މަޖިލިސް ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި ނިންމުން އަނބުރާ ގެންދަން އެމްޑީޕީ ޕީޖީން ގޮވާލައިފި
ހުސެއިން އާދަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ އުޖޫރަ މަތިކުރުމަށް ވެރިކަންކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމި ނިންމުން ބާތިލުކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން އެދިއްޖެ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 12 މެންބަރެއްގެ ސޮޔާއެކު މިއަދު އާންމުކުރި ބަޔާނުގައި ފާހަގަކޮށްފައިވަނީ، މާލިއްޔަތު ކޮމިޓީން ނިންމި މި ނިންމުމުގައި އެ ޕާޓީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި ހިނގަމުންދާ އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 4.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވަނީ މިފަދަ ކަންކަން ހުއްޓުވައި ދައުލަތް ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު ކަމަށް ވިޔަސް، ޕީއެންސީގެ ސުޕަމެޖޯރިޓީގެ ބޭނުން ހިފައިގެން ސަރުކާރުން ވަނީ އެ ޒިންމާ އަދާކުރުމަށް ހުރަސްއަޅާފައި ކަމަށް އެމްޑީޕީން ތުހުމަތުކުރެ އެވެ.
މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އިތުރަށް 40 މިލިއަން ރުފިޔާ ހަރަދުވާނެކަން ފާހަގަކޮށް، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދިނުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށްވެސް މާލިއްޔަތު ކޮމިޓީން ފާސްކުރި ނަމަވެސް، މަޖިލީހުގެ ރައީސާއި ވަޒީރުންނާ އަޅާބަލާއިރު ކައުންސިލަރުންނަށް އިތުރުކޮށްދިނީ ނިސްބަތުން ކުޑަ މިންވަރެކެވެ.
އަދި ކައުންސިލަރުންގެ މުސާރައަކީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ތެރެއިން ހަމަޖައްސަންޖެހޭ ފައިސާއަކަށް ވާތީ، މީގެ ސަބަބުން ކައުންސިލްތަކުގެ ހިންގުމަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުން އެމްޑީޕީ ޕީޖީން ވަނީ ފާޅުކޮށްފަ އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ 70 އިންސައްތައަށް ހާޒިރުވާ މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، 75 އިންސައްތައަށްވުރެ އިތުރަށް ހާޒިރުވާނަމަ 20،000 ރުފިޔާ ލިބެ އެވެ.
މިހާރު ހަމަޖެހިފައިވާ އުސޫލުން، ކޮމިޓީ އެލަވަންސާއެކު މަޖިލީހުގެ ނައިބު ރައީސަށް މަހަކު 91،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެހެންކަމުން މާލިއްޔަތު ކޮމިޓީން ނިންމީ މަޖިލީހުގެ ރައީސަށް އިތުރު އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ދިނުމަށެވެ. މި ބަދަލާއެކު މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ޖުމުލަ އަދަދު މަހަކު 95،000 ރުފިޔާއަށް އަރާނެ އެވެ.
ވަޒީރުންގެ ޑްރައިވަރުންގެ އެލަވަންސް ބޮޑުކުރުމަށްވެސް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޑްރައިވަރުންގެ އެލަވަންސް ނުލައި ވަޒީރަކަށް މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި މިހާރު މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެ އެލަވަންސާއެކު ޖުމުލަ ލިބިވަޑައިގަންނަވަނީ 66،000 ރުފިޔާ އެވެ.
މިހާރު ދޭ ޑްރައިވަރުންގެ އެލަވަންސްގެ ތެރޭގައި ހިމެނެނީ ތެލުގެ ހަރަދަށް ދޭ 1،000 ރުފިޔާއާއި ޑްރައިވިން އެލަވަންސްގެ 6،500 ރުފިޔާއާއެކު ޖުމުލަ 7،500 ރުފިޔާ އެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީން އަލަށް ފާސްކުރި ގޮތުން ޕެޓްރޯލަށް 2،000 ރުފިޔާ، ޑްރައިވަރުގެ މުސާރައަށް 12،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އެ ބަދަލާއެކު، މުސާރައާއި އިނާޔަތްތައް ހިމެނޭހެން ވަޒީރަކަށް މަހަކު ޖުމުލަ 75،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.