އެޕްސްޓީންގެ މައްސަލަތައް ފަޅާއަރުވާލި ވިސުލްބްލޯވަރަކު ކުއްލިއަކަށް މަރުވެއްޖެ
ހުސެއިން އާދަމް

ޖެފްރީ އެޕްސްޓީން އާއި އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހައޮވާޑް ލުޓްނިކްއާ ދެމެދު އޮތް، ކުރިން ހާމަވެފައިނުވާ ގުޅުންތަކެއް ފަޅާއަރުވާލުމުގައި އެހީތެރިވި އިނގިރޭސި ވިސުލްބްލޯވަރަކު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ އިދާރާތަކުން އޭނާއާމެދު އަމަލުކުރި ގޮތް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ގޮވާލަން ފަށައިފިއެވެ.
ބްރޯކަރޭޖް ކުންފުންޏެއް ކަމަށްވާ ބީ.ޖީ.ސީ ޕާޓްނާސްގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ، އުމުރުން 54 އަހަރުގެ ސައިމަން އެންޑްރީޒް ވަނީ، މާލީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާއި، މައްސަލަ ހާމަކުރާ ފަރާތްތަކަށް ކުރިމަތިވި ގޯނާގެ މައްސަލައިގައި އޭނާ ވަޒީފާ އަދާކުރި ކުންފުންޏާއި އިނގިރޭސިވިލާތުގެ ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ (އެފް.ސީ.އޭ) އާ ދެކޮޅަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ތައިލެންޑްގައި އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އަމިއްލައަށް މަރުވެގެން ކަމަށް ބެލެވޭއިރު، އޭނާގެ މަރުގައި ޝައްކު އުފެދޭ ފަދަ ކަމެއް ނެތް ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އެންޑްރީޒް ބީ.ޖީ.ސީގެ އެކައުންޓިންގ މައްސަލަތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަން ފެށީ 2016 ވަނަ އަހަރުގައެވެ. އޭނާ ފަހުން ތުހުމަތުކުރި ގޮތުގައި، އޭނާ ހުށަހެޅި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކުރުމަށާއި، އޭނާގެ އައިޑެންޓިޓީ ކުންފުންޏަށް އެނގުމުން އޭނާއަށް ހިމާޔަތް ދިނުމަށް އެފް.ސީ.އޭ އިން ވަނީ ނުކުޅެދިފައެވެ. ރެގިއުލޭޓަރީ އިދާރާއިން ފަހުން ވަނީ، އޭނާއަށް ވިސުލްބްލޯވަރ ހިމާޔަތް ލިބިގެން ނުވާކަމަށް ބުނެ ދީފައިވަނީ ނުބައި އިރުޝާދެއްކަމަށް އެއްބަސްވެ، އެކަމަށް މާފަށް އެދިފައެވެ.
އޭނާގެ ތުހުމަތުތަކާ ގުޅިގެން އެހެން އިދާރާތަކުން ފިޔަވަޅު އަޅާފައިވެއެވެ. އެމެރިކާގެ ކޮމޮޑިޓީ ފިއުޗަރސް ޓްރޭޑިންގ ކޮމިޝަނާއި ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ބީ.ޖީ.ސީއާ ގުޅުންހުރި މައްސަލަތަކުގައި ފިޔަވަޅު އެޅިއިރު، އިނގިރޭސިވިލާތުގެ ޓެކްސް އިދާރާއިން ވެސް އެ ކުންފުނި ޖޫރިމަނާކުރިއެވެ. އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އެންޑްރީޒްއަށް 420،000 ޑޮލަރުގެ އިނާމެއް ދިން ނަމަވެސް، އޭނާ ބުނެފައިވަނީ ޤާނޫނީ އަދި ސިއްޙީ ކަންކަމަށް އޭނާ ކުރި ޚަރަދު އެއަށްވުރެ މާ ބޮޑު ކަމަށެވެ.
ފަހަކަށް އައިސް އެންޑްރީޒް މަޝްހޫރުވެފައިވަނީ ލުޓްނިކް އާއި އެޕްސްޓީންއާ ދެމެދު އޮތް ސިއްރު މުޢާމަލާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިން ފަރާތެއްގެ ގޮތުގައެވެ.
އޭނާ ހާމަކުރި ގޮތުގައި، އެޕްސްޓީންގެ މައްސަލައިގައި އާންމުވި ލިޔެކިޔުންތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އީމެއިލްތަކެއް ފެނިފައިވެއެވެ. އެ އީމެއިލްތަކުން އެނގޭ ގޮތުގައި، ލުޓްނިކް އާއި ޖިންސީ ކުށްވެރިޔާ އެޕްސްޓީން ވަނީ ދެމީހުންވެސް އިންވެސްޓްކޮށްފައިވާ "އެޑްފިން" ނަމަކަށް ކިޔާ ޑިޖިޓަލް އެޑްވަަޓައިޒިންގ ކުންފުންޏަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިދިޔަ މެއި މަހު ލުޓްނިކް ގާނޫނު ހަދާ މަޖިލީހުގައި ހެކިބަސް ދިނުމުގެ ކުރިން، އެންޑްރީޒް ވަނީ މި ލިޔެކިޔުންތައް އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީއަށް ހުށަހަޅާފައެވެ. ލުޓްނިކް ކޮމިޓީގައި ވިދާޅުވީ، އެ ވިޔަފާރީގައި އެޕްސްޓީން ބައިވެރިވާކަން އޭނާއަށް އެނގުނީ 2016 ވަނަ އަހަރު ކަމަށެވެ.
މި ހާމަވުންތަކާ ގުޅިގެން، ލުޓްނިކް އާއި އެޕްސްޓީންގެ ގުޅުމާ ބެހޭގޮތުން ކުރިން ދައްކާފައިވާ ވާހަކަތަކަށް އޮތް ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ލުޓްނިކް ގާނޫނު ހަދާ މަޖިލީހަށް އޮޅުވާލި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެންޑްރީޒްގެ މަރާ ގުޅިގެން މިހާރު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ވިސުލްބްލޯވަރުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ އެފް.ސީ.އޭގެ އަމަލުތައް މިނިވަންކަމާއެކު ބެލުމަށް ބާރުއަޅަމުންނެވެ.
ލޭބަރ ޕާޓީގެ މެންބަރު ޖޯން މެކްޑޮނަލް އާއި ޕާލަމެންޓްރީ ގްރޫޕްގެ އެހެން މެންބަރުން ބަހުސްކުރައްވާ ގޮތުގައި، ރެގިއުލޭޓަރީ އިދާރާއަކަށް އަމިއްލަ ނަފްސު ތަޙުޤީޤުކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. އެހެންނަމަވެސް، އެފް.ސީ.އޭ އިން ވަނީ އެންޑްރީޒްގެ މައްސަލަ ބެލި ގޮތް ރިވިއުކުރުމަށް އެ ބޯޑުގެ މެންބަރެއް ކަމަށްވާ ލީ ޕެޓަރސަން އައްޔަންކޮށްފައެވެ.
އެފް.ސީ.އޭ އިން ދައުވާކުރާ ގޮތުގައި އެންޑްރީޒް ފޯރުކޮށްދިން މަޢުލޫމާތުތަކަށް އެ އިދާރާއިން ސީރިއަސްކޮށް ބެލި ނަމަވެސް، އޭނާއާ މުޢާމަލާތް ކުރުމުގައި ގޯސްތަކެއް ހެދިފައިވާކަމަށް އެއްބަސްވެއެވެ. މަރުވުމުގެ ކުރިން އެންޑްރީޒް ވަނީ، އޭނާ ފަضحާކުރި މައްސަލަތަކަށް ރެގިއުލޭޓަރުން ދިން ރައްދު ސިފަކުރަމުން، އެއީ ހަމައެކަނި "ލޮލުގައި އަނދުން އެޅުވުން" ފަދަ ކަމެއްގެ ގޮތުގައި ބުނެފައެވެ.