ސަރުކާރާއި ދެކޮޅު ގަރާރަކަށް ވެސް ދެން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ހުސެއިން އާދަމް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި ގަރާރު ބަލައިގަންނަން ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮންނަ ގޮތުން ނަމަ، މެމްބަރަކު ގަރާރެއް ހުށަހެޅުމާ އެކު، އެ ގަރާރު ބަލައިގަތުމުގެ ކުރިން މުޅި މަޖިލީހުގައި އެ މައުލޫއަކަށް ބަހުސްކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބިގެންދެ އެވެ. އަދި ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަނީ ބަހުސްގެ މަރުހަލާ ނިމުމުންނެވެ.
ނަމަވެސް މި މާއްދާއަށް ގެނައި އާ އިސްލާހާ އެކު، މަޖިލީހަށް ގަރާރެއް ހުށަހެޅުމުން އެންމެ ފުރަތަމަ ވެސް ވޯޓަށް އަހާނީ އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން އެ ގަރާރެއް ބަލައިގަންނަން ފާސްނުވެއްޖެ ނަމަ، އެއްވެސް ބަހުސަކަށް ފުރުސަތު ނުލިބި އެ ގަރާރެއް ވަގުތުން ބާތިލުވާނެ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް އެފަދަ ގަރާރެއް ދެން ހުށައެއްނޭޅޭނެ އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އާންމު ކޮމިޓީން އިއްތިފާގުން މި ބަދަލު ފާސްކޮށް ތަޅުމަށް ފޮނުވުމުން، ވޯޓުގެ ކުރިން ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހު ބޭރުކޮށްލީ ޕީއެންސީގެ 55 މެމްބަރުންގެ ވޯޓުންނެވެ.
އެއަށްފަހު، ގަވާއިދަށް މި ބަދަލު ގެންނަން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ 56 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. މި ބަދަލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެމްބަރުންނެވެ.
މި ބަދަލާ އެކު، މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ކަމަކަށް ނޫނީ ދެން މަޖިލީހުގައި ގަރާރެއްގެ ބަހުސް ނުހިނގާނެ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ގަރާރު ހުށަހަޅަން ދެން ފުރުސަތު ނުދޭނެ ކަމަށެވެ.
ފަލާހު ވިދާޅުވީ ގަރާރު ހުށަހަޅަންޏާ ހުށަހަޅަންޖެހޭނީ ސަރުކާރުން ކުރާ ކަންކަމަށް ޝުކުރު އަދާކުރުމަށް ކަމަށާއި، ނުވަތަ ކުރީގެ ވެރިކަންކޮށްފައިވާ ފަރާތްތަކުގެ އެކައުންޓުތަކުގައި ހުރި ފައިސާގެ މައްސަލަތައް ފަދަ ކަންކަމުގައި ކަމަށެވެ.
"އޭރަށް އަޅުގަނޑުމެން ފުރުސަތު ދޭނަން މިތަނުގައި ވޯޓުދީގެން ގަރާރު ހުށަހަޅަން. އެހެން ނޫނީ ދެން ކުރިއަށް އޮތް ތަނުގައި ފުރުސަތެއް ނުލިބޭނެ،" ފަލާހު ވިދާޅުވި އެވެ.