތެރޭގެ ބެލެހެއްޓުމުގެ ނިޒާމުތަކުގެ އިތުރުން، އެޕްސްޓީންއާއެކު އޮތް އަމިއްލަ ގުޅުންތަކުގެ ސަބަބުން ސަރުކާރުގެ ނިންމުންތަކަށް ނުފޫޒު ފޯރުވާފައިވޭތޯ ތަހުގީގު ކުރަމުންނެވެ. ކޮމިޓީގެ މެންބަރު ޖޯނަސް އެންޑަސަން ސަޔާދު ވިދާޅުވި ގޮތުގައި، ޚާރިޖީ ދާއިރާއަށް އޮތް އިތުބާރު އަލުން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސާފުކޮށްދޭން ޖެހެއެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައި.ޕީ.އައި) އަށް ނޯވޭ ސަރުކާރުން ދީފައިވާ ފަންޑުތަކާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. 1997 އާއި 2018 އާ ދެމެދު އެ މުއައްސަސާއަށް ނޯވޭގެ ޚާރިޖީ ވުޒާރާއިން ގާތްގަނޑަކަށް 130 މިލިއަން ކްރޯނާ (13.5 މިލިއަން ޑޮލަރު) ދީފައިވެއެވެ. މި މުއައްސަސާގެ އިސްވެރިއަކަށް 2005 އިން 2020 އަށް ހުންނެވީ ނޯވޭގެ ޑިޕްލޮމެޓް ޓެރްޔޭ ރޫޑް-ލާސަން އެވެ.
ނޯބެލް ސުލްހައިގެ އިނާމު ދޭ ގައުމުގެ ގޮތުގައާއި ބައިނަލްއަގުވާމީ ޑިޕްލޮމެސީގައި މުހިންމު ދައުރެއް އަދާކުރާ ނޯވޭގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާއަށް، އެޕްސްޓީންގެ ގުޅުންތަކުގެ ސަބަބުން މިހާރު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
1990 ގެ އަހަރުތަކުގައި މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައާއި 1993 ގެ އޮސްލޯ އެކޯޑްސް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ރޫޑް-ލާސަންއަކީ، އެޕްސްޓީން ފައިލްތަކާ ގުޅިގެން ނޯވޭގެ އިގްތިސާދީ ކުށްތައް ތަހުގީގުކުރާ އިދާރާ "އޮކޯކްރިމް" އިން ތަހުގީގުކުރަމުންދާ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.
ކުރީގެ ބޮޑުވަޒީރު ތޯބްޖޯން ޖަގްލޭންޑާއި ކުރީގެ ޑިޕްލޮމެޓް މޯނާ ޖޫލްގެ މައްސަލަވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ޖޫލް އަދި ޖަގްލޭންޑްގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭއިރު، ރޫޑް-ލާސަންގެ މައްޗަށް ކުރެވެނީ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވުމުގެ ތުހުމަތެވެ. މި ތިން ބޭފުޅުންވެސް ވަނީ އެއްވެސް ގޯސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
މީގެ އިތުރުން، ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރައީސް އަދި ސީ.އީ.އޯގެ މަގާމުން ފެބްރުއަރީ މަހު ވަކިވެވަޑައިގަތުމަށްފަހު، ކުރީގެ ފޮރިން މިނިސްޓަރު ބޯޖޭ ބްރެންޑޭވެސް ވަނީ އެޕްސްޓީންއާއެކު އޮތް ގުޅުންތަކާ ގުޅޭގޮތުން ކޮމިޓީގައި ބަޔާން ދެއްވާފައެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ނޯވޭގެ ޕާލަމަންޓުން ވަނީ އެކަޑެމިކް ދާއިރާއާއި ގާނޫނީ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ މިނިވަން ކޮމިޝަނެއް އައްޔަންކޮށްފައެވެ. މި ކޮމިޝަނުން ކުރާ ތަހުގީގުގެ ރިޕޯޓް ޖެނުއަރީ 31، 2028 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.