ދީންތަކާ ދެކޮޅުވުމާއި ގައްދާރުވުން ކުށަކަށް ހަދާ ބިލު މަޖިލީހުގެ އެޖެންޑާއިން ނަގައިފި
ހުސެއިން އާދަމް

ގައުމަށް ހިޔާނާތްތެރިވުމާއި އިގްތިސާދީ ގޮތުން ގެއްލުންދިނުން ބޮޑެތި ޖިނާއީ ކުށްތަކަކަށް ހެދުމަށްޓަކައި، ގާނޫނުލްއުގޫބާތަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ކުއްލިގޮތަކަށް ނަގައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް އެންމެ ފުރަތަމަ އާންމުކުރި އެޖެންޑާގައި، ސަރުކާރު ތަމްސީލުކުރައްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮތީ ހިމަނައިފައެވެ. އެހެންނަމަވެސް، ފަހުން ނެރުނު އިސްލާހުކުރި އެޖެންޑާއިން މި ބިލު ވަނީ އުނިކޮށްފައެވެ.
އެޖެންޑާއިން މި ބިލު ނެގި ސަބަބާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އަދި އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅި ދަނޑިވަޅަކީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ދެކޮޅަށް އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައި އަޑުއުފުލަމުންދާ ވަގުތެކެވެ. ބިލުގައި ހުރި މާއްދާތައް މާނަކުރެވިދާނެ ގޮތްތަކަށް ބަލާއިރު، މި މަޝްރޫއާ ދެކޮޅަށް ހިޔާލުފާޅުކުރުމަކީ ބޮޑު އަދަބެއް ކަނޑައެޅިދާނެ އަމަލެކެވެ.
މިގޮތުން، އިގްތިސާދަށް ބޮޑެތި ގެއްލުންދޭ އަމަލުތައް ހިންގުން ކުށަކަށް ހެދުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. މި މާއްދާ ބަޔާންކުރާ ގޮތުގައި، ދައުލަތަށް އާމްދަނީ ލިބެމުންދާ މައިގަނޑު ސިނާއަތެއްގެ ހިންގުމަށް ހުރަސްއަޅައި ހުއްޓުވުމަށް އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.
މިއީ ރަސްމާލެ މަޝްރޫއާ ދެކޮޅުހެދުމާއި ޓޫރިޒަމް ފަދަ މުހިންމު ސިނާއަތްތަކުގައި ކުރިއަށްގެންދާ މުޒާހަރާތަކާއި އިހުތިޖާޖުތައް މަނާކޮށް ކުށަކަށް ހެދުމަށް ޖާގަ ލިބިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަރުކާރުން މުހިންމު ކަމަށް ނިންމާ ކޮންމެ ދާއިރާއެއްގައި އިހުތިޖާޖު ކުރިނަމަވެސް، މި ކުށުގެ ދާއިރާއަށް އެކަން ފެއްތުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެއެވެ.
ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސް މަގާމެއް ފުރަމުންދާ ފަރާތަކުން މިފަދަ އަމަލެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އާންމު ފަރުދުންނަށް ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ އަދަބެކެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ފަދަ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމާ ދެކޮޅަށް ބަސްބުނެ އަޑުއުފުލައިފިނަމަ، އެ ފަރާތްތަކަށް ލިބޭ އަދަބު އެތައް ގުނައަކަށް ބޮޑުވެގެންދެއެވެ. މިއީ ސިޔާސީ ފަރާތްތަކުގެ ހިޔާލުފާޅުކުރުން ހުއްޓުވައި އަނގަބަންދުކުރުމަށް އޮތް ބޮޑު ނުރައްކަލެކެވެ.
މީގެއިތުރުން، ގަތުލުއާންމު ހިންގުމާއި އެފަދަ ކަމަކަށް ސީދާ ގޮތެއްގައި އަދި ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލުމަކީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމުގައި ބިލުގައި ހިމަނާފައިވެއެވެ. މި މާއްދާ އެކުލަވާލާފައިވާ ގޮތުން، ޒަޔަނިސްޓުންނާ ދެކޮޅަށް ދިވެހިން ކުރާ ބައެއް ތަގުރީރުތަކާއި ދައްކާ ވާހަކަތަކަކީ ވެސް ވަކި ބަޔަކު ނައްތާލަން ގޮވާލުން ކަމަށް މާނަކޮށް ފިޔަވަޅު އެޅުމުގެ ޖާގަ އޮވެދާނެއެވެ.
ހަމައެއާއެކު، ދައުލަތަށް ހިޔާނާތްތެރިވުމާއި ދުޝްމަނުންނަށް ވާގިވެރިވުމަކީ ކުށެއް ކަމުގައި ކަނޑައަޅާއިރު، މިފަދަ އަމަލެއް ހިންގައިފި މީހަކަށް ދައުލަތުގެ އެއްވެސް މަގާމެއް ދުވަހަކުވެސް އަދާނުކުރެވޭނެ ގޮތަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.