ޖަވާބުދާރީ ކުރުވަން އުނދަގޫވާތީ "ސިގްނަލް" އެޕް ބޭނުންނުކުރަން އެމެރިކާގެ ވެރިންނަށް އަންގައިފި
ހުސެއިން އާދަމް

އެމެރިކާގެ ހައުސް ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު، ރެޕްރެޒެންޓެޓިވް ޖޭމީ ރާސްކިން (ޑިމޮކްރެޓް، މެރީލެންޑް)، އޮޓޯއިން މެސެޖު ޑިލީޓްވާ ސިގްނަލް ފަދަ އެޕްލިކޭޝަންތައް ބޭނުންނުކުރުމަށް ފެޑެރަލް ގިނަ އިދާރާތަކަކަށް ބުރާސްފަތި ދުވަހު އިންޒާރު ދެއްވައިފިއެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި އެފަދަ އެޕްތައް ބޭނުންކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، އޭގެ ސަބަބުން ކޮންގްރެސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މުރާޖަޢާކުރުމާއި ފާރަވެރިވުމުގެ މަސައްކަތްތަކަށް ހުރަސްއެޅިދާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ބަހާތަކަށާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) ގެ އެކި އިދާރާތަކަށް ފޮނުވި މި ހަ ސިޓީއަކީ، އެފް.ބީ.އައިގެ އެންމެ އިސް ޤާނޫނީ ވަކީލު، ޓްރަމްޕްގެ ޢާއިލާއާ ގުޅުންހުރި ފަރާތަކާ ސިގްނަލް މެދުވެރިކޮށް މުޢާމަލާތްކުރި މަންޒަރު ފެންނަ ސްކްރީންޝޮޓެއް މަޖިލީހުގެ މައިނޯރިޓީއަށް ލިބުމާ ގުޅިގެން ފޮނުވި ސިޓީތަކެކެވެ.
"ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން ސަރުކާރުގެ ރެކޯޑުތައް ފުޅާ ދާއިރާއެއްގައި ނައްތާލައި، ހަލާކުކޮށް، އަދި ވަންހަނާކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ފާހަގަކޮށްލެވޭ ހެކި އެބަހުއްޓެވެ. މިއީ ސީދާ ފެޑެރަލް ރެކޯޑުތައް ރައްކާތެރިކުރުމުގެ ޤާނޫނުތަކަށް ފިލުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ،" ސިޓީގައި ލިޔެފައިވެއެވެ.
އެފް.ބީ.އައި އަށް ފޮނުއްވި ސިޓީގައި ރާސްކިން ލިޔުއްވާފައިވެއެވެ. "ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމުން ރެކެން ކުރާ މި މަސައްކަތް، ފެޑެރަލް އިދާރާތަކުގެ އެންމެ މަތީ ފަންތިއަށާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސް އޮފިޝަލުންނާ ހަމައަށް ވެސް ވަނީ ފޯރާފައެވެ."
މި ސިޓީތަކުގައި އަލިއަޅުވާލާފައިވަނީ އެފް.ބީ.އައިގެ ޖެނެރަލް ކައުންސެލް ސޭމް ރޭމާ، ޑްރޫ ލިންޗްއާ އެކު ސިގްނަލް މެދުވެރިކޮށް ކޮށްފައިވާ ޗެޓަކަށެވެ. ކިމްބަލީ ގިލްފޮއިލްގެ ޕްރޮޑިއުސަރެއް ކަމަށްވާ ލިންޗަކީ، ކުރީގެ ސަފީރު (ގިލްފޮއިލް) ގެ ކްރެޑިޓް ކާޑު ދަރަނި ދެއްކުމަށްޓަކައި ޓްރަމްޕްގެ ބައިވެރިއެއްގެ އަތުން ފައިސާ ހޯދި ކަމަށް ބުނެ ހައުސް އޯވަރސައިޓް ކޮމިޓީން ކުރިއަށްގެންދާ ތަޙުޤީޤަށް ސުވާލުކުރުމަށް ހޯދަމުންދާ ފަރާތެކެވެ. އެއީ އެކަމަނާގެ މަޤާމު ކަށަވަރުކުރުމުގެ އަޑުއެހުމުގެ ކުރިން ހިނގި ކަމެކެވެ.
ރޭމާ ވަނީ އެފް.ބީ.އައިގެ ޑިރެކްޓަރ ކޭޝް ޕަޓޭލް އަށް ފޮނުއްވާފައިވާ ސިޓީއެއް ލިންޗަށް ފޮނުވާފައެވެ. އެ ސިޓީގައި ޙަވާލާދީފައިވަނީ 2013 ވަނަ އަހަރު ދަޢުވާ އުފުލުނު އަބޫބަކުރު ޢަތީޤް ދުއްރާނީ އަށެވެ. އަދި 2024 ވަނަ އަހަރު ޕާކިސްތާނުން ދުއްރާނީ ފެނުނު ކަމަށް ބުނާ ލިންކެއް ވެސް އެ ދެބޭފުޅުންގެ މުޢާމަލާތުގައި ހިމެނޭ ކަމަށް ފެނެއެވެ. މި މުޢާމަލާތް ހިނގާފައިވަނީ ރޭމާގެ އަމިއްލަ ފޯނުން ކަމެއް ނުވަތަ ރަސްމީ މަސައްކަތު ފޯނުން ކަމެއް ސާފެއް ނޫނެވެ.
މި ކުރު މުޢާމަލާތް ސިފަކުރައްވަމުން ރާސްކިން ވިދާޅުވީ، އެއީ "ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން މަކަރާއި ޙީލަތް ހެދުމާއި އެއާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި ކަމާބެހޭ ފެޑެރަލް ފަރާތްތަކުން ހޯދަމުންދާ މީހަކާ ގުޅޭގޮތުން ހިނގަމުންދާ ނުވަތަ ހިންގުމަށް ހަމަޖެހިފައިވާ ތަޙުޤީޤަކާ ގުޅޭ" ވާހަކަތަކެއް ކަމަށެވެ.
"މި ޗެޓްގެ ސްކްރީންޝޮޓުން ފެންނަ ގޮތުގައި، އެއް ހަފްތާ ފަހުން މެސެޖުތައް އަމިއްލައަށް ފޮހެވިގެންދާ ގޮތަށް މި މުޢާމަލާތް ހިންގި ފަރާތްތަކުން ވަނީ ޤަޞްދުގައި ސެޓިންގްސް ހަދާފައެވެ."
"ފެޑެރަލް ރެކޯޑުތައް ޤާނޫނާ ޚިލާފަށް ވަންހަނާކުރުމާއި، ބޭރުކުރުމާއި، ބަދަލުކުރުމާއި، ނުވަތަ ނައްތާލުމަކީ ޖިނާއީ ބޮޑު ކުށެކެވެ. މި ހާލަތުގައި މިސްޓަރ ރޭމާ ކޮށްފައިވަނީ އެފަދަ ކަމެއް ކަމަށް ބެލެވެއެވެ،" ރާސްކިން ލިޔުއްވާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން އެފް.ބީ.އައި އިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މި ސަރުކާރުގެ އޮފިޝަލުން ސިގްނަލް ބޭނުންކުރަނިކޮށް ފަޅާއެރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޙޫޘީންނާ ދެކޮޅަށް ދޭން އުޅޭ ޢަސްކަރީ ޙަމަލާތަކަކާ ބެހޭގޮތުން މަޝްވަރާކުރި ސިގްނަލް ގްރޫޕް ޗެޓަކަށް 'ދި އެޓްލާންޓިކް' ގެ ނޫސްވެރިޔަކު އޮޅިގެން އެޑްކުރެވުނު މައްސަލައިގައި ވެސް ސަރުކާރުގެ އޮފިޝަލުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
ރާސްކިންގެ މި ސިޓީގައި އެފް.ބީ.އައި އަށް އިތުރަށް ގޮވާލައްވާފައިވަނީ، "ސަރުކާރުގެ ނޫން އެޕްލިކޭޝަންތަކުން ޤަވާޢިދާ ޚިލާފަށް ފޮހެލާފައިވާ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ރެކޯޑުތައް ދެނެގަތުމަށް ތަޙުޤީޤެއް ފެށުމަށާއި، 44 ޔޫ.އެސް.ސީ. § 3106 ގެ ދަށުން އެ ރެކޯޑުތައް އަލުން އަނބުރާ ހޯދުމަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ."