ޚަބަރު

ރަސްމާލެ މައްސަލައިގައި ޝަހީމް ހަނު - އެކުވެރިޔާއަށް ސަރުކާރު ކުންފުންޏެއްގެ އެމްޑީކަން ދެއްވައިފި!

ހއ

ހުސެއިން އާދަމް

08 އޮކްޓޯބަރ 2026
16:22
ރަސްމާލެ މައްސަލައިގައި ޝަހީމް ހަނު - އެކުވެރިޔާއަށް ސަރުކާރު ކުންފުންޏެއްގެ އެމްޑީކަން ދެއްވައިފި!

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގާތް ގުޅުމެއް އޮންނަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް، އަލަށް އުފެއްދި މޯލްޑިވްސް އައުގާފް އިންވެސްޓްމެންޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

އޭނާއަށް މިފަދަ މަގާމެއް ދެއްވިއިރު ޝަހީމް އާއި ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާ ދެމެދު އޮތް ކަމަށް ބުނާ ގުޅުމާ މެދު އަދި ދައުލަތުގެ އައު ކުންފުނީގެ ވެރިޔަކަށް ޔާމީން އިދުރީސް އައްޔަންކުރުމުގައި އެ ގުޅުމުގެ އެއްވެސް ދައުރެއް އޮތްތޯ ފާޑުކިޔާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔާމީން އިދުރީސަކީ ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހިއްސާދާރެކެވެ. ޝަހީމަކީ ވެސް އެ ކުންފުންޏާ ގުޅުން އޮތް ބޭފުޅެކެވެ. މީގެ އިތުރުން އެ ކުންފުންޏާ ގުޅުން އޮންނަ ކަމަށް ބުނާ އެހެން ފަރާތްތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ އަހްސަން އަދި އޭނާގެ ކޮއްކޮ އިބްރާހިމް އަޝްވަގު ހިމެނެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ބަހުސްތައް ހިނގަމުންދާ ދަނޑިވަޅެއްގައި، ހާއްސަކޮށް އެ އެއްބަސްވުމުގެ ތަފުސީލުތައް އާންމުކޮށްފައި ނުވާތީ އަދި އެ މަޝްރޫއަށް ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައި ޔާމީން އިދުރީސް އެ މަގާމަށް އައްޔަންކުރި ވަގުތާ މެދު ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ޔާމީން އިދުރީސްއަށް އެމަގާމު ދެއްވީ ރަސްމާލެ މައްސަލައިގައި ޝަހީމް ހަނުހުންނަވާތީ ދެއްވި ހަދިޔާއެއްގެ ގޮތުގައެވެ.

ނަމަވެސް، ޔާމީން އިދުރީސް އެ މަގާމަށް އައްޔަންކުރީ ޝަހީމާ އޮތް ކަމަށް ބުނާ ވިޔަފާރީގެ ގުޅުމުގެ ސަބަބުން ކަމަށް ނުވަތަ ރަސްމާލެ މަޝްރޫއާ މެދު އޭނާ ދެކޭ ގޮތުގެ ސަބަބުން ކަން ސާބިތުވާ އެއްވެސް ހެއްކެއް މިހާތަނަށް އާންމުވެފައެއް ނުވެއެވެ. އަދި އެއިން އެއްވެސް ކަމަކީ މި އައްޔަންކުރުމުގައި ބެލި ކަމެއް ކަމަށް ސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޔާމީން އިދުރީސް އެ މަގާމަށް އައްޔަންކުރިކަން އިއުލާނުކުރީ، އެ އައު ކޯޕަރޭޝަންގެ ޗެއާޕާސަން އަދި ބޯޑު މެންބަރުން އައްޔަންކުރުމާ އެކުގައެވެ.

މި އައު ކޯޕަރޭޝަނަކީ ވަގުފް މުދާ ތަރައްގީކޮށް ބެލެހެއްޓުމަށާއި، މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމުގެ އިތުރުން ޝަރީއާ ހުއްދަކުރާ ވިޔަފާރި ހަރަކާތްތައް ހިންގުމަށް އުފެއްދި ކުންފުންޏެކެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް