އީގަލް ހިލްސް އެއްބަސްވުމުގައި މުއިއްޒު ސޮއިނުކުރީ ގާނޫނާ ހިލާފުކަން އެނގޭތީ: އަލީ ހުސެއިން
ހުސެއިން އާދަމް

ރަސްމާލޭގެ ބައެއް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ އިމުން ބޭރުން ހިންގި ބޮޑު އަމަލެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ރޭ ކުރިއަށްދިޔަ ފުރަތަމަ ފޯރަމްގައި އަލީ ހުސެއިން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ބަދަލުގައި ވަޒީރަކު ފޮނުއްވީ، ކުރިމަގުގައި އެކަމުގެ ޒިންމާ އުފުލަން ޖެހިވަޑައިގެންފާނެތީ ކަމަށެވެ.
ކުދިކުދި އޭޓީއެމްތައް ހުޅުވުމުގެ ރަސްމިއްޔާތުތަކަށް ވެސް ރައީސް ވަޑައިގަންނަވާއިރު، މިހާ ބޮޑު ގައުމީ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ހަވާލުކުރެއްވީ އެކަމުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ފުރަތަމަ ދެއްވި ގާނޫނީ ލަފާގައި ވެސް، މިއީ ގާނޫނުއަސާސީއާ ހިލާފު މުއާމަލާތެއް ކަމަށާއި ބިމާބެހޭ ގާނޫނުތަކުގެ ދަށުން މިފަދަ ކަމެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އާދައިގެ މީހެއްގެ 500 ރުފިޔާގެ މައްސަލައެއް ތަހުގީގުކުރަމުންދާއިރު، އެއްވެސް ބިޑުކުރުމެއް ނެތި 500 ހެކްޓަރުގެ ބިން ދޫކޮށްލި މައްސަލަ ނުބެލި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިފަދަ ބޮޑެތި މައްސަލަތައް ނުބަލާތީ، އާންމު މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކޮށްދިނުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ދުރާލާ ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ރައްޔިތުން އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފަން ފަށައިފިނަމަ އެދެވޭ ނަތީޖާ ފެންނަން ފަށާނެ ކަމަށާއި، ރަސްމާލެ އެއްބަސްވުން ހުއްޓުވޭނީ ވެސް ރައްޔިތުން މި ހައްގު ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.