އަބުޗާ މިނިވަންކުރުން ޕެރޯލް ބޯޑް ބޮލަށް ޖަހާފައި މުއިއްޒު އާއި އިހްސާން ސަލާމަތްވެއްޖެ
ހުސެއިން އާދަމް

މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދިޔަ ޢަބްދުﷲ އިބްރާހީމް (އަބޫޗާ) އަށް ޕެރޯލް ދިނުމަށްފަހު، ސަރުކާރުގެ ވަރުގަދަ ފާޑުކިޔުންތަކަކާއެކު އެ ނިންމުން ވަގުތުން ބަދަލުކޮށް ޕެރޯލް ބޯޑުގެ ބޮލަށް މުޅި މައްސަލަ ޖެހުމަށްފަހު ރައީސުލްޖުންހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރ އަލީ އިހްސާން ސަލާމަތްވެއްޖެއެވެ.
ޕެރޯލް ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން އަބޫޗާ މިނިވަންކުރީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އޭނާ ދޫކޮށްލީ ޕެރޯލް ނިޒާމުގެ ދަށުން ވަކި ޝަރުތުތަކަކާ އެކު ކަމަށެވެ. ނަމަވެސް، އޭނާއަކީ ޕެރޯލްގެ ފުރުސަތު ލިބެންޖެހޭ މީހެއް ކަމަށް ބޯޑުން ނިންމި ސަބަބުތަކެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ހޫނުވީ، ޕެރޯލްގެ ފުރުސަތު ލިބުމަށް ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ މުއްދަތު އަބޫޗާ ފުރިހަމަކޮށްފައިވޭތޯ ސުވާލު އުފެދުމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޕެރޯލް ދިނުމުގައި ލާޒިމްކުރާ މުއްދަތު އޭނާ ފުރިހަމަކޮށްފައި ނުވާތީ، އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ޕެރޯލް ބޯޑުން އަބޫޗާގެ ހުކުމުގެ މުއްދަތު ގުނާފައިވަނީ އޮޅުމެއްގެ ތެރެއިން ކަމަށާއި، އެ ނިންމުމަކީ ޤާނޫނާއި ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ.
ނަމަވެސް، މި ހަމަޖެހުމުން އުފެދޭ ސާފު ސުވާލަކީ، ޕެރޯލް ބޯޑުގެ ނިންމުމަކީ ޣައިރު ޤާނޫނީ ނުވަތަ ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނަމަ، އެފަދަ ނިންމުމެއް ފާސްވެގެން ދިޔައީ ކިހިނެއްތޯއެވެ؟
ޕެރޯލާ ގުޅޭ ކަންކަން ނިންމުމުގެ ޤާނޫނީ ޒިންމާ އޮންނަ މުއައްސަސާއަކީ ޕެރޯލް ބޯޑެވެ. އަދި އަބޫޗާ ދޫކޮށްލީ އެ ބޯޑުގެ ނިންމުމަކަށް ކަމަށް ކަރެކްޝަނުން ކުރިން ކަށަވަރުކޮށްދީފައިވެއެވެ. މި ކަންކަން ހިނގައިދިޔަ ތަރުތީބަށް ބަލާއިރު ފެންނަނީ ނުތަނަވަސް މަންޒަރެކެވެ.
ފުރަތަމަ، ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން ފާސްކުރިއެވެ.
ދެން، އަބޫޗާ ޖަލުން މިނިވަންވިއެވެ.
އެއަށްފަހު، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ނިންމުމަށް އަމާޒުވިއެވެ.
އަދި އެންމެ ފަހުން، އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބަދަލުކުރިއެވެ.