ޚަބަރު

ސެޓުލްމަންޓް އެއްބަސްވުމާ ބެހޭ މައްސަލަ ދީބާޖާއިން ކުއްލިއަކަށް އަނބުރާ ގެންގޮސްފި

ހއ

ހުސެއިން އާދަމް

23 ނޮވެމްބަރ 2026
11:20
ސެޓުލްމަންޓް އެއްބަސްވުމާ ބެހޭ މައްސަލަ ދީބާޖާއިން ކުއްލިއަކަށް އަނބުރާ ގެންގޮސްފި

ދީބާޖާ އިންވެސްޓްމަންޓަށް ކޯޓުން ބޭރުން ބަދަލު ދިނުމަށް އެއްބަސްވެ މިދިޔަ ސަރުކާރުން ހަދާފައިވާ ސެޓަލްމެންޓް އެގްރީމަންޓަށް އަމަލުކުރުން މަޑުޖައްސާލުމާ ގުޅިގެން، އެ އެއްބަސްވުމަށް އަމަލުކުރުމަށް އެދި ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުނިން ކުއްލިއަކަށް އަނބުރާ ނަގައިފިއެވެ. ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެ މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ދީބާޖާއަށް ދިނުމަށްފަހު، ކޯޓުން އެ މައްސަލަ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ދީބާޖާއަށް އުތުރުގެ ހަތަރު އަތޮޅެއްގައި ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ޝަރުއީ މަރުހަލާތަކަށް ދިޔައެވެ.

ތިން ފަހަރެއްގެ މަތިން ސުޕްރީމް ކޯޓަށް ގޮތެއް ނިންމަން ޖެހުނު މި މައްސަލާގައި އެންމެ ފަހުން އެ ކޯޓުން ކަނޑައެޅީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި ދީބާޖާއަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ހިސާބުކުރީ ގޯސްކޮށް ކަމަށްވާތީ، ބަދަލުގެ އަދަދު އަލުން ކަނޑައެޅުމަށް އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވިއެވެ.

މި މައްސަލަ ސިވިލް ކޯޓުގައި އޮއްވައި، މިދިޔަ ސަރުކާރުން ވަނީ ދީބާޖާއާއެކު ސެޓަލްމަންޓް އެއްބަސްވުމެއް ހަދައި، ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައެވެ. އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ އެޑްވާންސްގެ ގޮތުގައި 12.8 މިލިއަން ރުފިޔާ ދީ، ބާކީވާ 51.2 މިލިއަން ރުފިޔާ ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ދައްކަން އެއްބަސްވި ނަމަވެސް، އެ މުއްދަތު ހަމަނުވަނީސް ސަރުކާރު ބަދަލުވެ އާ ސަރުކާރުން ނިންމީ ސެޓަލްމަންޓް އެއްބަސްވުންތަކަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.

ބާކީ ފައިސާ ދޫނުކުރާތީއާއި ސެޓަލްމަންޓް އެއްބަސްވުމަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 7 ޖެނުއަރީ 2024 ގައެވެ. މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވެ، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް، ޑިސެމްބަރު 2024 ގައި ދައުލަތުން ވަނީ އެ ސެޓަލްމަންޓް އެއްބަސްވުން ބާތިލްކޮށްފައެވެ. އެހެންކަމުން އެއްބަސްވުން ދައުލަތުން ބާތިލްކޮށްފައިވުމާއި އަދި ބަދަލު ހޯދުމުގެ އަސްލު މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާތީ، އެ ސެޓަލްމަންޓްގެ މައްސަލަ އަނބުރާ ގެންދަން އެދިފައިވާ ކަމަށް ކޯޓު ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ދީބާޖާއިން މި މައްސަލަ އަނބުރާ ގެންދިޔައިރު، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝާހީން މުހައްމަދާއި މުހައްމަދު ހުސައިންފުޅު (ބަނބުކެޔޮ ހުސައިން) ވަނީ މީގެ އަހަރެއް ކުރިން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް