ސިޔާސީ

ސަރުކާރުން ހަރަދުކުރާ ގޮތާ ފާސްކުރާ ބަޖެޓާ ގުޅުމެއް ނޯވޭ: ޝަމްހީދު

ހއ

ހުސެއިން އާދަމް

23 ނޮވެމްބަރ 2026
11:00
ސަރުކާރުން ހަރަދުކުރާ ގޮތާ ފާސްކުރާ ބަޖެޓާ ގުޅުމެއް ނޯވޭ: ޝަމްހީދު

ދައުލަތުން މާލީ ހަރަދުތައް ހަމަޖައްސަމުން ގެންދާ ގޮތާއި ރައްޔިތުންގެ މަޖިލީހުން އެކަށައަޅައި ފާސްކުރާ ބަޖެޓާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ބަޖެޓް ފާސްކުރުމަކީ ހަމައެކަނި ގާނޫނީ ވާޖިބެއް ފުރިހަމަކޮށްލުމުގެ ނަމުގައި ކުރިއަށްގެންދާ އާދައިގެ ކަމަކަށް ވެފައިވާ ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަމުންދަނީ އެކި ނަންނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ބަދަލުކޮށްގެންނެވެ.

ޝަމްހީދު ވިދާޅުވީ، ޑްރެޖަރެއް ހޯދުމުގެ ބޭނުމުގައި ފައިސާ ދޫކުރަނީ އާރްޓީއެލްގެ ސަބްސިޑީގެ ނަމުގައި ކަމަށެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމަށްޓަކައި ދިރިއުޅުމުގެ އަގުހެޔޮކުރުމަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި، ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 900 މިލިއަން ރުފިޔާ އެޗްޑީސީގެ އެކައުންޓަށް ޖަމާކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާ ފަދަ ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވެސް އޭނާ ބަޔާންކުރެއްވި އެވެ.

ދައުލަތުގެ އެކިއެކި މަސައްކަތްތައް ހިންގި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ނުދައްކައި އޮތް މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝަމްހީދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރު ނިމުނުއިރު އެފަދަ ފަރާތްތަކަށް ނުދެވި އޮތީ ތިން ބިލިއަން ރުފިޔާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ދަތި ހާލަތަކީ ކޮވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރަށް ވުރެ ވެސް ނިކަމެތި ހާލަތެއް ކަމަށެވެ. އަދި ގައުމުގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، މި ހާލަތު ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ގޯސްވަމުންދާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

ސަރުކާރުން ބަޖެޓް ތައްޔާރުކުރާ އުސޫލުތަކާއި އެ ފައިސާ ހަރަދުކުރަމުންދާ ގޮތްތަކާ މެދު، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެހެން ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބޭނުންވާ މުހިންމު ތަފުސީލުތައް ހިމަނާފައި ނުވާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެންބަރުން ވިދާޅުވީ މި ފަހަރު ވެސް އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް