ދުނިޔެ

އެމެރިކާގައި ޝީ ޖިންޕިންގް މަޑުކުރެއްވުމަށް ހަމަޖެއްސި އާދަޔާޚިލާފު އިންތިޒާމުތަކާއެކު ސިއްހީ ހާލަތާ މެދު ސުވާލު އުފެދިއްޖެ

ހއ

ހުސެއިން އާދަމް

04 އޮކްޓޯބަރ 2026
06:47
އެމެރިކާގައި ޝީ ޖިންޕިންގް މަޑުކުރެއްވުމަށް ހަމަޖެއްސި އާދަޔާޚިލާފު އިންތިޒާމުތަކާއެކު ސިއްހީ ހާލަތާ މެދު ސުވާލު އުފެދިއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާގެ ވޮޝިންގޓަނަށް ކުރެއްވި ދަތުރުފުޅުގައި، ގިނަ ވަގުތު އަރާމުކުރެއްވުމަށް އެ ގައުމުގެ ވަފުދުން އާދަޔާޚިލާފު އިންތިޒާމުތަކެއް ހަމަޖެއްސި ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން، އެމަނިކުފާނުގެ ސިއްހީ ހާލަތާ މެދު އަލުން ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ވޯލް ސްޓްރީޓް ޖާނަލްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ޝީއަށް އިތުރު އަރާމު ވަގުތު ދިނުމަށް ޗައިނާގެ އޮފިޝަލުން ވައިޓް ހައުސްގައި އެދިވަޑައިގަތެވެ. މި އެދުމުގެ ތެރޭގައި ރަސްމީ ބައްދަލުވުންތަކުގެ މެދުތެރެއިން ޝީ އަރާމުކުރެއްވުމަށް ވައިޓް ހައުސްގެ އެތެރޭގައި ޚާއްޞަ ކޮޓަރިއެއް ހަމަޖެއްސުން ހިމެނެއެވެ.

މި ދަތުރުފުޅުގެ ރޭވުންތަކާ ބެހޭ މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ޖާނަލްގައި ބުނެފައިވަނީ، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވައިޓް ހައުސްގެ ވެސްޓް ވިންގުގައި ޝީއަށް ޚާއްޞަކޮށް ހަމަޖެއްސި "ހޯލްޑް ރޫމް" އެވެ.

މި ކޮޓަރިއަށް ވަނުމުގެ ހުއްދަ އޮތީ ހަމައެކަނި ޝީގެ އަނބިކަނބަލުން ފަންގް ލީޔުއާންއަށް އެކަނި ކަމަށްވެއެވެ. ޝީގެ ވަފުދުގެ އިސް މެންބަރެއް ކަމަށްވާ ސައި ކީއަށް ވެސް އެ ކޮޓަރި ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޗައިނާ ޑައިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޑެނިސް ވައިލްޑާ ވިދާޅުވި ގޮތުގައި، މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އާދަޔާޚިލާފު އިންތިޒާމެކެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޖުނީޗިރޯ ކޮއިޒޫމީ ނުވަތަ އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ޖޯން ހަވަރޑް ފަދަ ބޭފުޅުންގެ ދަތުރުފުޅުތަކުގައި ވެސް މިފަދަ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސެޕްޓެމްބަރު 24 ގައި ޝީ އާއި ޓްރަމްޕާ ދެމެދު ބޭއްވުމަށް ހަމަޖެހިފައި އޮތް "ވޯކިންގް ލަންޗް" ނުވަތަ މަސައްކަތު މެންދުރުގެ ކެއުން ވެސް ޗައިނާގެ އޮފިޝަލުން ވަނީ ކެންސަލް ކޮށްފައެވެ.

ޗައިނާގެ ފަރާތުން ބުނެފައިވަނީ ޝީއަށް އަރާމުކުރެއްވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. މީގެ ސަބަބުން އެ ދުވަހުގެ ރަސްމީ ތާވަލުން ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ހުސް ވަގުތެއް އުފެދުނެވެ. މިއީ މީގެ ކުރިން ޓްރަމްޕް ބެއިޖިންގަށް ކުރެއްވި ދަތުރުފުޅުގައި ދެ ބޭފުޅުން އެކުގައި މެންދުރުގެ ކެއުން ބޭއްވިކަމަށް ބަލާއިރު ފާހަގަކޮށްލެވޭ ބަދަލެކެވެ.

އެ ދުވަހުގެ ބައްދަލުވުންތަކަށްފަހު ޝީ ވައިޓް ހައުސްއިން ވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިގަތީ އެރޭ ބޭއްވުނު ރަސްމީ ފަރިއްކޮޅަށެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކަށް ހަމަޖެއްސި ވަގުތު މިހާ ބޮޑަށް ކުޑަވެގެން ދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ދެކެވަޑައިގަންނަވައެވެ.

ޖޮއިންޓް ބޭސް އެންޑްރޫސްއަށް ޝީ ވަޑައިގެންނެވި ވަގުތު، މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަމުން އަނބިކަނބަލުންގެ އަތްޕުޅުގައި ހިއްޕަވައިގެން، ބޯޓުގެ ހަރުފަތްތަކުގެ އެހީގައި ފައިބައިވަޑައިގަންނަވާ މަންޒަރު ފެނިފައިވެއެވެ. އަދި ނޭޝަނަލް އާކައިވްސްގެ ހަރުފަތްތަކުން އަރައިވަޑައިގަންނަވަމުން ވެސް އަނބިކަނބަލުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ފަދަ މަންޒަރުތަކެއް ވަނީ ފެނިފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން މިފަދަ މަންޒަރުތަކަކީ ދެމަފިރިކަނބަލުންގެ މެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ޝީގެ ހަރަކާތްތައް ހުރި ބައެއް މަންޒަރުތައް ޗައިނާގެ ޓީވީތަކުން ދެއްކިއިރު އުނިކޮށްފައިވާކަން ވޯލް ސްޓްރީޓް ޖާނަލްއިން ފާހަގަކޮށްފައިވެއެވެ.

14 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ވޮޝިންގޓަނަށް ވަޑައިގެންނެވި ރޭ، އެއްވެސް ރަސްމީ ހަރަކާތެއް ޝީއަށް ތާވަލުކޮށްފައެއް ނުވެއެވެ. އަދި ނޭޝަނަލް އާކައިވްސްގައި ހޭދަކުރެއްވުމަށް ހަމަޖެހިފައި އޮތް ވަގުތަށްވުރެ މާ މަދު ވަގުތުކޮޅެއް (ގާތްގަނޑަކަށް 10 މިނެޓު) އެތަނުގައި ހޭދަކުރެއްވި ކަމަށްވެއެވެ.

ނަމަވެސް، މި ބަދަލުތަކަކީ ދިގު ދަތުރުފުޅަކަށްފަހު ކުރިމަތިވާ ވަރުބަލިކަމުގެ ސަބަބުން ގެނައި ބަދަލުތަކަކަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ.

ޝީގެ ސިއްހީ ހާލަތާ މެދު މީގެ ކުރިން ވެސް ތަފާތު ވާހަކަތަކެއް ދެކެވިފައިވެއެވެ. 2019 ވަނަ އަހަރު ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި ހިނގުން ހުރި ގޮތުންނާއި، ގޮނޑިއެއްގެ އެހީގައި ތެދުވެވަޑައިގަންނަވާ މަންޒަރު ފެނުމުން ވެސް މިފަދަ ސުވާލުތައް އުފެދުނެވެ.

އަދި ދާދި ފަހުން އިންޑިއާގައި ބޭއްވުނު ބްރިކްސް ސަމިޓުގެ ތެރެއިން ޝީއަށް އުނދަގޫތަކެއްވާހެން ހީވެގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމާ ސުވާލު ކުރެއްވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެ ސަމިޓުގެ ރަސްމީ ފަރިއްކޮޅުގައި ވެސް ޝީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޗައިނާގެ ސިޔާސީ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާވެފައިވާ މިންވަރުން، ޝީގެ ސިއްހީ ހާލަތަކީ މުޅި ދުނިޔެއަށް މުހިންމު ކަމެކެވެ. ޗައިނާގެ އެންމެ އިސް ތިން މަގާމު ފުރުއްވަމުން ގެންދަވަނީ ޝީއެވެ. އަދި އެމަނިކުފާނަށްފަހު ވެރިކަމާ ހަވާލުވާނެ ބޭފުޅަކު މިހާތަނަށް ރަސްމީކޮށް ކަނޑައަޅާފައެއް ނުވެއެވެ.

އެހެންކަމުން، އެމަނިކުފާނުގެ ސިއްހީ ހާލަތު ދެރަވެ، ގައުމު ހިންގުމަށް އުނދަގޫވެއްޖެ ނަމަ، ޗައިނާގެ ކުރިމަގާ މެދު ބޮޑެތި ނުތަނަވަސްކަންތައްތަކެއް އުފެދިގެންދާނެއެވެ.

މިހާތަނަށް ޝީއަށް ބައްޔެއް ޖެހިފައިވާކަން ކަށަވަރުވެފައި ނުވި ނަމަވެސް، ވޮޝިންގޓަން ދަތުރުފުޅުގައި ފެނިގެންދިޔަ އާދަޔާޚިލާފު ކަންތައްތަކުން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް