ސިޔާސީ

"ބްރަދާ އަބްދުﷲ" އަކީ މުއްތަލިބުތޯ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި!

ހއ

ހުސެއިން އާދަމް

24 ނޮވެމްބަރ 2026
08:36
"ބްރަދާ އަބްދުﷲ" އަކީ މުއްތަލިބުތޯ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި!

ރަސްމާލެ މަޝްރޫއުގެ ތެރެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ނިންމި އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މުހާތަބުކުރައްވާ "ބްރަދާ އަބްދުﷲ" އަކީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުތޯ ސާފުކުރުމަށް މަޖިލީހުގައި ކުރި ސުވާލަށް ޖަވާބެއް ނުދެއްވައި އޭނާ އެ ސުވާލު ދޫކޮށްލައްވައިފިއެވެ.

ރަސްމާލެ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކަށަވަރުކުރުމަށް، ރިޝްވަތުގެ ގޮތުގައި "ބްރަދާ އަބްދުﷲ" ގެ ނަމުން މުހާތަބުކުރެވޭ ފަރާތަކަށް އީގަލް ހިލްސްގެ ވެރިޔާ ބޮޑެތި އަދަދުތަކުން ފައިސާ ދިންކަމަށް، އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމާ ދެކޮޅު ހަދާ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތުހުމަތުތަކަށް އަލިއަޅުއްވާލައްވައި، "ބްރަދާ އަބްދުﷲ" އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލު އަމާޒުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އެހެންނަމަވެސް، އެ ސުވާލަށް މިނިސްޓަރު އެއްވެސް އިޖާބައެއް ނުދެއްވިއެވެ.

އޭގެ ބަދަލުގައި މިނިސްޓަރު އަލިއަޅުއްވާލެއްވީ މައުރޫފް އެންމެ ފުރަތަމަ ކުރެއްވި ސުވާލަށެވެ. އެ ސުވާލުގައި މެންބަރު މައުރޫފް އެއްސެވީ، ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް 500 ހެކްޓަރު ދިނުމުން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެތޯއެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ކުރިން މުއްތަލިބު ދެއްވީ ސިޔާސީ ރައްދެކެވެ. އޭނާ ވިދާޅުވި ގޮތުގައި މައުރޫފްގެ ވިސްނުންފުޅު ހުރީ ރަސްމާލެއަކީ ހަމައެކަނި މީހުން ނިދަން އަރާ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ދޫކުރި ބީދައިން، ވިޔަފާރިއެއް ނުވަތަ އާމްދަނީއެއް ހޯދޭނެ އެއްވެސް މަގެއް ނެތި ރަސްމާލެއިން ގޯތި ދީފިނަމަ، ކުރިއަށް އޮތް ސާޅީސް އަހަރުގެ ތެރޭގައި ވެސް އެ ސަރަހައްދު ތަރައްގީ ނުވާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސްއަށް ދޫކުރަނީ، އެތަނުގެ ދިވެހީންނަށް ހާއްސަ ބައިގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް މިނިސްޓަރު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމަށް އެދޭ ހުރިހާ ރައްޔިތުންނަށްވެސް ރަސްމާލޭގެ ދިވެހީންގެ ބައިން ބޯހިޔާވަހިކަން ހަމަޖައްސައިދެވޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

500 ހެކްޓަރަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ވާ ވަރަށް ވުރެ ވެސް ބޮޑު ސަރަހައްދެއް ކަމަށާއި، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ބިމުން ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މަޝްރޫއާއެކު އުފެދޭ އިގުތިސާދަށް ހުރަސްއެޅުމަކީ ސީދާ ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމަށް ހުރަސްއެޅުން ކަމުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން 65،000 ހައުސިން ޔުނިޓު ބިނާކުރުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި 1250 އަކަފޫޓުގެ 25،000 ގޯތި ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ޒަމާނީ އާބަން ޑިވެލޮޕްމެންޓުގެ އުސޫލުތަކާ އެއްގޮތަށް ތަރައްގީކުރާ ތަނެއްގައި 1250 އަކަފޫޓުގެ 25،000 ގޯތި ދޫކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ އެތަނުން 15،000 ގޯތި ދޫކުރުމަށެވެ. އެ ގޯތިތަކަށް އެދި 22،500 އަށްވުރެ ގިނަ ފަރާތުން މިހާރު ވަނީ ކުރިމަތިލައިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް