އެޗްއާރްސީއެމްއަށް މިއުޒީޝަނެއް އައްޔަންކޮށްފި
ހުސެއިން އާދަމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމަށް، މަޝްހޫރު މިއުޒީޝަނެއް ކަމަށްވާ ޝައްމޫން ހަމީދު އައްޔަންކުރެއްވުމާ ގުޅިގެން، ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިއީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއަކަށް ވުމުން، މެންބަރުންގެ ތަޖުރިބާއަށް ބަލައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޝައްމޫން ހަމީދު އެޗް.އާރް.ސީ.އެމް އަށް މިއަދު އައްޔަންކުރެއްވިއިރު އޭނާއަކީ ކުރިން ދައުލަތުގެ އިސް މަގާމުތަކެއް ކަމަށްވާ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އިދާރީ ހިންގުމުގެ ދާއިރާގައި ޝައްމޫންއަކީ ތަޖުރިބާކާރު ބޭފުޅަކަށް ވީ ނަމަވެސް، ދިވެހިންގެ މެދުގައި އޭނާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ މިއުޒިކީ ދާއިރާއިންނެވެ.
ތައުލީމީ މަރުހަލާ ނިންމެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިއުޒިކް އުފެއްދުމުގެ މަސައްކަތް ފެއްޓެވި ޝައްމޫންއަކީ، ދިވެހިންގެ މެދުގައި މަޝްހޫރު ގައުމީ ލަވަ "މާތްވި އިސްލާމް ދީނާ ގައުމަށްޓަކާ" ގެ ރާގު ތައްޔާރުކުރެއްވި ފަރާތެވެ. މި ލަވައިގެ ޅެން ލިޔުއްވީ އޭނާގެ ބޭބެ، ކުރީގެ ވަޒީރު ހަމްދޫން ހަމީދެވެ.
ޝައްމޫންއަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ ސީނިއާ މިނިސްޓަރު އަލްމަރުހޫމް އަބްދުﷲ ހަމީދުގެ ބޭފުޅެކެވެ.
ޝައްމޫން އެޗްއާރްސީއެމްއަށް އައްޔަންކުރުން ބޮޑު ބަހުސަކަށްވަނީ މިހާތަނަށް އެޗްއާރްސީއެމްގެ މެންބަރު ކަމުގައި ހުންނެވި ސަމާއު ކަޓުވާލުމަށްފަހު ޝައްމޫން އައްޔަންކުރުމުންނެވެ. ސަމާއުގެ ތައުލީމީ އަދި ފަންނީ ހަޔާތް ބިނާވެފައިވަނީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ދައުލަތުގެ ގާނޫނީ ކަންކަމުގެ މައްޗަށެވެ.
ސަމާއުއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވައި، ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗްލަރ އޮފް ލޯސް (އޮނަރސް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ 2015 އިން 2021 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސްޓޭޓް އެޓަރނީއެއްގެ މަގާމުން ފެށިގެން ސީނިއާ ސްޓޭޓް އެޓަރނީ އަދި ސްޓޭޓް ކައުންސެލްގެ މަގާމު ފުރުއްވާފައެވެ.
އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވި މުއްދަތުގައި، އިންސާނީ ހައްގުތަކާ ގުޅޭ ޝަކުވާތަކަށް ޖަވާބުދާރީވުމާއި، ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، ދައުލަތުގެ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ހިންގުމުގައި ސަމާއު އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އެކި ގުނަވަންތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ތަޖުރިބާވެސް އޭނާގެ ހުއްޓެވެ. ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތް ތަމްސީލުކުރެއްވުމުގެ އިތުރުން، ގާނޫނީ ލަފާދެއްވުމާއި ގާނޫނުތައް ފަރުމާކުރުމުގައިވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
މި ދެ ބޭފުޅުންގެ ފަންނީ ފަސްމަންޒަރު ތަފާތުވުމުން، އިންސާނީ ހައްގުތަކާ ބެހޭ މިނިވަން މުއައްސަސާއަކަށް މެންބަރުން ހޮވުމުގައި އިސްކަންދޭންވީ ކޮން ދާއިރާއަކަށްތޯ ބަހުސް އުފެދުމުގެ ފުރުސަތު ބޮޑެވެ.
އެޗް.އާރް.ސީ.އެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޣައިރު ގާނޫނީ ބަންދާއި، އަނިޔާކުރުމާއި، ތަފާތުކުރުންތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން، ޖަލުތަކުގެ ހާލަތު ބެލުމާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާ މިންވަރު ދެނެގަތުން ހިމެނެއެވެ.
އެހެންކަމުން، މިފަދަ މުއައްސަސާއެއްގެ މަސައްކަތަށް ގާނޫނީ، އިންސާނީ ހައްގުތަކުގެ، އަދި އިދާރީ ހިންގުމުގެ ދާއިރާގެ ތަޖުރިބާ އިންތިހާއަށް ބޭނުންވެއެވެ.