ސިޔާސީ

މުއިއްޒުގެ އެކުވެރިޔާ ރާޖޫއަށް އެމްއޭސީއެލް އިން 1.7 ބިލިއަން ރުފިޔާ ދެނީ!

ހއ

ހުސެއިން އާދަމް

07 ނޮވެމްބަރ 2026
07:36
މުއިއްޒުގެ އެކުވެރިޔާ ރާޖޫއަށް އެމްއޭސީއެލް އިން 1.7 ބިލިއަން ރުފިޔާ ދެނީ!

ހުޅުމާލެ ފޭސް ތިނެކާއި، ގިރާވަރުފަޅު އަދި ތިލަފުށީގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން ކުރި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ބަދަލުގައި، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 1.76 ބިލިއަން ރުފިޔާ (114 މިލިއަން ޑޮލަރު) ދައްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވެފައިވާ ކަން އޮޑިޓު ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

ސީއެމްސީގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ސެވަރަޖާ މަނިވަންނަން (ރާޖޫ) އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގުޅިގެން މި މުއާމަލާތް ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔައިރު، އެމްއޭސީއެލް އިން މި މަޝްރޫއުތަކާ ހަވާލުވި ގޮތުގެ އެއްވެސް ތަފުސީލެއް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލް އާއި އެ ކުންފުނީގެ ސަބްސިޑަރީ މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) ގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި ފައިސާ ދައްކަނީ އެމްއައިއައިޑީ މެދުވެރިކޮށެވެ. މި ކުންފުންޏަކީ ސީއެމްސީއާ އެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި އުފެއްދި ކުންފުންޏެކެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މުއާމަލާތަކީ ހަދަމުންދާ އެސެޓެއް ގަތުމުގެ (އެކުއިޒިޝަން އޮފް އެސެޓްސް އަންޑާ ކޮންސްޓްރަކްޝަން) މުއާމަލާތެކެވެ. މަޝްރޫއުތައް ބަދަލުކުރުމުގެ ކުރިން ސީއެމްސީން ކުރި މަސައްކަތްތަކަށް އެއްބަސްވި އަގުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 323.8 މިލިއަން ރުފިޔާ (21 މިލިއަން ޑޮލަރު) ވަނީ ދައްކާފަ އެވެ.

އަދި ބާކީ އޮތް 1.43 ބިލިއަން ރުފިޔާ (93 މިލިއަން ޑޮލަރު) އަކީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ އެވެ. މީގެ އިތުރުން ސަބްކޮންޓްރެކްޓަރެއްގެ ގޮތުން ސީއެމްސީން އަދިވެސް އަމަލީ މަސައްކަތް ކުރަމުންދާއިރު، މިދިޔަ އަހަރުގެ މަސައްކަތަށް އެމްއައިއައިޑީން 123.6 މިލިއަން ރުފިޔާ ދައްކައި، އެސްޓީއޯއިން ދަރަންޏަށް ނެގި 37.3 މިލިއަން ރުފިޔާގެ ތެޔޮ ވެސް ސީއެމްސީގެ ޑްރެޖަރުތަކަށް އަޅައިދީފައިވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ސީއެމްސީއަށް ކުރިން ދޭން ނިންމާފައި އޮތް ބިމާއި ތަރައްގީގެ ހައްގުތަކުގެ ބަދަލުގައި އެ ކުންފުންޏަށް މިހާރު ލިބެނީ ފައިސާ އެވެ. އަދި ބިންތައް ލިބެނީ އެމްއައިއައިޑީއަށެވެ.

ނަމަވެސް އެމްއޭސީއެލްއަށް ލިބޭ ބިމުގެ ބޮޑުމިނާއި، އެ ބިން ލިބޭ ތަނެއް އަދި ލިބޭނެ ތާރީހެއް އޮޑިޓުގައި ހާމަކޮށްފައެއް ނެތެވެ. މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ސީއެމްސީއަށް ބަދަލެއް ނުދީ އެއްބަސްވުން ބާތިލުކުރަން އުޅޭ ކަމަށާއި، ގިރާވަރުފަޅަށް 35 މިލިއަން ޑޮލަރު ދީފައިވާއިރު ކޮށްފައިވަނީ 20 މިލިއަން ޑޮލަރުގެ މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އޮޑިޓުން ފެންނަ ބޮޑު ސެޓްލްމަންޓް އަގާއި މިނިސްޓަރުގެ ވާހަކަފުޅުތަކާ ދިމާނުވާއިރު، ކުރިން ދިން ފައިސާ ކަނޑާފައިވާ ކަމެއް ވެސް އެނގޭކަށް ނެތެވެ.

މި މަޝްރޫއުތަކާ ގުޅިގެން އެމްއޭސީއެލްގެ މާލީ ބުރަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެގޮތުން ހުޅުލޭގެ ބިމާއި ރަންވޭގެ ލީސް ހައްގުތައް ރަހުނުކޮށްގެން 1.26 ބިލިއަން ރުފިޔާގެ އާ ލޯނު ނެގުމުގެ އިތުރުން، ދައުލަތުގެ ސެކިއުރިޓީތައް ރަހުނުކޮށްގެން 15 މިލިއަން ޑޮލަރުގެ ލޯނެއް ވެސް އެ ކުންފުނިން ވަނީ ނަގާފަ އެވެ. މިއާއެކު 2025 ނިމުނުއިރު އެމްއޭސީއެލް އާއި ސަބްސިޑަރީތަކުގެ ދަރަނި ވަނީ 16.64 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައި 3.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ގިރާވަރުފަޅުގެ މަސައްކަތަށް ސަރުކާރުން އެމްއޭސީއެލްއަށް 650.7 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަން ވެސް ބަޖެޓު ލިޔެކިޔުންތަކުން ދައްކަ އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް