ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ފަސް ދުވަހުގެ ތެރޭގައި ދިނުމަށް އަންގައިފި
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން އެދުނު ތަފްސީލުތައް 5 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިނިސްޓްރީ އޮފް ޑިފެންސަށް އަމުރުކޮށްފިއެވެ.
ރާއްޖެޓީވީން ހޯދަން އެދިފައިވަނީ މި އަހަރުގެ މިހާތަނަށް ރައީސްގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް ކުރެއްވި ޖުމްލަ ދަތުރުފުޅުތަކުގެ އަދަދާއި، އެ ދަތުރުތަކަށް ދައުލަތުން ހޭދަވި ފައިސާގެ މިންވަރެވެ. މީގެ އިތުރުން، ރައީސްގެ ދެކަނބަލުންނާއި ދަރިކަލުންނާއި ދަރިކަނބަލުން ފިޔަވައި އެހެން ފަރާތްތަކެއް އެ ދަތުރުފުޅުތަކުގައި ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި، އެގޮތަށް ގެންގޮސްފައިވާނަމަ އެއީ ކިތައް ފަހަރު، ކިތައް މީހުންކަން އެނގޭނެ ތަފްސީލު ވެސް ހިމެނެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން 20 ޖޫން 2026 ގައި ހުށަހެޅި މި އާރްޓީއައިއަށް 9 ޖުލައި 2026 ގައި ޑިފެންސް މިނިސްޓްރީން ދިން ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީގެ ރިވިއު ކޮމިޓީއަށް ވެސް މައްސަލަ ހުށަހެޅިއެވެ.
އެހެންނަމަވެސް، 9 ޖުލައި 2026 ގައި މިނިސްޓްރީން ފޮނުވި ޖަވާބުގައި އެދުނު މައުލޫމާތު ފުރިހަމައަށް ނުހިމެނޭތީއާއި، އެއީ ސުވާލުތަކަށް އެކަށޭނަ ސާފު ޖަވާބުތަކެއް ކަމަށް ނުފެންނާތީ، ރާއްޖެޓީވީން ވަނީ އެ މައްސަލަ އައިކޮމްއަށް ޝަކުވާގެ ގޮތުގައި ހުށަހަޅާފައެވެ.
މި މައުލޫމާތުތައް ހޯދަން އެދުނު ސަބަބުތަކުގެ ތެރޭގައި، އާރަށަށް ވަޑައިގެންނެވި އަދަދާ ބެހޭގޮތުން ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް ވާހަކަފުޅު ދައްކަވާފައިވުމާއި، ޗުއްޓީ ދަތުރުފުޅުތަކުގެ އަދަދާއި ޚަރަދާއި ބައިވެރިވި ފަރާތްތަކުގެ އަދަދަކީ ސިއްރުކުރަންޖެހޭ މައުލޫމާތެއް ކަމަށް ނުދެކޭތީ ކަމަށް ރާއްޖެޓީވީން ބުނެއެވެ. އަދި ރައީސް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދާއި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލު ވެސް އާންމުކުރަމުންދާކަން އެ ފަރާތުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ހުށަހެޅުނު ޝަކުވާތަކަށާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ބެއްލެވުމަށްފަހު، އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވަނީ ނިންމެވުމެއް ނިންމަވާފައެވެ.
އެގޮތުން ނިންމެވީ، ރާއްޖެޓީވީން އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ، ނުވަތަ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތު ރަސްމީ 5 ދުވަހުގެ ތެރޭގައި ރާއްޖެޓީވީއާ ހިއްސާކުރުމަށެވެ. އަދި އެފަދަ މައުލޫމާތެއް މިނިސްޓްރީގައި ނެތްނަމަ، އެކަންވެސް ރަސްމީ 5 ދުވަހުގެ ތެރޭގައި އަންގަންޖެހޭނެ ކަމަށް އައިކޮމްގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.